ENGLISH
30 ޑިސެމްބަރު 2025
މަސްވެރިންނަށް މިއަދު 1.3 މިލިއަން ރުފިޔާ ޖަމާކޮށްދީފި
30 ޑިސެމްބަރު 2025
|
ދިވެހި މަސްވެރިންތަކެއް މަސްވެރިކަންކުރުމުގައި. ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ
މަސްވެރިން ބާނާ މަހަށް ސަރުކާރުން ގަވާއިދުން ފައިސާ ދޫކުރަމުން އަންނައިރު، 45 ދޯންޏަކަށް 1.3 މިލިއަން ރުފިޔާ މިއަދު ޖަމާކޮށްދީފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނެފިއެވެ.
މިފްކޯ އިން އަންނަނީ ކޮންމެ ދުވަހަކު އެ ކުންފުނިން މަސްވެރިންނަށް ދޫކުރަމުންދާ ފައިސާގެ ތަފްސީލުތައް މީޑިޔާއާ ހިއްސާކުރަމުންނެވެ.
އެގޮތުން، މިފްކޯ އިން މީޑިޔާއާ ހިއްސާކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 28 ވަނަ ދުވަހު ކިރުވި މަހަށް، މަސްދޯނި ފަހަރަށް މިއަދު ޖަމާކުރީ 1،311،122.35ރ. (އެއް މިލިއަން ތިންލައްކަ އެގާރަ ހާސް އެއް ސަތޭކަ ބާވީސް ރުފިޔާ، ތިރީސް ފަސް ލާރި) އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް އޮތް 250 މިލިއަނެއްހާ ރުފިޔާ އޮތެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ ދޫކޮށް ނިންމަވައި، 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ރައީސް ހަމަޖެއްސެވިއެވެ.
އެއަށްފަހު ކިރުވާ މަހަށް 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދޫކުރަމުން އަންނައިރު މި ބަދަލާއެކު މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް އައިސްފައިވެއެވެ. އެގޮތުން މަސްވެރިން ބާނާ މަސް ކިރުވާ މިންވަރާއި މަސް ބޭރުކުރާ މިންވަރު އިތުރުވެފައިވެއެވެ.
މީގެއިތުރުން، ދާދިފަހުން ސަރުކާރުން ވަނީ މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ވެސް ހެޔޮކޮށްދީފައެވެ. ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށް ގެނައި ބަދަލަކީ މަސްވެރިންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މަސްވެރިން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމަކީ ސަރުކާރުން ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.