ENGLISH
30 ޑިސެމްބަރު 2025
މީޑިޔާއަށް ދޫކުރާ ފައިސާގެ ތަފުސީލުތައް ހާމަކުރާނަން: މިނިސްޓަރު
30 ޑިސެމްބަރު 2025
|
މިނިސްޓަރ އިބްރާހީމް ވަހީދު، ފޮޓޯ: ރައީސް އޮފީސް
ދައުލަތުގެ ބަޖެޓުން މީޑިޔާއަށް ދޫކުރަން ކަނޑައެޅި ފައިސާގެ ތެރެއިން ވަކިވަކި މީޑިޔާތަކަަށް ލިބޭ ފައިސާގެ ތަފުސީލުތައް ހާމަކުރައްވާނެ ކަމުގައި ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީން ހިންގަމުންދާ އެކި މަސައްކަަތްތަކުގެ އަދާހަމަ މައުލޫމާތު ހާމަކުރެއްވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި އަސްވާޑު ވިދާޅުވީ 41 މީޑިޔާއަކަށް ފައިސާ ދޫކުރަން ނިންމައި އެކަން މީޑިޔާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮމިޝަނުން އެ ވުޒާރާއަށްް ފޮނުވާފައި އޮތީ އެ ކޮމިޝަނުން މީޑިޔާތަކަށްް ފައިސާ ދޫކުރުމުގައި އަމަލުކުރާ އުސޫލުގެ ދަށުން ކޮންމެ މީޑިޔާއަކަަށް ލިބުނު ޕޮއިންޓުތައް އެނގޭ ލިސްޓެކެވެ. އެ ލިސްޓުގައި ވަކިން ކޮންމެ މީޑިޔާއަކަށް ލިބެނީ ކިހައި ފައިސާއެއްކަަން އެނގެން ނެތްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ނަމަވެސް ވަކިވަކި މީޑިޔާތަކަށް ދޫކުރާ ފައިސާގެ އަދަދުތައް ފޮނުވައިދިނުމަށް މިހާރު ކޮމިޝަނުގައި އެދިވަޑައިގެންފައިވާނެކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ކޮމިޝަނުން ވުޒާރާއާ އެ މައުލޫމާތު ހިއްސާކުރުމާއެކު، ރައްޔިތުންނަށް އެ މައުލޫމާތު ހާމަކުރައްވާނެއެވެ.
މީޑިޔާއަށް ފައިސާ ދޫކުރުމުގެ މަސައްކަަތުގައި ވުޒާރާގެ ދައުރަކީ މީޑިޔާ ކޮމިޝަނުން އުސޫލުގެ ދަށުން ފައިސާ ދޫކުރާނެ ގޮތްތައް ކަނޑައަޅައި ފައިސާ ދޫކުރާނެ މިންވަރު ކަނޑައެޅުމުން އެ ލިސްޓު ފިނޭންސް މިނިސްޓްރީއަށް ފޮނުވުންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މިހާރު ވުޒާރާއިން އަދާކުރާ ހަމައެކަނި ދައުރަކީ މި މަސައްކަތުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމެވެ.
ދައުލަތުގެ ބަޖެޓުން ވަކި މިންވަރެއް މީޑިޔާތަކަށް ހާއްސަކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެންމެ ފުރަތަމަ އެ ފައިސާ ދޫކުރުމުގެ މަސައްކަތްކުރީ ޔޫތު މިނިސްޓްރީންނެވެ. ނަމަވެސް ބައެއް މީޑިޔާއިން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން އެ މަސައްކަތް އަލަށް ގާނޫނުން އުފައްދާފައިވާ މީޑިޔާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަނާ ހަވާލުކޮށް، އެކަމުގެ އުސޫލު އާއްމުކޮށް، އެ އުސޫލުގެ ދަށުން މީޑިޔާއަށް ފައިސާ ލިބޭނެ މިންގަނޑުވަނީ އާއްމުކޮށްފައެވެ.