ENGLISH
10 އޭޕްރީލު 2025
ސީރިއާގެ ދާޚިލީ މައްސަލަ ހައްލު ކުރުމަށް އީރާން ސިފައިން ފޮނުވަން ތައްޔާރު
04 ޑިސެމްބަރު 2024
|
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް ޢަރާގުޖީ.
ސީރިއާގެ ދާޚިލީ މައްސަލަތައް ހައްލު ކުރުމަށް އީރާން ސިފައިން ފޮނުވަން ތައްޔާރު ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާގުޖީ ވިދާޅުވެއްޖެ އެވެ.
ޤަތަރުގެ އަރަަބް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ޢަރާގުޖީ ވިދާޅުވީ ސީރިއާ އިން ރަސްމީކޮށް އެދިއްޖެ ނަމަ އީރާން ސިފައިން އެ ގައުމަށް ފޮނުވާނެ ކަމަށެވެ.
އީރާނުގެ ޚާރިޖީ ވަޒީރު މި މޭރުމުން ވާހަކަ ދެއްކެވި އިރު ސީރިޔާގެ ހުޅަނގު އުތުރުގައި އޮތް ޙަލަބް ޕްރޮވިންސަށް، ހައިޔަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ހަނގުރާމަވެރިން ވަނީ އަތްގަދަކޮށްފައެވެ.
އެޗްޓީއެސްގެ ހަނގުރާމަވެރިން ޙަލަބު ޕްރޮވިންސްގައި ހަމަލާތައް ދޭން ފަށާފައި ވަނީ މިދިޔަ ހަފުތާގައެވެ. ހަލަބުގައި ތިބި ސީރިއާ ސިފައިން ފަހަތަށް ޖެއްސުމަށް ފަހު، އެޗްޓީއެސްގެ ހަނގުރާމަވެރިން ވަނީ އެ ޕްރޮވިންސްގެ ބޮޑު ސަރަޙައްދެއް އެ މީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ހަލަބުގެ މައި އެއާޕޯޓު ވެސް ހިމެނެއެވެ.
ސީރިޔާގެ ދާޚިލީ ހާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހުގައި ބޭއްވި ޖަލްސާއެއްގައި އެމެރިކާ އާއި ރަޝިޔާ އިން ވަނީ، ހަނގުރާމަވެރިންނަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް، އެއް ގައުމު އަނެއް ގައުމަށް ތުހުމަތު ކޮށްފައެވެ.
ޢަރަގުޖީ ވިދާޅުވީ ސީރިއާގެ ހުޅަނގު އުތުރުގެ ސަރަހައްދުތަކަށް ހަނގުރާވެރި ޖަމާއަތުން ދިން ހަމަލާތަކުގެ ސަބަބުން އަވައްޓެރި ގައުމުތަކުގެ ސަލާމަތަށް ވެސް ނުރައްކާވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ތުރުކީ އާއި އީރާން އަދި އިރާގު ހިމެނޭ ކަމަށް ވިދާޅުވިއެވެ.