ENGLISH

26 ޑިސެމްބަރު 2025

Advertisement

ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ބައެއް ސާމާނު ފުލުހުންނަށް ހަދިޔާކޮށްފި

26 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ބައެއް ސާމާނު ފުލުހުންނަށް ހަދިޔާކުރުން

ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ބައެއް ސާމާނު ދިވެހި ފުލުހުންގެ ޚިދުމަތަށް ހަދިޔާކޮށްފި އެވެ.

މި ތަކެތި ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްދެއްވީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) މޯލްޑިވްސް ގުޅިގެންނެވެ.

ޖުމުލަ 2.6 މިލިއަން ދިވެހި ރުފިޔާގެ އަގުހުރި މި އެހީގެ ދަށުން ފަސް ދާއިރާއަކުން 2064 އައިޓަމް ފުލުހުންނަށް ވަނީ ފޯރުކޮށްދީފަ އެވެ. އޭގެ ތެރޭގައި، އަލިފާން ނިއްވުމަށް ބޭނުންކުރާ ސާމާނާއި، ޕަމްޕު އަދި ކަރަންޓު އާލާތްތަކާއި، ކަނޑުމަތީގެ ސަލާމަތާއި ރެސްކިއު ގިއަރ، ސިއްހީ ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ސާމާނާއި، ފީލްޑް އޮޕަރޭޝަންސް އަދި ސަޕޯޓް އިކުއިޕްމަންޓްގެ އިތުރުން މީހާގެ ރައްކާތެރިކަމަށް ބޭނުންކުރާ ސާމާނު (ޕީޕީއީ) ހިމެނެއެވެ.

މި ތަކެއްޗަކީ ޔޫއެންޑީޕީ ފަންޑިންގ ވިންޑޯސްގެ "ރިޑްސް އިން ސިޑްސް" މަޝްރޫއުގެ ދަށުން ޑެންމާކް، ލަގްޒެމްބާގް އަދި ދެކުނު ކޮރެއާ ސަރުކާރުގެ ދީލަތި އެހީއާއެކު ފޯރުކޮށްދިން ތަކެއްޗެވެ.

މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ މޫސުމީ ބަދަލުތަކަށް ދިވެހިރާއްޖެ ހާނުވައި، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު ކާރިސީ ހިރާސް ކުޑަކުރުމަށް ބާރުއަޅައި، ގައުމީ ފެންވަރުގައި ވިލުންވެރިކަން އިތުރުކުރުމެވެ. މިގޮތުން ކާރިސާގެ ހާލަތްތަކުގައި އިޖާބަދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުގެ ހުނަރާއި ވަސީލަތްތައް އިތުރުކުރުމަށް މި މަޝްރޫއުން ބޮޑު އިސްކަމެއްދެއެވެ.

ޔޫއެންޑީޕީ އިން ފާހަގަ ކުރާގޮތުގައި މި އެހީތެރިކަމަކީ ރާއްޖޭގެ ރަށްތަކަށް ކުރިމަތިވާ މޫސުމީ ކާރިސާތަކުގެ ހިރާސް ކުޑަކުރުމާއި، އިންޒާރުދޭ ނިޒާމުތައް ކުރިއާލައި ވަރުގަދަކުރުމާއި، ކާރިސާތަކަށް އިޖާބަދިނުމުގެ އިންތިޒާމުތައް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ދެއްކެވި ވާހަކަފުޅުގައި، 2004 ޑިސެމްބަރު 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާން އައުކުރައްވައި އެ ދުވަހު ފުލުހުންގެ ތެރޭގައި މަސައްކަތްކުރެއްވި ގޮތުގެ މައްޗަށް އަލިއަޅުއްވައި ވާހަކަފުޅު ދެއްކެވިއެވެ. އަދި ކާރިސާތަކާއި ހަދިސާތަކުގައި ފުލުހުންކުރާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދެއްވީތީ އެންޑީއެމްއޭ އާއި ޔޫއެންޑީޕީގެ ބޭފުޅުންނަށް ޝުކުރުއަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ ޚިދުމަތަށް މި ތަކެތި ހޯދައި ދިނުމުގެ ބޭނުމަކީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް ވިދާޅުވި އެވެ. އަދި ފުލުހުންނަކީ ރަށްރަށުގައި ގާއިމުވެ ތިބެ، މުޖުތަމައުތަކާ އެންމެ ގާތުން މަސައްކަތްކުރާ އަދި ކާރިސާތަކުގައި އެންމެ ފުރަތަމަ އިޖާބަދޭ އެއް މުއައްސަސާއަށް ވީހިނދު މިއަދު ހަވާލުކުރެވުނު އާލާތްތަކުގެ ސަބަބުން، ކުއްލި ހާލަތްތަކުގައި އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް ރަށު ފެންވަރުގައި އެޅުމަށް މަގުފަހިވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު