ENGLISH
26 ޑިސެމްބަރު 2025
ފުރަތަމަ ފަހަރަށް ކޮމާޝަލް ޖެޓެއް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފި
26 ޑިސެމްބަރު 2025
|
ހަނިމާދޫ އެއާޕޯޓަށް ޖެއްސި ފުރަތަމަ ކޮމާޝަލް ޖެޓް، ފޮޓޯ: އޭވިއާ މޯލްޑިވްސް
ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހަނިމާދޫ އިންޓަނޭޝަނަަލް އެއާޕޯޓު ހުޅުވިފަހުން ފުރަތަމަަ ފަހަރަށް އެ އެއާޕޯޓަށް ކޮމާޝަލް ޖެޓެއް ޖައްސައިފިއެވެ.
މީގެ 39 އަހަރު ކުރިން ތަރައްގީކުރި ހަނިމާދޫ އެއާޕޯޓަކީ އިންޓަނޭޝަނަލް އެއާޕޯޓެއް ކަމުގައި ކަނޑައެޅި ނަމަވެސް އެއާޕޯޓުގެ ރަންވޭގެ ކުޑަކަމުގެ ސަބަބުން އެ އެއާޕޯޓަށް ޖައްސަމުން އައީ ހަމައެކަނި އޭޓީއާރް އަދި ޑޭޝް މަރުކާގެ މަތިންދާބޯޓުތަކެވެ. އަދި އެ އެއާޕޯޓުން ބައިނަލްއަގުވާމީ ދަތުރަކަށް ކުރަމުންއަައި އިންޑިޔާގެ ޓްރިވެންޑަމަށް ކުރި ދަތުރުތަކެވެ.
އިންޑިޔާގެ އެހީތެރކަމާއެކު ހަނިމާދޫ އެއާޕޯޓު ތަރައްގީކޮށްފައވަނީ 136.6 މިލިއަން ޑޮލަރު ހަރދުކޮށްގެންނެވެ. ރަންވޭ ބޮޑުކުރުމާއެކު، ހަނިމާދޫ އެއާޕޯޓުގައި ޒަމާނީ ފެންވަރުގެ ފަސިންޖާ ޓާމިނަލަކާއި އިންޓަނޭޝަނަލް އެއާޕޯޓަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކޮށްފައިވެއެވެ.
އޭވިއާ މޯލްޑިވްސްއިން މިއަދު މީސްމީޑިޔާގައި އާއްމުކުރި ވީޑިޔޯއެއްގައި ހަނިމާދޫ އެއާޕޯޓަށް ފުރަތަމަ ފަހަރަށް ޖެއްސި ކޮމާޝަލް ޖެޓު ޖެއްސި މަންޒަރުވަނީ ފެނިފައެވެ. އެ އެއާޕޯޓު ތަރައްގީކޮށްފައިވަނީ ވައިޑް ބޮޑީ މަތިންދާބޯޓުގެ އިތުރަށް ޕްރައިވެޓް ޖެޓުތަކަށްވެސް ޖެއްސޭ ގޮތަށެވެ.
އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ނިމިފައިވާއިރު ސަރުކާރުން އަންނަނީ އުތުރުގެ ތިން އަތޮޅުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ ސަރަހައްދުތަކުގައި އިންވެސްޓުކުރާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ދެވޭ ގޮތަށް އުސޫލުތައް މުރާޖައާކޮށްފައިވެއެވެ.
އެއާއެކު ހއ.ނާގޯށީގައި ރިސޯޓެއް ތަރައްގީކުރުމުގެ މަޝްރޫއު މަޑުޖެހި ހުއްޓިފައި އޮންނަތާ އެތައް އަހަރެއްވެފައިވަނިކޮށް މި ސަރުކާރުންވަނީ އެ ރަށް ތަރަައްގީކުރާަ އެމްޓީޑީސީއަށް ބީއެމްއެލް މެދުވެރިކޮށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދީ އެ މަޝްރޫއުވެސް ފެށޭނެ މަގުފަހިކޮށްދީފައެވެ.