ENGLISH
26 ޑިސެމްބަރު 2025
އެކަނިވެރި މައިންނާއި ބަފައިންނަަށް ދޭ އިނާޔަތް 12،000 ރުފިޔާއާ ހަމައަށް ބޮޑުކޮށްފި
26 ޑިސެމްބަރު 2025
|
އެކަނިވެރި މައިންނާއި ބަފައިންގެ އިނާޔަތް އިތުރުކޮށްދެއްވަން ނިންމެވުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ރައީސަށް ޝުކުރު އަދާކުރަމުން، ފޮޓޯ: މިހާރު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް އެކަނި ދަރިން ބަލަހައްޓަމުންދާ މަންމައިންނާއި ބައްޕައިންނަށް ދައުލަތުން ދެމުންދާ އެހީ 12،000 ރުފިޔާއާ ހަމައަށް ބޮޑުކުރަން ސަރުކާރުން ނިންމައިފިއެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން އެކަނިވެރި މައިންނާއި ބަފައިންނަށް އިނާޔަތް ދިނުމުގެ އުސޫލަށް ގެނައި ބަދަލާއެކު ކުރިން ހަތަރު ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށް ދެމުންއައި 2،000 ރުފިޔާގެ ބަދަލުގައި މިހާރު ކޮންމެ ކުއްޖަކަށް 3،000 ރުފިޔާ ލިބޭނެއެވެ.
އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އިނާޔަތަށް ގެނައި ބަދަލާއެކު ހަތަރު ކުދިން ބަލަހައްޓަމުންދާ މަންމައިންނާއި ބައްޕައިންނަށް މިހާރު މަހެއްގެ މައްޗަށް 12،000 ރުފިޔާ ދައުލަތުން ދެމުންދާނެއެވެ.
އޭގެ އިތުރަށް އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ އާއިލާތަކުގެ ތެރެއިން ހަތަރު ކުދިންނަށްވުރެ ގިނަ ކުދިން ތިބި އާއިލާތަކަށް ހަތަރު ކުދިންނަށްވުރެ އިތުރުވާ ކޮންމެ ކުއްޖަކަަށް މަހެއްގެ މައްޗަށް ދައުލަތުން 1،000 ރުފިޔާ ދެމުންދާނެއެވެ. އެއީ ކުރިންވެސް ހަތަރު ކުދިންނަށްވުރެ އިތުރުވާ ކުދިންގެ ނިސްބަތުން އިނާޔަތް ދެމުން އައި ގޮތެވެ.
އެކަނިވެރި މައިންނާއި ބަފައިންނަށް ދައުލަތުން ދޭ އިނާޔަތަކީ ޒަމާނަަށް އައި ބަދަލުތަކާއި ތަކެތީގެ އަގަށް އައި ބަދަލުތަކާ އަޅާބަލާއިރު އެކަށީގެންވާ އަދަދެއްގެ ފައިސާ ނޫންކަމަށް ގިނަ ބަޔަކު ބުނަމުންދާތާ އަހަރުތަކެއްވީ ނަމަަވެސް އެ އިނާޔަތަށް އެއްވެސް ބަދަލެއް ފާއިތުވި ސަރުކާރުތަކުން ނުގެނެއެވެ.
އެކަނިވެރި މައިންނާއި ބައްޕައިންގެ ޝަކުވާތައް އަޑުއައްސަވައި މިހާރުގެ އިގުތިސާދީ ހާލަތަށް ރިއާޔަތްކުރައްވަައި އެފަދަ މައިންބަފައިންނަށް ދައުލަތުން ދޭ އިނާޔަތް އިތުރުކޮށްދެއްވުމަށް ރައީސް ޑރ.މުޢިއްޒު ނިންމެވުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެމަނިކުފާނަށް ޝުކުރު އަދާކުރަމުންނެވެ.