ENGLISH

26 ޑިސެމްބަރު 2025

Advertisement

އޮޕަރޭޝަން ކުރަނގި؛ ދަފުތަރުވާންދޭ ފުރުސަތު ހަމަވުމުން ނުގަވާއިދުން އުޅޭ އެންމެން ޑީޕޯޓުކުރަން ފަށާނެ

26 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

އިމިގްރޭޝަނުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން، ފޮޓޯ: އިމިގްރޭޝަން

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ނުގަވާއިދުން އުޅޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަދެ ދަފުތަރުވުމަށް ދިން ފުރުސަތު ހަމަވުމާއެކު، އެ ފުރުސަތުގެ ބޭނުންނުކޮށް ތިބި ހުރިހާ ބިދޭސީން ހައްޔަރުކޮށް ޑީޕޯޓުކުރަމުންދާނެ ކަމުގައި ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. 

ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ ޕްރޮގުރާމަކަށް ދެއްވި ބަސްދީގަތުމެއްގައި އިހުސާން ވިދާޅުވީ މިހާތަނަށް އޮޕަރޭޝަަން ކުރަނގިގެ ދަށުން ކުރެވުނު މަސައްކަތަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ބައޯމެޓްރިކް ޑާޓާ އެއްކުރުމުގެ މަސައްކަތް ކަމަށާއި، އެ މަސައްކަތުގެ ތެރެއިން މިހާތަނަށް 202،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ. 

މިހާރު ހުޅުވާލާފަައިވާ ފުރުސަތަކީ ބައޯމެޓްރިކް ޑޭޓާ އެއްކުރެވުނު މީހުންގެ ތެރެއިން ނުގަވާއިދުން އުޅޭ މީހުންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ދެވުނު ފުރުސަަތެއް ކަމަށެވެ. އެގޮތުން ޖަނަވަރީން ފެށިގެން މާރިޗު މަހުގެ ނިޔަލަށް އެފަދަ މީހުންނަށް ގަވާއިދުގެ އިމުގެ ތެރެއަށް ވަދެ ވަޒީފާ ދޭ ފަރާތަކާއެކު ރަޖިސްޓްރީވެ ބިދޭސީ މަސައްކަތްތެރިންގެ ދަފުތަރުގައި ހިމެނުމުގެ ފުރުސަތު ލިބިގެންދާނެ ކަމުގައި އިހުސާން ވިދާޅުވިއެވެ. 

ވަޒީރު ފާހަގަކުރެއްވި ގޮތުގައި މި މުއްދަތުގައި ވަޒީފާަ ދޭ ފަރާތްތަކަށް ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިން އެމީހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ކޯޓާއާއި ވޯކް ޕާމިޓް ދޫކުރުމުގައި މިހާރަަށްވުރެ ފަސޭހަ ލުއި ގޮތްތަކެއް ހަމަޖައްސައިދޭނެއެވެ. ބޭނުމަކީ ފަސޭހައިން މިފަދަ ބިދޭސީން ރެގިއުލަރައިޒްކޮށް ގާނޫނީ އިމުގެ ތެރެއަށް ގެނައުމެވެ. 

އަދި މިގޮތަށް ރެގިއުލަރައިޒްކުރާއިރު ދަފުތަރުކުރެވި އެމީހަކަށް ވަޒީފާަ ދިން ފަރާތަކީ ކޮބައިކަމާއި އެމީހަކު މަސައްކަތްކުރަނީ ކޮން ތަނެއްގައިކަން މިނިސްޓްރީއަށް އެނގޭނެހެން ތަފުސީލުތައް ހޯދައި ބެލެހެއްޓެމުންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

އޮޕަރޭޝަން ކުރަނގީގެ ދިގުމިނަކީ ތިން އަހަރުކަމަށާއި، އަންނަ އަހަރުގެ މޭ މަހުގައި މި އޮޕަރޭޝަން ފެށިތާ ދެ އަހަރުވާނެކަން ފާހަގަކުރައްވަމުން އިހުސާން ވިދާޅުވީ މޭ މަހުން ފެށިގެން އެ އޮޕަރޭޝަންގެ މުހުލަތުން ބާކީ އޮތް އެއް އަހަރު ހޭދަކުރާނީ ހުޅުވާލި ފުރުސަތުތައް ބޭނުންނުކޮށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ރާއްޖެއިން ބޭރުކުރުން ކަމަށެވެ. 

"ބާކީ އަނެއް އަހަަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުވައިލި އެއްވެސް ފުރުސަތެއް ބޭނުންނުކޮށް، ފިންގަޕްރިންޓުވެސް ނުދީ، ދަފުތަރަށް ހުޅުވައިލުމުން ދަފުތަރުގައިވެސް ނުޖެހި ގަވާއިދާ ހިލާފަށް އުޅޭ  ބިދޭސީން ހިފައި ހައްޔަރުކޮށް ޑީޕޯޓުކޮށްލުމުގެ މަސައްކަތްކުރާނެ އަހަރު. ފުލުހުންނާއި ކައުންސިލުތަކާއި އިމިގްރޭޝަން ގުޅިގެން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި އެ މަސައްކަތްކުރާނަން،" އިހުސާން ވިދާޅުވިއެވެ. 

އިހުސާން ވިދާޅުވި ގޮތުގައި އަމާޒަކީ 2027 ވަނަ އަހަރުގެ މޭ މަހުގެ ކުރިން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމެވެ. ނަމަވެސް މިހާރު މަސައްކަތް ކުރެވެމުުންދާ ދުވެއްޔަށް ބަލާއިރު އެއަށްވުރެ މާ އަވަހަށް މައްސަލަ ހައްލުކުރެވުމުގެ އުންމީދު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު