ENGLISH

26 ޑިސެމްބަރު 2025

Advertisement

މުސްލިމުން ތަފާތު ޢިލްމުތަކުގައި ކުރިއަރައިދިޔައީ، އިސްލާމީ ސަޤާފަތުގެ މަތީގައި އީމާންތެރިކަމާއެކު ސާބިތުވެ ތިބުމުން: ހުކުރު ޚުޠުބާ

26 ޑިސެމްބަރު 2025

|

މުޙައްމަދު އަދުހަމް

މުސްލިމުން ތަފާތު ޢިލްމުތަކުގައި ކުރިއަރައި މެދުއުޑުގައި ފިޔަޖަހަމުންދިޔައީ، އިސްލާމީ ސަޤާފަތުގެ މަތީގައި އީމާންތެރިކަމާއެކު ސާބިތުވެ ތިބެގެން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

"އިސްލާމީ ޙަޟާރަތުގެ ރަންޒަމާން" މި މަޢުޟޫއަށް މުޅި ރާއްޖޭގައި މިއަދު ދިން ޚުޠުބާގައި ބުނީ، އިސްލާމީ ޙަޟާރަތު ފެށުނީ، ކީރިތި ރަސޫލާ صلى الله عليه وسلم އަށް ވަޙީބާވައިލައްވާން ފެށުނު ހިސާބުން ކަމަށެވެ.

އިސްލާމީ ޙަޟާރަތުގެ މާނައަކީ އިސްލާމީ ސަޤާފަތާއި، އުސޫލުތަކާއި، ހަމަތަކުގެމަތީގައި ތިބެ، ރޫޙާނީ ގޮތުންނާއި، މާއްދީ ގޮތުން ހޯދައިފައިވާ ކުރިއެރުންތައް ކަމަށާއި، އެއީ ދީނީ، އިޖުތިމާޢީ، ސިޔާސީ، ޢަސްކަރީ، އިޤުތިޞާދީ، ޢުމްރާނީ އަދި ޢިލްމާއި ފަންނުވެރިކަމުގެ ގޮތުންވިޔަސް، މުސްލިމުން ހޯދައިފައިވާ ތަފާތު ކުރިއެރުންތައް ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

ޚުޠުބާގައި ބުނީ، އިސްލާމްދީނުގެ އަސާސްތަކުގެ މަތީގައި ކީރިތި ރަސޫލާ صلى الله عليه وسلم އަޅުއްވައިދެއްވި ބިންގަލުގެ ސަބަބުން، އިސްލާމީ ޙަޟާރަތު ކުރިއަރައި ދިޔައީ، ވަރަށް ވެސް ހަލުވި ދުވެއްޔެއްގައި ކަމަށެވެ.

ޚުޠުބާގައި ބުނީ، އޭރުގެ ބޭސްވެރިކަމުގެ ދާއިރާއަށް ބަލާނަމަ، މި ޒަމާނުގެ ހަސްފަތާލުތައް ފަދައިން ތަންތަން ބިނާކުރެވި، އެ ތަންތަނަށް ބަލިމީހުން ގެންގޮސް ބައިތިއްބައިގެން ފަރުވާދޭން ފެށީ، މުސްލިމުން ކަމަށާއި، ބޭސްވެރިކަމުގެ ޢިލްމު ކުރިއަރުވައި، ލޮލުގެ ބަލިތަކަށް ޚާއްޞަވެ ފަރުވާކުރާން ފެށީ މުސްލިމު ޑޮކްޓަރުން ކަމަށެވެ. އަދި، މި ޒަމާނުގައި ސާޖަރީކުރާފަދައިން، ސާޖަރީކުރާން ފެށީ ވެސް ހަމަ މުސްލިމުން ކަމަށް ޚުޠުބާގައި ބުންޏެވެ.

މުސްލިމުން އެފަދައިން ކުރިއަރައިގެންދިޔައީ، އެބައިމީހުންގެ ދީނުގައި މާތް ﷲއާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم ގެންނަވައިފައިވާ ޙުކުމްފުޅުތަކަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންތެރިވެގެން ކަމަށް ޚުޠުބާގައި ބުންޏެވެ.

"އިސްލާމީ އުންމަތް މި އަދު ވެއްޓިފައިމިވާ ފުންވަޅުގަނޑަށް ވެއްޓުނީ، މުސްލިމުން ދީނާ ދުރުވެ، ދީނާއި ސިޔާސަތު ވަކިކޮށް، ޢިލްމާއި ދިރާސާކުރުން ދޫކޮށްލައި، ހަމައެކަނި މާއްދީ ދުނިޔެއަށް ހެއްލުމުންނެވެ. އެހެންކަމުން މި ޙާލަތުން އަރައިގަތުމަށް އަހަރެމެންނަށް ވާޖިބުވަނީ، ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތަށް އެނބުރި ރުޖޫޢަވެ، ޢިލްމު ހޯދުމުގައި ގަދައަޅައި މަސައްކަތްކުރުމުވެ." ޚުޠުބާގައި ބުންޏެވެ.

ޚުޠުބާ ނިންމާލަމުންވަނީ، ބަވަނަވަމުން އަންނަ ދުނިޔޭގައި މުސްލިމުންނާއި ޣައިރު ދީންތަކުގެ ދީނީ އާދަކާދަތަކާއި، ސަޤާފަތްތައް މަސްހުނިވަމުން އަންނައިރު، އެބައިމީހުންގެ ޢީދުތަކާއި، މުނާސަބާތަކުގައި، މުސްލިމުން ބައިވެރިވެއުޅުމަކީ، ދުރުހެލިވާންޖެހޭ ކަމެއްކަން ހަނދާންކޮށްދީފައެވެ. އަދި މުސްލިމުން ފާހަގަކުރާ ޢީދުތަކުގައި އެބައިމީހުންގެ ސަޤާފަތްތަކާ ވައްތަރުވާ ގޮތަށް ކަންކަން ކުރުމަކީ ކީރިތި ރަސޫލާ صلى الله عليه وسلم މަނާކުރައްވައިފައިވާ ކަމެއްކަން ވެސް ޚުޠުބާގައި ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު