ENGLISH
27 ޑިސެމްބަރު 2025
ޕީއެޗްޑީ ކޯހުގެ ސައްޙަކަން ގަބޫލުކުރާ މިންގަނޑު، ތިން އަހަރު ދުވަހުގެ މުއްދަތައް ބަދަލުކޮށްފި
26 ޑިސެމްބަރު 2025
|
ކޯހުގެ ބައިވެރިން ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ:އެމްއެންޔޫ
ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ހިންގާ ޕީއެޗްޑީ ނުވަތަ ޑޮކްޓޯރިއަލް ޕްރޮގްރާމުގެ ޞައްހަކަން ގަބޫލުކުރާ މިންގަޑު، ފުލްޓައިމްކޮށް ތިން އަހަރު ދުވަހު ކިޔެވުމުން ނޫނީ ގަބޫލު ނުކުރާ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ނިންމައިފި އެވެ.
އެމްކިއުއޭކިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތަކުގެ މުއްދަތާއި ޕްރޮގްރާމް ޑެލިވާކުރާ ގޮތާއި ގުޅޭގޮތުން ޢަމަލުކުރާނެ ވަކި ޚާއްޞަ އުސޫލެއް މިވަގުތު ލިޔެވިފައި ނެތްކަމުގައި ވީނަމަވެސް، ޑޮކްޓޯރަލް ޑިގްރީ ޤަބޫލުކުރުމާއިގުޅޭ މިންގަނޑެއް ރާއްޖޭން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ޤަބޫލުކުރާ ގޮތުގެ އުސޫލުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ރާއްޖޭން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ޤަބޫލުކުރާ ގޮތުގެ އުސޫލުގައި ބަޔާންކުރާ މިންގަނޑު، ރާއްޖޭގައި ނުވަތަ ރާއްޖެއާއި ރާއްޖޭން ބޭރުގެ މަރުކަޒަކާ ގުޅިގެން ހިންގާ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތަކަށް ތަރުތީބުކުރުމަށް، އެއޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތިން ނިންމާފައިވާ ކަމަށެވެ. އެގޮތުން؛
ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމަކީ 360 ކްރެޑިޓް ހަމަވާންޖެހޭ ޕްރޮގްރާމަކަށްވުމާއެކު،ގިނަ ޢަދަދެއްގެ ދިރާސާތައް އެކުލެވޭ ޕްރޮގްރާމެއްކަމުން މި ޕްރޮގްރާމުގައި އެންމެ މަދުވެގެން ފުލްޓައިމްކޮށް 3 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި 3,600 ގަޑިއިރު ފުރިހަމަކުރަންޖެހޭނެކަމަށާއި ވަޒީފާ އަދާކުރަމުން ފުލްޓައިމްކޮށް މި ޕްރޮގްރާމުގައި ކިޔެވުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް އިއުލާނުގައި ވަނީ ބުނެފަ އެވެ.
އެ އޮތޯރިޓީން ބުނީ، ވަޒީފާ އަދާކުރާ ފަރާތްތަކުން މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންފުޅުވާނަމަ، ޕާރޓްޓައިމް އުސޫލުން ކިޔެވުމަށް އަންގާފައި ވާނެ ކަމަށެވެ.އެހެންނަމަވެސް، ވަޒީފާއެއް އަދާނުކޮށް ހަމައެކަނި ކިޔެވުމަށް ޚާއްޞަވެގެން ތިބޭ ފަރާތްތަކަށް ފުލްޓައިމްކޮށް ކިޔެވިދާނެކަމަށް ޤަބޫލުކުރެވޭ ކަމަށްވެސް ވަނީ ބުނެފަ އެވެ.
ރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ހިންގާ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތަކުގެ ފެންވަރު ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްހަމައެއްގައި ހިފެހެއްޓުމުގެ މަޤްޞަދުގައި އިއުލާނުގައި ބަޔާންކުރެވިފައިވާ މިންގަނޑާއި އެއްގޮތަށް ޢަމަލުކުރުމަށް، މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކަށް އަންގާފައިވާނެ ކަމަށްވެސް އެ އޮތޯރިޓީގެ ބަޔާނުގައި ވަނީ ބުނެފައެވެ.