ENGLISH

26 ޑިސެމްބަރު 2025

Advertisement

ނައިފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 29 އިންސައްތަ މަސައްކަތް ނިމިއްޖެ

25 ޑިސެމްބަރު 2025

|

މުޙައްމަދު ސަދާދު

ނައިފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ

ޅ. ނައިފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 29 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ނައިފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ނައިފަރަށް ވަނީ ގެންގޮސްފައި - ފޮޓޯ: އެމްޓީސީސީ

ނައިފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ އެންމެ ފަހުގެ މަޢުލޫމާތު އެކުންފުނިން ވަނީ މީސްމީޑިއާގައި ހިއްސާކޮށްފައެވެ. އެގޮތުން، ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ނައިފަރަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީއިން މަޢުލޫމާތުދެއެވެ.

ނައިފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ނައިފަރަށް ވަނީ ގެންގޮސްފައި - ފޮޓޯ: އެމްޓީސީސީ

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:

  • 44.8 ހެކްޓަރުގެ ބިން ހިއްކުން
  • 1813 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުން
  • 803 މީޓަރުގެ ސަރަޙައްދެއްގައި ބޮޑު ހިލައިން ބޭރު ތޮށިލުން
  • 474 މީޓަރު ސަރަޙައްދެއްގައި ބޮޑު ހިލައިގެ ގްރޮއިން ޖެހުން

މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އެއް އަހަރާ ނުވަ މަސް ދުވަހުން ނިންމާގޮތަށް 679 މިލިއަން ރުފިޔާއަށެވެ.

ނައިފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ނައިފަރަށް ވަނީ ގެންގޮސްފައި - ފޮޓޯ: އެމްޓީސީސީ

ގާތްގަނޑަކަށް 6000 މީހުންގެ އާބާދީއެއް ދިރިއުޅޭ ނައިފަރު މީހުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަމެވެ. މި މަޝްރޫޢު ނިމުމުން، އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީ އިން މަޢުލޫމާތުދެއެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު