ENGLISH
26 ޑިސެމްބަރު 2025
ފިޔޯރީ މަގުތައް ތަރައްޤީކުރުން އާރްޑީސީއަށް
25 ޑިސެމްބަރު 2025
|
ގދ. ފިޔޯރީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު، އާރްޑީސީގެ އެމްޑީ އިބްރާހިމް ނަޡީމު، އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު - ފޮޓޯ: އާރްޑީސީ
ގދ. ފިޔޯރީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ.
71 މިލިއަން ރުފިޔާއަށް މި މަޝްރޫޢު އާރްޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޡީމެވެ. އަދި އަރިހުގައި ބައިވެރިވެވަޑައިގެންނެވީ ގދ. ފިޔޯރީ ނިސްބަތްވާ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދުއެވެ.
ގދ. ފިޔޯރީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު އަދި އާރްޑީސީގެ އެމްޑީ އިބްރާހިމް ނަޡީމު ސޮއިކުރައްވަނީ - ފޮޓޯ: އާރްޑީސީ
ދެ އަހަރު ދުވަހުގެ ތެރޭ ނިންމުމަށް މި މަޝްރޫޢު އާރްޑީސީ އާ ހަވާލުކޮށްފައިވާއިރު، ފިޔޯރީއަކީ ވެސް މި ސަރުކާރުން ގިނަ މަޝްރޫޢުތަކެއް ހިންގަމުން އަންނަ ރަށެކެވެ. އެގޮތުން، ފެނާއި ނަރުދަމާގެ ނިޒާމު ތަރައްޤީކުރުމާއި، މަސްކިރާ ފެކްޓްރީ ޤާއިމުކުރުން، އަދި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުތައް ފަދަ ސިނާއީ އަދި އުމްރާނީ މަޝްރޫޢުތައް ފާހަގަކޮށްލެވެއެވެ.
މަގު ހެދުމާއި އިމާރާތްކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ތަރައްޤީ މަޝްރޫޢުތައް ކުރިއަށްގެންދިޔުމުގެ މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން 2019 ވަނަ އަހަރު އުފައްދާފައިވާ އާރްޑީސީގެ ދައުރު މިސަރުކާރުގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެރޮނގުން، މިހާރުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް އެ ކުންފުނިން ދަނީ ހިންގަމުންނެވެ.