ENGLISH
16 އޭޕްރީލު 2025
ފަލަސްތީނުގެ މިނިވަން ދައުލަތަކަށް އދ.ގެ އާންމު މަޖިލީހުން އިތުރަށް ބާރު އަޅަނީ
04 ޑިސެމްބަރު 2024
|
އިޒްރޭލުގެ އިސްތިއުމާރު ނިމުމަކަށް ގެނެސް، ފަލަސްތީނުގެ މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށް އދ.ގެ އާންމު މަޖިލީހުން އިޒްރޭލަށް ގޮވާލައިފިއެވެ.
އދ.ގެ އާންމު މަޖިލީހުން ވަނީ، މި ކަމަށް ގޮވާލައި، 157 މެންބަރު ޤައުމުގެ ތާއީދާ އެކު ޤަރާރެއް ފާސްކޮށްފައެވެ. އެ ޤަރާރާ ދެކޮޅަށް ވޯޓު ދިން އަށް ޤައުމުގެ ތެރޭގައި އިޒްރޭލުގެ އިތުރުން އެމެރިކާ ހިމެނެއެވެ. ހަތް ޤައުމަކުން ވަކި ކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ.
އދ.ގެ އާންމު މަޖިލީހުން ވަނީ, 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، ފަލަސްތީނުގެ މިނިވަން ދަޢުލަތެއް ޤާއިމުކުރުމުގެ މަސައްކަތުގައި ދެމިތިބޭނެ ކަމުގެ ޔަޤީންކަން ދީފައެވެ.
އަދި އިޒްރޭލާއި ފަލަސްތީނު، ބޯޑަރު ވަކިވެފައިވާ، މިނިވަން ދެ ދަޢުލަތެއްގެ ގޮތުގައި ސުލްޙަވެރިކަމާ އެކު އުޅެވެންޖެހޭ ކަމަށް އާންމު މަޖިލީހުން ބުންޏެވެ.
މި މަސައްކަތް ހަޤީޤަތަކަށް ހެދުމަށްޓަކައި، ސަޢޫދީ އަރަބިއްޔާ އާއި ފްރާންސް ގުޅިގެން ރިޔާސަތު ބަލަހައްޓާ ގޮތަށް، ބައިނަލްއަޤުވާމީ މަތީ ފަންތީގެ ބައްދަލުވުމެއް، އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެމެރިކާގެ ނިއު ޔޯކުގައި ބާއްވަން ވަނީ ނިންމައިފައެވެ.
އެ ބައްދަލުވުމުގައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ޚާރިޖީ ގޮތުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރަން މަޝްވަރާކުރުމަށް އދ.ގެ އާންމުން މަޖިލީހުން ވަނީ ރާވައިފައެވެ.
އދ.ގެ އާންމު މަޖިލީހުން އިތުރަށް ބުނި ގޮތުގައި، ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށް، މިނިވަން ދައުލަތެއްގެ ގޮތުގައި ދިރިއުޅުމުގެ ޙައްޤު ލިއްބައިދޭންޖެހެއެވެ.