ENGLISH
25 ޑިސެމްބަރު 2025
ކުޅުދުއްފުށީގައި ހުންނަ ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރު ތަރައްގީކުރުމުގެ މަސައްކަތްތައް އާރްޑީސީިން ފަށައިފި
25 ޑިސެމްބަރު 2025
|
އާރްޑީސީން ހދ. ކުޅުދުއްފުށީގައި ހުންނަ އެފްސީއެސްސީގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން. ފޮޓޯ: އާރްޑީސީ
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އިޖްތިމާއީ ޒިންމާގެ ދަށުން، ހދ. ކުޅުދުއްފުށީގައި ހުންނަ ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރު (އެފްސީއެސްސީ) ތަރައްގީކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އެދުމުގެ މަތިން އާރްޑީސީން ހދ. ކުޅުދުއްފުށީގައި ހުންނަ އެފްސީއެސްސީގެ މާހައުލު ހިތްގައިމުތަނަކަށް ހެދުމުގެ މަސައްކަތުގެތެރެއިން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، އެ ސެންޓަރަށް އިތުރު ކުރެވުނު 3000 އަކަފޫޓުގެ ބިމުގެ ވަށާފާރު ރޭނުމާއި، އަމާން ހިޔާ އިމާރާތާ ދެމެދު ވޯކް ވޭއެއް އެޅުމުގެ އިތުރުން އަލަށް އިތުރު ކުރެވުނު ސަރަހައްދުގައި 2 ހަޓް ގާއިމުކުރުން ހިމެނެއެވެ.
ހދ. ކުޅުދުއްފުށީ ފެމެލީ އެންޑް ޗިލްރަންސް ސަރވިސް ސެންޓަރަކީ 2007 ވަނަ އަހަރު ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ތެރެއިން، ލާމަރުކަޒީ އުސޫލުން އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ޔުނިސެފާއި، ސަރުކާރު ހިއްސާވާގޮތަށް ފެށި މަސައްކަތުން ހުޅުވާފައިވާ ސެންޓަރެކެވެ.
ހދ. އެފްސީއެސްސީ އިން ފޯރުކޮށްދޭ ހިދުމަތްތަކުގެތެރޭގައި ގެވެށި އަނިޔާ ލިބިފައިވާ ފަރާތްތަކަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމާ، ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމާއި، އާއިލާއާ ރީއިންޓަގްރޭޓް ކުރެވެންދެން އެފަރާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ސެންޓަރުގައި ރައްކާތެރިކަން ހޯދާ ފަރާތްތަކުން އަނބުރާ މުޖުތަމައުއަށް ދާން ތައްޔާރުވުމުން، އެފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ކަންކަން ހިމެނެއެވެ.
ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތައް ރާއްޖޭގެ 19 އަތޮޅުގައި ވަނީ ގާއިމްކުރެވިފައެވެ.