ENGLISH
25 ޑިސެމްބަރު 2025
ރައީސްގެ ވަޢުދުފުޅާއި އެއްގޮތަށް އެކަނިވެރި މައިންގެ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކޮށްފި
25 ޑިސެމްބަރު 2025
|
ރައީސް ރަށަކަށް ވަޑައިގެންނެވުން --
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވާފައިވާ ގޮތަށް އެކަނިވެރިމައިންނަށް ދައުލަތުން ދެމުން އަންނަ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކޮށް އުސޫލު އާންމުކޮށްފި އެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓްކްޝަން އެޖެންސީ މިއަދު ވަނީ އެކަނިވެރި ދަރީން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާއިބެހޭ ޤަވާއިދަށް އިސްލާޙު ގެނެސް ޤަވާއިދު އާންމުކޮށްފަ އެވެ.
މި ޤަވާއިދުގެ ދަށުން ޝަރުތު ހަމަވެގެން އެހީ ހަމަޖެހޭ އެކަނި ދަރީން ބަލަހައްޓާ މައިންނަށް ނުވަތަ ބަފައިންނަށް މާލީ އެހީގެ ގޮތުގައި މީލާދީ މަހެއްގެ ތެރޭގައި ލިބިދެވޭނީ ހަތަރު ކުދީންނާ ހަމައަށް ކޮންމެ ކުއްޖަކަށް 3,000 ރުފިޔާ އެވެ. އަދި ހަތަރު ކުދީންނަށް ވުރެ އިތުރަށް ކުދީން ތިބިނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް މާލީ އެހީގެ ގޮތުގައި މަހަކަށް ލިބޭނީ އެއްހާސް ރުފިޔާ އެވެ.
މި ޤަވާއިދުގެ ދަށުން އެކަނި ދަރީން ބަލަހައްޓާ މައިންނަށް ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ގޮތުގައި އެންމެ ގިނަވެގެން ލިބޭނީ 15,000 ރުފިޔާ އެވެ. އަދި އަހަރެއްގެ ތެރޭގައި އެންމެ ގިނަވެގެން ލިބޭނީ 180,000 ރުފިޔާ އެވެ.
މި ޤަަވާޢިދަށް އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަމަލު ކުރާން ފަށާނެ އެވެ.
އެކަނިވެރިމައިންނަށް ދައުލަތުން ދެމުން އަންނަ އެލަވަންސް އަންނަ އަހަރުން ފެށިގެން 3000 ރުފިޔާއަށް ބޮޑުކުރަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިއުލާނު ކުރެއްވީ ގަމު ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް މިދިޔަ އޮކްޓޫބަރު މަހު ބޭއްވި ޖަލްސާއެއްގަ އެވެ.