ENGLISH
25 ޑިސެމްބަރު 2025
ރިޓަޔާކުރުމަށްފަހު މަގާމުތަކުގައި ތިބޭ ފުލުހުންނަށް އިނާޔަތް ނުލިބޭ ގޮތަށް ފުލުހުންގެ ގަވާއިދު އިސްލާހުކޮށްފި
25 ޑިސެމްބަރު 2025
|
މިނިސްޓަރު އަލީ އިހުސާން، ފޮޓޯ: ދަ ޖާނަލް
ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރުމަށްފަހު ރިޓަޔާކުރާ ފުލުހުން ވަޒީފާއެއް އަދާކުރާނަމަ އެ ވަޒީފާއެއްގައި އުޅޭ މުހުލަތުގައި ރިޓަޔަމެންޓު އިނާޔަތް ނުލިބޭނެ ކަމަށް ފުލުހުންގެ ހިދުމަތުގެ ރިޓަޔާމެންޓު ގަވާއިދު އިސްލާހުކޮށްފިއެވެ.
ރިޓަޔާކުރައްވާ ބޭފުޅުން ދައުލަތުގެ އެކި މަގާމުތަކާ ހަވާލުވެވަޑައިގަތުމަށްފަހު، އެ މަގާމުތަކުގައި މަސައްކަތްކުރައްވާ މުއްދަތުގައި އެ ބޭފުޅުންނަށް ދައުލަތުން ރިޓަޔާމެންޓު އިނާޔަތް ދިނުމަކީ ގިނަ ބަޔަކު އެކަމާމެދު ޝަކުވާ ކުރަމުންދެއެވެ. އެ ކަންބޮޑުވުމަށް ހައްލެއް ހޯދައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވެފައިވަނީ އެއްވެސް މުއައްސަސާއަކުން ރިޓަޔާކުރެއްވުމަށްފަހު، ދައުލަތުގެ ވަޒީފާއެއް އަދާކުރައްވާނަމަ އެ މުއްދަތުގައި، ރިޓަޔަމެންޓު އިނާޔަތް ނުލިބޭނެ ކަމުގައި ކަނޑައަޅުއްވާނެ ކަމަށެވެ. ފުލުހުންގެ ރިޓަޔަމެންޓު އިނާޔަތް ދިނުމުގެ އުސޫލު ބަދަލުކޮށްފައިވަނީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ބަދަލުކޮށްފައެވެ.
އެގޮތުން އެ އުސޫލުގައި ބަޔާންކޮށްފައިވަނީ ފުލުހުންގެ ހިދުމަތުން ރިޓަޔާކުރައްވާފައިވާ ބޭފުޅަކު ދައުލަތުގެ ނުވަތަ ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާއަކަށް ވަޑައިގެންފިނަމަ، އެ ވަޒީފާގައި ނުވަތަ މަގާމުގައި ދެމިހުންނަވާ މުއްދަތުގައި އެ ފަރާތކަށް ރިޓަޔާމެންޓު އިނާޔަތް ދިނުން މެދުކަނޑައިލަންޖެހޭނެކަމަށާއި، އަލުން އެ ފައިސާ ލިބެންފަށާނީ ރިޓަޔާމެންޓަށްފަހު އަދާކުރަން ފެށި ވަޒީފާއިން ވަކިވާ މަހާ ޖެހިގެން އަންނަ މަހުން ފެށިގެން ކަމަށެވެ.
އިތުރަށް އުސޫލުގައި ބުނެފައިވަނީ ރިޓަޔާކުރައްވާފައިވާ ބޭފުޅަކު ދައުލަތުގެ ނުވަތަ ދައުލަތުގެ ކުންފުންޏެއްގެ މަގާމެއް ނުވަތަ ވަޒީފާއެއް އަދާކުރައްވަން ފަށާނަމަ ލިޔުމުން އެކަން ފުލުހުންގެ ހިދުމަތަށް އަންގަވަންވާނެއެވެ. އަދި އެގޮތަށް އަންގަވާފައ ނެތުމުގެ ސަބަބުން ދައުލަތުގެ ވަަޒީފާގައި ހުންނެވި މުހުލަތުގައި ރިޓަޔާމެންޓު އިނާޔަތުގެ ފައިސާ ދޫކުރެވިފައިވާނަމަ ފުލުހުންގެ ހިދުމަތުން އަންގާ ގޮތެއްގެ މަތިން އެ ފައިސާ އަނބުރާ ޕެންޝަން ފަންޑަށް ދައްކަވަންޖެހޭނެއެވެ.
އަދި ދައުލަތުގެ މަގާމަކަށް ވަޑައިގަތުމަށްފަހު އެ މަގާމުން ވަކިވެވަޑައގަންނަވާއިރު ރިޓަޔަމެންޓު ފައިސާއެއް އެ ފަރާތަކަށް ލިބޭނަމަ، ފުލުހުންގެ ހިދުމަތުން ރިޓަޔާކުރެއްވުމުން ލިބިވަޑައިގަންނަވާ އިނާޔަތް ނުވަތަ ފަހުން އަދާކުރެއްވި ވަޒީފާއިން ރިޓަޔާކުރެއްވި އިނާޔަތުގެ ތެރެއިން ކޮންމެވެސް އެއް އިނާޔަތެއް އިހުތިޔާރުކުރައްވަން ވާނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.
އުސޫލުގައި ބުނެފަައިވާ ގޮތުން މި އުސޫލު އެކުލަވައިލުމުގެ ކުރިން ރިޓަޔާކުރައްވާފައިވާ ބޭފުޅުންގެ މައްޗަަށްވެސް އެ އުސޫލު ހިނގާނެއެވެ.