ENGLISH

25 ޑިސެމްބަރު 2025

Advertisement

އެއްބައިވަންތަކަމުގެ ދުވަހަށް ތަރިކައިގެ ވަޒީރު ބ. ތުޅާދުއަށް

25 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ވަޒީރު ތުޅާދޫއަށް ވަޑައިގަތުން --

މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލާއި އެ އަތޮޅު އުތުރުބުރީ މީދޫ ކައުންސިލުގެ ފަރާތުން މި އަހަރު ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ބ. ތުޅާދޫގައި ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މިއަދު ބ. ތުޅާދޫއަށް ވަޑައިގެންފި އެވެ.

މި އަހަރު ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބ.ތުޅާދޫ ކައުންސިލާއި ރ. މީދޫ ކައުންސިލު ގުޅިގެން ދެ ރަށުގެ ރައްޔިތުންގެ މެދުގައި އޮންނަ ޤަދީމީ ގުޅުން އިތުރަށް ބަދަހިކުރުމަށް ރ. މީދޫ ރައްޔިތުން އެއްބައިވަންތަކަމުގެ ދަތުރެއް ބ. ތުޅާދުއަށް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި ދުވަހާ ގުޅުވައިގެން ބ. ތުޅާދޫގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މިގޮތުން ދެރަށު ރައްޔިތުން އެކުގައި ފަތިސް ނަމާދު ޖަމާޢަތުގައި ކުރުމާއި، ތުޅާދޫ ފެހިކުރުމުގެ ގޮތުން ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމާއި، ރައްޔިތުން އެކުވެ އެކުވެރިކަމުގެ ޝުޢޫރު ފާޅުކުރުމާއި އަތާ އަތްގުޅާލުމުގެ އިތުރުން މީދޫ ރައްޔިތުންގެ ޝަރަފުގައި ޖާފަތެއް ބޭއްވުމަށް ތުޅާދޫ ކައުންސިލުން ވަނީ ނިންމާފައެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވެސް ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަމުންދަނީ، 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ހިތާމަވެރި ކާރިސާއާ ގުޅިގެން ރާއްޖޭގެ ރައްޔިތުން ދައްކަވައިދެއްވި އެކުވެރިކަމާއި އަޚްވަންތަކަމާއި، ޤައުމީ އެއްބައިވަންތަކަމުގެ މަތިވެރި ގުޅުމުގެ ހަނދާންތައް އާކުރުމަށް ޓަކައެވެ.

ކިޔުންތެރިންގެ ހިޔާލު