ENGLISH

25 ޑިސެމްބަރު 2025

Advertisement

ކުއްޖަކު މަރާލާ ފޮއްޓަކަށްލައި އެއްލާލި މައްސަލަ: ކުޑަކުއްޖެއްގެ މައްޗަށް ބޮޑު އަދަބެއް

25 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ޖުވެނައިލް ކޯޓް --

މީގެ ހަތަރު އަހަރުކުރީން ހުޅުމާލެ ފޭސް 2 ގެ ފަޅުތެރޭ މޫދުގައި އޮތް ލަގެޖް ފޮއްޓެއްގެ ތެރެއިން 13 އަހަރުގެ ކުޑަކުއްޖެއްގެ ހަށިގަނޑު ފެނުނު މައްސަލާގައި، ކުއްޖާ މަރާލިކަމަށް ތުހުމަތުކުރެވުނު 17 އަހަރުގެ ކުޑަކުއްޖެއްގެ މައްޗަށް އުފުލި ދައުވާތައް ސާބިތުވާ ކަމަށް ނިންމައިފި އެވެ.

އެ މައްސަލާގައި އޭރު ކުޑަކުއްޖެއްގެ ގޮތުގައި ހުރި އަދި މިހާރު ބޮޑުވެފައިވާ އެ މީހާގެ މައްޗަށް ތިން ދަޢުވާއެއް އުފުލި އެވެ.

އޭނާގެ މައްޗަށް ދައުވާ އުފުލީ 2021 ޖޫން 22 ދުވަހުގެ ރޭގެ ދަންވަރު 02:00 ހާއިރު، ހުޅުމާލެ ފޭސް 2 ގެ ފަޅުތެރޭ މޫދުގައި އޮތް ލަގެޖް ފޮއްޓެއްގެ ތެރެއިން 13 އަހަރުގެ ކުޑަކުއްޖެއްގެ ހަށިގަނޑު ފެނުނު މައްސަލާގައި، ކުއްޖާ މަރާލި ކަމަށް ތުހުމަތުގަ އެވެ.

އޭރު އުމުރުން 17 އަހަރުގެ އެ ކުއްޖާގެ މައްޗަށް ޖުވެނައިލް ކޯޓަށް ހުށަހެޅި ޤަޞްދުގައި މީހަކު މެރުމާއި، ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދަޢުވާ އެވެ. އެ ދައުވާ ސާބިތުވާ ކަމަށް އެކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

އެގޮތުން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ އަދަބެއްގެ ގޮތުން 16 އަހަރާ 10 މަހާއި 7 ދުވަހަށް ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ބަންދުކުރުމަށް އަމުރުކޮށް، ޙުކުމްކުރުމުގެ ކުރިން ބަންދުގައި ހޭދަކުރި 4 އަހަރާއި 6 މަހާއި 2 ދުވަސް އުނިކުރުމުން ތަންފީޛުކުރަންޖެހޭ މުއްދަތަކީ 12 އަހަރާ 4 މަހާއި 5 ދުވަސް ކަމުގައި ވަނީ ކަނޑައަޅައިފަ އެވެ. އަދި ކައްފާރާއެއްގެ ގޮތުން ވިދިވިދިގެން 2 މަސް ދުވަހު ރޯދަ ހިފުމަށް އަމުރު ކޮށްފައިވެ އެވެ.

އަދި ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގެ އަދަބެއްގެ ގޮތުން 11 މަހާއި 9 ދުވަހަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދުކުރުމަށް އަމުރުކުރިއިރު މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުން 18 ދުވަހަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދުކުރުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.

މީގެ އިތުރުން މި މައްސަލާގައި އިތުރު ބޮޑު މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އެކޯޓުން ޙުކުމެއް ކުރުމުން މަރުގެ ދިޔައާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ޖުވެނައިލް ކޯޓަށް ހުށަހެޅުމަށްވެސް ވަނީ އަންގާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު