ENGLISH

25 ޑިސެމްބަރު 2025

Advertisement

ޗައިނާއިން ރާއްޖެއަށް 85 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް

25 ޑިސެމްބަރު 2025

|

މަރިޔަމް ލީމް

ޗައިނާއިން ރާއްޖެއަށް 85 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދޭން އެއްބަސްވުން --

ޗައިނާއިން ރާއްޖެއަށް 85 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

600 މިލިއަން ޔުއާން (85 މިލިއަން ޑޮލަރު) ގެ އެހީ ދިނުމަށް ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ވި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެެފެއާޒްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓަރު ޑރ. އިބްރާހިމް ޚަލީލް ސޮއިކުރައްވާފައިވާއިރު، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ކޮންގ ޝިއަންހުއާ ސޮއިކުރައްވާފައިވެއެވެ. 

ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ދާއިރާއިން ވި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށް ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ 3 މަޝްރޫޢުއަކަށް މުހިންމު އެއްބަސްވުމެއް ކަމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. 

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިޔަށްގެންދަން ނިންމާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ވިލިމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލުގެ މަޝްރޫޢު ހިމެނެއެވެ. މީގެއިތުރުން މާލެ-ވިލިމާލެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޫޢުއާއި 50 ރަށެއްގެ ކައުންސިލް އިމާރާތްތައް ތަރައްޤީކުރުމަށް ވެސް މި އެހީ ޚާއްސަވެގެންދެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސްވެރިންގެ އިތުރުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އާއި ޗައިނާ އެމްބަސީގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. 

ޗައިނާ ސަފީރުގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި ޗައިނާ ސަރުކާރުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. މިގޮތުން ކުރިޔަށްގެންދާ މުހިންމު މަޝްރޫޢުތަކުގެ ސަބަބުން ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން ވެސް ސަފީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ ޑރ. ޚަލީލް ވާހަކަފުޅުދައްކަވަމުން، ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ޗައިނާގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބިފައިވާކަމަށެވެ. އަދި ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވާ، ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށާއި ޗައިނާ ސަރުކާރަށް ޑރ. ޚަލީލް ޝުކުރު އަދާކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު