ENGLISH
25 ޑިސެމްބަރު 2025
ޝަމްއާން ވަހީދު ބަންދުން ދޫކޮށްލައިފި، ޕާސްޕޯޓް އޮތީ ހިފަހައްޓާފައި
25 ޑިސެމްބަރު 2025
|
ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްއާން ވަހީދު
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުޙައްމަދު ޝަމްޢާން ވަޙީދު ބަންދުން ދޫކޮށްލައިފި އެވެ.
ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލީ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާތަކާ ގުޅިގެން މައިގަނޑު ހެކިންގެ ހެކިބަސް ނަގައި ނިމިފައިވާތީ އާއި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު ކުޑަވެފައިވާކަމަށް ފެންނާތީ، ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް ދައުލަތުން ކޯޓުގައި އެދުމުންނެވެ.
ދައުލަތުން އެ ގޮތަށް އެދުމުން ކޯޓުން ވަނީ ޝަމްއާން ބަންދުން ދޫކޮށްލަން އަމުރުކޮށްފަ އެވެ. ނަމަވެސް ބަންދުން ދޫކޮށްލާފައިވަނީ ޕާސްޕޯޓް ހިފެހެއްޓުމަށް ފަހު އެވެ.
ޝަމްއާން ހައްޔަރުކުރީ މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީންގެ އަތުން ފައިސާ ހޯދަމުން އައިކަމަށް ތުހުމަތުވާ މައްސަލާ އެވެ. އޭނާ އެ މަޤާމުން ވަކިކުރުމުގެ ކުރީން ހައްޔަރު ކުރި އެވެ.
ޝަމްއާންގެ ގެއިން 257,475 ރުފިޔާ އާއި 10,000 ޑޮލަރުގެ އިތުރުން ބައެއް ގައުމުތަކުގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނު ހޯދާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެ ފައިސާއަކީ ބިދޭސީން އަތުން ހޯދާފައިވާ ފައިސާ ކަަމަށް ތުހުމަތު ކުރެވެ އެވެ.
ޝަމްއާންގެ މައްޗަށް އޮތް ތުހުމަތުތަކާއި ގުޅޭގޮތުން ފުލުހުން ބުނެފައި ވަނީ 2025 މާޗް 12 ވަނަ ދުވަހު މޯލްޑިވްސް އިމިގްރޭޝަނުން މާފަންނުގައި ހުރި ގެއެއްގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރީން ތަކަކަށް އަމާޒުކޮށް އޮޕަރޭޝަނެއް ހިންގާފައިވަނީ ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަ ނުކޮށް އަދި އިމިގްރޭޝަނުން އަމަލު ކުރަމުންދާ އުސޫލުތަކާއި ޚިލާފަށްކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
އަދި އެ އޮަޕަރޭޝަންއާ ބެހޭ މައުލޫމާތު ޝަމްއާންއަށް ކުރިން އެނގިފައިވާކަން ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށް ވެސް ބުންޏެވެ.
މި އޮޕަރޭޝަން ހިންގި ތަނަށް އެންމެ ފުރަަތަމަ ދިޔައީ އިމިގްރޭޝަންގެ މިފަދަ އޮޕަރޭޝަންތައް ހިންގުމުގެ މަސްއޫލިއްޔަތު ނެތް ތިން މީހުން ކަމަށާ އެއީ ކޮންޓްރޯލާގެ ބިއުރޯ އާއި ޕްލޭނިން އަދި މީޑިއާގައި މަސައްކަތް ކުރާ މުވައްޒިފުންތަކެއް ކަމަށް ވެސް ބުންޏެވެ. މި އޮޕަރޭޝަންގައި ހަތް ބިދޭސީ މަސައްކަތްތެރީން ހުއްޓުވާ އެ މީހުން ދިރިއުޅުނުތަން ބަލާ ފާސްކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މި އޮޕަރޭޝަންގައި ހައްޔަރު ކުރި ހަތް ބިދޭސީންނަކީ ވެސް ލިޔެކިޔުންތައް ގަވާއިދާ އެއްގޮތަށް ހުރި ބިދޭސީންކަން ތަހުގީގަށް އެނގިފައިވާ ކަމަށާއި ހައްޔަރު ކުރި ބިދޭސީންގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ފެނުނު މީހާ އިމިގްރޭޝަން އޮފީހަށް ގެންގޮސް ފަހުން ދޫކޮށްލާފައިވާ ފުލުހުން ބުނެފައިވެއެވެ.