ENGLISH
25 ޑިސެމްބަރު 2025
މިރޭގެ ފައިނަލުގައި ވާދަކުރާ އަންހެން ވޮލީ ޓީމަށް ކާމިޔާބީއަށް ރައީސް އެދިވަޑައިގެންފި
25 ޑިސެމްބަރު 2025
|
ވިމެންސް ކާވާ ކަޕްގައި ވާދަކުރާ ޤައުމީ އަންހެން ވޮލީ ޓީމް. ފޮޓޯ: ރައީސް އޮފީސް
މިރޭ ކުޅޭ ވިމެންސް ކާވާ ކަޕް 2025 ގެ ފައިނަލުގައި ދިވެހިރާއްޖޭގެ ޤައުމީ އަންހެން ވޮލީބޯޅަ ޓީމު ވާދަކުރާއިރު، މުބާރާތުގެ ޗެމްޕިއަންކަން ދިވެހި ޓީމަށް ލިބުމަކީ އެންމެންގެ ވެސް އުއްމީދު ކަމަށާއި ދިވެހި ޓީމަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސޯޝަލް ސެންޓަރުގައި މިރޭ ކުޅޭ ފައިނަލުގައި އަންހެން ވޮލީ ޓީމު ނުކުންނާނީ ކިރްގިސްތާނާ ދެކޮޅަށެވެ.
އަންހެން ވޮލީ ޓީމަށް ހިތްވަރުދެއްވައި 'އެކްސް' ގައި ކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މޮޅު ކުޅުމެއް ދައްކައި މުބާރާތުގެ ފައިނަލަށް ދިވެހި ޓީމު ދަތުރުކުރުމަކީ ބޮޑު ފަޚުރެއް ކަމަށެވެ.
"މިރޭ އޮންނަ ފައިނަލްމެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ދިވެހީންނަށް ލިބުމަކީ އަޅުގަނޑުމެން އެންމެންގެވެސް އުންމީދު. ދިވެހި ރައްޔިތުން މިތިބީ ދިވެހި ޤައުމީ ޓީމާއެކު." - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ކަޕްގެ މިފަހަރުގެ މުބާރާތުގައި ހަތަރު ޤައުމަކުން ލީގު ބުރުގައި ވާދަކުރި އެވެ. އެއީ ރާއްޖެ އާއި ކިރްގިސްތާނުގެ އިތުރުން އަފްގާނިސްތާން އަދި ބަންގްލަދޭޝް އެވެ.
ލީގު ބުރުގެ ތިން މެޗުން މޮޅުވެ ރާއްޖެ އެއްވަނަ ހޯދި އެވެ. ދެވަނަ ކިރްގިސްތާނަށް ލިބުނުއިރު ތިންވަަނަ ލިބުނީ އަފްގާނިސްތާނަށެވެ. ލީގު ބުރުގެ ހަތަރު ވަނަ ލިބުނީ ބަންގްލަދޭޝްއަށެވެ.
ސެމީ ފައިނަލުގައި ރޭ ރާއްޖޭގެ ޓީމު ވަނީ ސީދާ ތިން ސެޓުން ބަންގްލަދޭޝް ބަލިކޮށްފައެވެ. ސެމީގައި ކިރްގިސްތާން މޮޅުވީ އަފްގާނިސްތާ އަތުންނެވެ.
މިއީ ހުރިހާ މެޗަކުން މޮޅުވެ ސައްތައިން ސައްތަ ރެކޯޑަކާ އެކު އަންހެން ވޮލީ ޓީމު ފައިނަލަކުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
މީގެކުރިން ގައުމީ އަންހެން ވޮލީ ޓީމުން ވަނީ ތިން ފައިނަލުގައި ވާދަކޮށް ބަލިވެފައެވެ. އޭގެތެރޭގައި މިދިޔަ އަހަރުގެ ކާވާ މުބާރާތުގައި ކިރްގިސްތާން އަތުން 3-2 އިން ބަލިވި މެޗު ވެސް ހިމެނެއެވެ.
ޤައުމީ އަންހެން ވޮލީ ޓީމަށް މިހާތަނަށް މުބާރާތަކުން ރަން މެޑަލް ލިބިފައެއް ނުވެއެވެ.
މިފަހަރުގެ މުބާރާތުގެ ލީގު ބުރުގައި ކިރްގިސްތާނާ ވާދަކޮށް ރާއްޖެ ވަނީ 1-3 އިން މޮޅުވެފައެވެ.
ސޯޝަލް ސެންޓަރުގައި މިރޭގެ ފައިނަލް މެޗު ފަށާނީ 8:40 ގައެވެ.