ENGLISH

25 ޑިސެމްބަރު 2025

Advertisement

އަސާސީ ކާބޯތަކެތި 3،000 އިން މަތީ އާބާދީތަކަށް ސީދާ އެސްޓީއޯ މެދުވެރިކޮށް ފޯރުކޮށްދެނީ

25 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

އަސާސީ ކާބޯތަކެތީގެ އަގު ބޮޑުވިޔަނުދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން، ފޮޓޯ: ޕީއެސްއެމް

ސަރުކާރުން އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ ބާވަތްތަކުގެ ކާބޯތަކެތި ސީދާ އެސްޓީއޯ މެދުވެރިކޮށް 3،000 އަށްވުރެ އާބާދީ ބޮޑު ހުރިހާ ރަށަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް އެސްޓީއޯއާއި ޓްރޭޑް މިނިސްޓްރީ ގުޅިގެން ފަށާފައިވާކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރިއަށް އޮތް ރަމަޟާން މަހުގައި އަސާސީ ކާބޯތަކެތީގެ އަގު ބޮޑުވިޔަނުދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފާއިތުވި ދެ ރޯދަމަހުވެސް ތަކެތީގެ އަގުތައް އެއް މިންވަރެއްގައި ހިފަހެއްޓުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރިކަމަށާއި، އެ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކުރިއާ ހިލާފަށް ފާއިތުވި ދެ ރަމަޟާން މަހު ތަކެތީގެ އަގުތަށް މާބޮޑަށް އުފުލިގެންގޮސްފައިނުވާ ކަމަށެވެ. 

އޭގެ އިތުރަށް ސައީދު ވިދާޅުވީ 10 ބާވަތެއްގެ މޭވާއާއި 10 ބާވަތެއްގެ ތަރުކާރީގެ އިތުރަށް އިތުރު ތިން ބާވަތެއް ހިމެނޭ ގޮތަށް ޖުމްލަ 23 ބާވަތެއް އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަަނޑައަަޅުއްވައި އެތަކެތި ހެޔޮ އަގުގައި އަބަދުވެސް ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން އެސްޓީއޯއާ ރައީސް ހަވާލުކުރައްވާފައިވާ ކަމަށެވެ. އަދި އެ ކުންފުނިން އެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 

ސައީދު ފާހަގަކުރެއްވި ގޮތުގައި އެ 23 ބާވަތުގެ އަގަށް ވަރަށް ކުޑަ ބަދަލެއް ނޫނީ މިހާރު ނާންނާނެއެވެ. އަދި އެބާވަަތްތައް މެދުކެނޑުމެއް ނެތި ބާޒާރުން ހުސްނުވެ އަބަދުވެސް ލިބެން ހުންނާނެ ކަމުގެ ޔަގީންކަން މިހާރު ރައްޔިތުންނަށް އޮންނާނެއެވެ. 

މިނިސްޓަރު ހާމަކުރެއްވި ގޮތުގައި އެ ތަކެތި ލިބޭނެ ގޮތް ހަމަޖެއްސެވުމާއެކު، 3،000 އަށްވުރެ ބޮޑު އާބާދީތަކަށް ސީދާ އެސްޓީއޯ މެދުވެރިކޮަށް އެތަކެތި ފޯރުކޮށްދިނުމަށް ރައީސް ނިންމަވާފައިވެއެވެ. އަދި 3،000 އަށްވުރެ އާބާދީ ކުދި ރަށްރަށަށް އެޖެންޓުން މެދުވެރިކޮށް އެ ބާވަތްތައް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށް އެމަނިކުފާނު ނިންމަވާފައިވާކަށްވެސް ސައީދު ވިދާޅުވިއެވެ. 

އޭގެ އިތުރަށް މާލޭގައި އަތޮޅު ފިހާރަތަކާ ދިމާލުގައި ހޯލްސޭލް ސެންޓަރެއް ގާއިމުކޮށް، އެތަނުން މި ބާވަތްތައް ފޯރުކޮށްދެމުންދާއިރު، އައްޑޫއާއި ކުޅުދުއްފުށި ފަދަ އާބާދީ ބޮޑު ސަރަހައްދުތަކުގައި އެފަދަ ސެންޓަރުތައް ގާއިމުކޮށް ރޯދަމަހު މެދުނުކެނޑި އެތަކެތި ލިބޭނެކަން ކަށަވަރުކުރުމުގެ މަސައްކަތްކުރާނެ ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު