ENGLISH
25 ޑިސެމްބަރު 2025
ޓީޓީ ހެދުމަށް ބީއެމްއެލްއިން ވިޔަފާރިތަކަށް ދިން އެހީ ނިމުނު އަހަރަށްވުރެ 46 މިލިއަން ޑޮލަރު އިތުރު
25 ޑިސެމްބަރު 2025
|
ބީއެމްއެލްއިންވަނީ ވިޔަފާރިތައް ތަރައްގީކުރުމަށްޓަކައި ވިޔަފާރިތަކަށް ގިނަ ލުއިތަކެއް ދީފައި، ފޮޓޯ: މިހާރު
ޑޮލަރުގެ ތާށިކަން ހައްލުކޮށް ހެޔޮ އަގުގައި މުދާ އެތެރެކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވިޔަފާރިތަކުން ޓީޓީ ހެދުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ފޯރުކޮށްދޭ އެހީތެރިިކަން އިތުރުކޮށް ނިމުނު އަހަރު ދިން އެހީއަށްވުރެ އިތުރަށް 46 މިލިއަން ޑޮލަރުގެ އެހީ ވިޔަފާރިތަކަށް ބީއެމްއެލްއިން ފޯރުކޮށްދީފިއެވެ.
ކޮވިޑް-19ގެ އާލަމީ ވަބާގައި ބޭންކް އޮފް މޯލްޑިވްސްއަށް ކުރިމަތިވި ބޭރު ފައިސާގެ ދަތިކަމާއެކު އެ ބޭންކުން ވިޔަފާރިތަކުން ޓީޓީ ހެދުމަށް އެ ބޭންކުން ޑޮލަރު ވިއްކަމުން އައި މިންވަރު ވަރަށް ބޮޑަށް ދަށްކުރިއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ނިމުނު އަަހަރު ބޭރު ފައިސާއާ ބެހޭ ގާނޫނެއް ތައާރަފުކުރައްވައި ބޭންކުތަކަށް ބޭރު ފައިސާ ވަންނާނެ މަގުތައް ފަހިކުރެއްވިއެވެ.
ވިޔަފާރިއާއި އިގުތިސާދީ ތަރައްގީގެ ދާއިރާއިން މި ސަރުކާރުން މިހާތަނަށް ކުރި މަސައްކަތްތަކުގެ ތަފުސީލު ހިއްސާކުރައްވަމުން އިިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްގީކުރުމަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލްއިންވެސް ގިނަ ލުއިތަކެއް ވިޔަފާރިތަކަށް ފޯރުކޮށްދީފައިވާ ކަމަށެވެ.
އެގޮތުން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ހާސިލުކުރެވުނު އެއް ކާމިޔާބަކީ ބީއެމްއެލްއިން ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ދެމުން އައި އެހީ އިތުރުކުރުންކަން ފާހަގަކުރައްވަައި ސައީދު ވިދާޅުވީ 2024 ވަނަ އަހަރު ޓީޓީ ހެދުމަށް ދޭ އެހީގެ ގޮތުގައި ބީއެމްއެލްއަށް ދެވުނީ 69.2 މިލިއަން ޑޮލަރު ނަމަވެސް މި އަހަރު އެ އަދަދުގެ އިތުރަށް 46 މިލިއަން ޑޮލަރު ބީއެމްއެލްއިން ދީފައިވާ ކަމަށެވެ.
އޭގެ އިތުރަށް ބީއެމްއެލްއިންވަނީ ވިޔަފާރިތަކަށް އެ ބޭންކުން ދޭ ޓީޓީ ސަޕޯޓު ފޯރުކޮށްދޭ ލިމިޓުވެސް ކުރިއަށްވުރެ ބޮޑުކޮށްފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު 2،500 ޑޮލަރަށްވުރެ ދަށް ބިލުތަކަށް 50 އިންސައްތައާ ހަމައަށް އަދި 2،500 އައި 5،000 އާ ދެމެދުގެ ބިލުތަކަށް 30 އިންސައްތައާ ހަމައަށް އަދި 5،000 ޑޮލަރުން މަތީގެ އިންވޮއިސްތަކަށް 15 އިންސައްތައާ ހަމައަށް ރަސްމީ ރޭޓުގައި ޑޮލަރު ދޫކުރަމުންދެއެވެ.
އޭގެ އިތުރަށް ވިޔަފާރިވެރިން ފައިސާ ލިބިގަތުމަށް ދައްކަންޖެހޭ ފައިސާގެ އަދަދު 60 އިންސައްތަ ދަށްކުރުމާއެކު، ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ އެކި ލޯނުތައް ބީއެމްއެލްއިން ލުއި ގޮތްތަކުގައި ފައިސާ ދޫކުރަމުންދާ ކަމށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތް ދެ އަހަރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ ލުއިތަކެއް ސަރުކާރުން ހަމަޖައްސައިދޭން ރައީސް ޑރ.މުޢިއްޒު ނިންމަވާފައިވާކަން މިއަދު މިނިސްޓަރުވަނީ އިއުލާނުކުރައްވާފައެވެ. އޭގެ އިތުރަށް އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް އެސްއެމްއީތަކަށް އަންނަ އަހަރު 500 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ނިންމާފައިވާކަން މިނިސްޓަރު އިއުލާނުކުރެއްވިއެވެ.