ENGLISH
25 ޑިސެމްބަރު 2025
އަންހެނުންގެ ކަރާމާތަށް އުނިކަން އަންނަ މޭރުމަކުން ވާހަކަދެއްކުމުން، އެޗްއާރުސީއެމް އިން ކުށްވެރިކޮށްފި
25 ޑިސެމްބަރު 2025
|
ހެންވޭރު ރައްޔިތުންނާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، 2025 ޑިސެމްބަރު 7 ވަނަ ދުވަހުގެ ރޭ، ހެންވޭރުގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، އާންމު މީހަކު ފާޅުކުރި ޚިޔާލެއްގައި، އަންހެނުންގެ ކަރާމާތާއި، ދިވެހިރާއްޖޭ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ޤަދަރާއި ޝަރަފަށް އުނިކަން އަންނަ މޭރުމަކުން ދައްކާފައިވާ ވާހަކަތައް ކުށްވުރިކުރާ ކަމަށް ހިއުމަންޓްސް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.
އެޗްއާރުސީއެމް އިން މިއަދު އާއްމުކުރި ބަޔާނުގައި ބުނީ، ކޮންމެ އިންސާނެއްގެ ވެސް ނަމާއި އަބުރު ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީޢަތުން ކަށަވަރުކޮށްދޭ ޙައްޤެއް ކަމަށެވެ. އަދި، ޤާނޫނު އަސާސީގެ އިތުރުން އިންސާނީ ޙައްޤުތަކަކީ ބައިނަލްއަޤްވާމީ މުޢާހަދާތަކުން ވެސް ކަށަވަރުކޮށްދޭ ޙައްޤެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
"...ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު ފަދަ ޢިލްމީ، ޤާބިލު އަންހެން ބޭފުޅުންނަށް އަމާޒުކޮށް ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވޭ ބަސްމަގު ބޭނުންކުރުމަކީ އަންހެނުންގެ ކުރިއެރުމަށާއި ޙައްޤުތައް ކަށަވަރުކޮށް ދެމެހެއްޓުމަށް އޮތް ހުރަހެއް. އަދި މިފަދަ ފުރައްސާރައިގެ ސަބަބުން ޤައުމީ ޚިދުމަތަށް ނުކުންނަން ބޭނުންވާ އެހެން އަންހެނުން ފަސްޖެހި އެމީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭނެ" އެޗްއާރުސީއެމްގެ ބަޔާނުގައި ވެއެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އަނެކާގެ އަބުރަށް އަރައިގަތުމަށް އޮތް ހުއްދައެއް ނޫން ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ. އަދި، އިޙްތިރާމާއެކު ޚިޔާލު ފާޅުކުރުމަށާއި، އަނެކާގެ އަބުރު ރައްކާތެރިވާނެ ގޮތެއްގެ މަތިން ވާހަކަދެއްކުމަށް އެ ކޮމިޝަނުން ވަނީ ގޮވާލާފައެވެ.
ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ބޭފުޅަކަށް ފުރައްސާރަކުރުމަކީ މުޅި ނިޒާމުގެ ހައިބަތާއި ކަރާމާތަށް އުނިކަން އަންނާނޭ ކަމެއްކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ކޮމިޝަނުން އިތުރަށް ބުނީ އަންހެނުންނާ މެދު ކުރެވޭ އެންމެހައި ނޭދެވޭ ތަފާތުކުރުންތައް ނައްތާލުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ (CEDAW) ގައި ބައިވެރިވެފައިވާ ޤައުމަކަށް ރާއްޖެ ވީހިނދު، އެފަދަ ޢަމަލުތައް މުޢާހަދާއާ ވެސް ޚިލާފު ކަމަށެވެ.
އެޗްއާރުސީއެމްއިން ވަނީ، އިންސާނީ ކަރާމާތާއި އަނެކުންގެ ޤަދަރާއި ޝަރަފަށް އުނިކަން އަންނަ މި ބާވަތުގެ ވާހަކަތައް ނުދެއްކުމަށް އިލްތިމާސްކޮށްފައެވެ.