ENGLISH
25 ޑިސެމްބަރު 2025
އަންނަ އަހަރަކީ އިގުތިސާދީ އުފެއްދުންތެރިކަމުގެ އަހަރު؛ އެސްއެމްއީތަކަށް 500 މިލިއަން ރުފިޔާގެ ލޯނު ދޫކުރާނެ
25 ޑިސެމްބަރު 2025
|
އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު، ފޮޓޯ: ރައީސް އޮފީސް
އަންނަ އަހަރަކީ ދިވެހިރާއްޖޭގެ އިގުތިސާދުގެ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާއިރު، އެމަނިކުފާނު އަންނަ އަހަރަށް ކަނޑައެޅުއްވި އިގުތިސާދީ އަމާޒުތައް ހާސިލުކުރުމަށް ކުރާ މަސައްކަަތްތަކުގެ ތެރެއިން އެސްއެމްއީ ޑިޖިޓަލްއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަންނަ އަހަރު 500 މިލިއަން ރުފިޔާ ދޫކުރަން ނިންމައިފިއެވެ.
އިގުތިސާދާއި ވިޔަފާރީގެ ދާއިރާއިން ކުރެވުނު މަސައްކަތްތަކާއި ކުރުމަށް ރާވާފައިވާ މަސައްކަތްތަކުގެ ތަފުސީލީ މައުލޫމާތު ހިއްސާކުރެއްވުމަށް ވިޔަފާރިއާއި އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު މިއަދު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފާއިތުވި ދެ އަހަރު ތެރޭ ދިހަ ދާއިރާއަކުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮަށް 590 ވިޔަފާރިއަކަށް 340 މިލިއަނަަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކުރެވިފައިވާ ކަމަށެވެ.
އަދި ފިނޭންސް މިނިސްޓްރީން އެކި ވެންޑަރުންނަށް ދޭން ހުރި ފައިސާ ދޫކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން 13 ބިލިއަން ރުފިޔާ ލޯކަލް ވެންޑަރުންނަަށް ދޫކުރެވިފައިވާއިރު އެއިން ފަސް ބިލިއަން ރުފިޔާއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކުރެވުނު ފައިސާ ކަމުގައި ސައީދު ފާހަގަކުރެއްވިއެވެ.
ރައީސް މިހާރު ނިންމަވާފައިވަނީ 2026 ވަނަ އަހަރަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ކަނޑައެޅުއްވުމަށްކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ އަންނަ އަހަރު ސަރުކާރުގެ ވުޒާރާތަކުން ހާސިލުކުރާނެ އިގުތިސާދީ އުފެއްދުންތެރިކަމުގެ އަމާޒުތައް ކަނޑައެޅުމަށްފަހު، އެ އަމާޒުތައް ހާސިލުވާ މިންވަރު ވަޒަންކުރެވޭނެ މިންގަނޑުތަކެއް އެކަށައެޅުއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިއްކާފައި ހުރި ބިންތަކުގެ ގިނަކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ އެ ބިންތަކުގައި އިގުތިސާދީ ހަރަކާތްތައް ހިންގޭނެ ގޮތަށް ސިޔާސަތުތައް ބައްޓަންކުރެއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން އެ ސަރަހައްދުތަކުގައި ޓޫރިޒަމްގެ އިތުރަށް ކުދި އަދި މެދުފަންތީގެ ސިނާއީ އެކި މަސައްކަތްތައް ކުރުމަށް ފުރުސަތު ދެވޭނެ ގޮތަށް އަންނަަ އަހަރުގެ މަސައްކަަތްތައް ސަރުކާރުން ބައްޓަންކުރާނެ ކަމުގައި ވިދާޅުވިއެވެ.
އޭގެ އިތުރަށް އެސްއެމްއީ ޑިޖިޓަލްއިން ނިންމާފައިވަނީ އަންނަ އަހަރުގައި 500 މިލިއަން ޑޮލަރުގެ ލޯނު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކުރުމަށް ކަމުގައި ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ އެސްއެމްއީތައް ތަރައްގީކުރުމަށް އަންނަ އަހަރު ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ.