ENGLISH

10 އޭޕްރީލު 2025

Advertisement

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވާން، އަންނަ އަހަރު 47 ބިލިއަން ޑޮލަރު ދޭން އދ. އިން އެދިއްޖެ

04 ޑިސެމްބަރު 2024

|

އެމް އެމް

އދ.ގެ އިންސާނީ ހައްޤުތަކާބެހޭ ގޮފީގެ ވެރިޔާ ޓޮމް ފްލެޗަރ. --ފޮޓޯ: އޭއެފްޕީ

މޫސުމީ ކާރިސާތަކާއި ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ އެތައް މިލިއަން މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން، އަންނަ އަހަރު 47 ބިލިއަން ޑޮލަރު ދޭން، އދ. އިން އެދިއްޖެއެވެ. 

އދ.ގެ އިންސާނީ ހައްޤުތަކާބެހޭ ގޮފީގެ ވެރިޔާ ޓޮމް ފްލެޗަރ ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި، އަންނަ އަހަރު ވެސް ދުނިޔެ އޮތީ ވަރަށް ބިރުވެރި ހާލަތެއްގައި ކަމަށެވެ. 

ފަލަސްތީނުގެ ޣައްޒާ އާއި ސޫދާނު އަދި ޔޫކްރެއިން ހަނގުރާމައިގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތަކުގެ ސަބަބުން، އަންނަ އަހަރު 305 މިލިއަން މީހުންނަށް އެހީތެރިކަން ބޭނުންވާނެ ކަމަށް އދ.އިން ވަނީ ލަފާކޮށްފައެވެ. 

ފްލެޗަރ ވިދާޅުވި ގޮތުގައި، ތަފާތު އެކި ކާރިސާތަކާ ދުނިޔެ ކުރިމަތިލަމުންދާ އިރު، އެކަމުގެ އަގު ދައްކަންޖެހެނީ ދުނިޔޭގެ އެންމެ ނާޒުކު ހާލަތުގައި ތިބި މީހުން ކަމަށެވެ. 

އެކަމަކު، އެހީއަށް ބޭނުންވާ އެންމެންނަށް އެހީ ފޯރުކޮށްނުދެވޭނެ ކަން ވެސް އޭނާ ހިތާމަ އާ އެކު ފާހަގަކުރެއްވިއެވެ. 

އަންނަ އަހަރަށް އދ.އިން އެދިފައިވާ ޖުމްލަ 47.4 ބިލިއަން ޑޮލަރުން، އެހީ ފޯރުކޮށްދެވޭނީ ގާތްގަނޑަކަށް 189.5 މިލިއަން މީހުންނަށް ކަމަށް އދ.އިން ލަފާކުރެއެވެ. 

އޭގެ މާނައަކީ، 115 މިލިއަން މީހުންނަށް އެހީ ފޯރުކޮށްނުދެވޭނެ ކަމެވެ. 

"އަޅުގަނޑުމެން މި ޖެހެނީ ވަރަށް އުނދަގޫ ނިންމުންތަކެއް ނިންމަން. ވަރަށް ރޭވުންތެރިކަމާ އެކު އެންމެ ބޮޑަށް އެހީ ބޭނުންވާ މީހުން ކަނޑައަޅައި، އެ މީހުންނަށް އެހީ ފޯރުކޮށްދެވޭތޯ މަސައްކަތް ކުރަން،" ފްލެޗަރ ވިދާޅުވިއެވެ. 

އދ.ގެ އިންސާނީ އެހީ ފޯރުކޮށްދޭ ޖަމާއަތްތަކަށް ވެސް އެހީ ލިބުމަށް ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. 

މި އަހަރަށް އދ.އިން ކަނޑައެޅި 50 ބިލިއަން ޑޮލަރުގެ ތެރެއިން ވެސް އަދި މިހާތަނަށް ލިބިފައިވަނީ އެންމެ 43 ޕަސަންޓެވެ. 

އދ.އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރު ދެ ބައިވިއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގެދޮރު ގެއްލިފައިވާ މީހުންގެ އަދަދު 123 މިލިއަނަށް އަރައެވެ. 

ކިޔުންތެރިންގެ ހިޔާލު