ENGLISH
10 އޭޕްރީލު 2025
ވެލާމަސް ކައިގެން ތިން މީހުން މަރުވެ، 30 އަށްވުރެ ގިނަ މީހުންނަށް ފަރުވާ ދީފި
03 ޑިސެމްބަރު 2024
|
ފޮޓޯ: ގެޓީ އިމޭޖްސް
ފިލިޕީންސްގެ މެގުއިންޑަނާއޯ ޑެލް ނޯޓޭ ގެ އައްސޭރިފަށުގެ ރަށެއްގައި ވެލާމަހުން ތައްޔާރު ކޮށްފައިވާ ކެއުމެއް ކައިގެން ތިން މީހުން މަރުވެ، 30 އަށް ވުރެ ގިނަ ބަޔަކަށް ހޮސްޕިޓަލްގައި ފަރުވާދީފިއެވެ.
މި ހާދިސާގައި މަރުވެފައިވަނީ 68 އަހަރުގެ ފިރިހެނަކާއި އޭނާގެ 48 އަހަރުގެ ފިރިހެންދަރި އަދި 56 އަހަރުގެ އިތުރު ފިރިހެނެކެވެ.
ފޮޓޯ: ގެޓީ އިމޭޖްސް
އެ ސަރަހައްދުގެ މުނިސިޕަލް ޑިޒާސްޓާ ރިސްކް ރިޑަކްޝަން އެންޑް މެނޭޖްމެންޓް އޮފީހުގެ އޮފިޝަލް، އެރީން ޑިލޯ ބީބީސީއަށް މައުލޫމާތު ދީފައިވާ ގޮތުގައި މަސްވެރި މިސަރަހައްދުގެ މީހުން ވެލާ މަސް ކައިފައިވަނީ އޭގެން "އެބޫޑޯ" ތައްޔާރު ކޮށްގެނެވެ. އެބޫޑޯ އަކީ ފިލިޕީންސްގެ އެ ސަރަހައްދުގެ ސަގާފީ ކެއުމެކެވެ. ސޯޔާ ސޯސް އަދި ތަރުކާރީ ބޭނުންކޮށްގެން ހަދާ މި ކެއުމުގައި އާއްމުގޮތެއްގައި ބޭނުން ކުރަނީ އެއްގަމު މަހެވެ.
ވެލާމަސް- ފޮޓޯ: ގެޓީ އިމޭޖްސް
ސިއްހީ ތަޖުރިބާކަރުން މައުލޫމާތު ދޭ ގޮތުގައި މިކަން މެދުވެރިވާން ދިމާވާ ސަބަބަކީ، ވެލާ އާއްމު ގޮތެއްގައި ކައިއުޅޭ ބައެއް ވައްތަރުތަކުގެ މޫދުވިނައިގައި، ޗިނޮލިޓޮކްސިންއޭ ކިޔާ ވިހަ މާއްދާއެއް ގިނަ އަދަދަކަށް އެކުލެވޭތީއެވެ. ކެއުމުގައި މި ވިހަ ބޭނުންކުރުމުގެ ސަބަބުން ވެލަޔަށް ގެއްލުމެއް ނުލިބެނީ އޭގެ ތޮށިގަނޑު ދަށުގައިވާ ބަޔޯކެމިކަލް ދިފާއީ ނިޒާމުގެ ސަބަބުންނެވެ. ނަމަވެސް އިންސާނުންގެ ހަށިގަނޑުތެރެޔަށް މި ވިހަ އެތެރެވެއްޖެނަމަ ނޭވާލާން އުނދަގޫވުން، ވާގެނެތޭބަލި ޖެހުން އަދި ބައެއް ފަހަރު މަރުވުން ފަދަ ކަންކަން ދިމާވެއެވެ. މި ވިހައިން ސަލާމަތްވާނެ ސީދާ ފަރުވާއެއް ހޯދުމަށް ސައިންސްވެރިން ވަނީ އަދިވެސް ނުކުޅެދިފައެވެ.
ވެލާމަހުން ހަދައިފައިވާ "އެބޫޑޯ"- ފޮޓޯ: ގެޓޯ އިމޭޖްސް
މީގެ ކުރިން މި އަހަރުހެ މާޗް މަހުގައި އެފްރިކާގެ ގައުމެއްކަމަށްވާ ޓެންޒޭނިޔާގައި ވެސް ވެލާމަސް ކައިގެން ނުވަ މީހުން މަރުވެ، 78 މީހުންނަށް ވަނީ ހޮސްޕިޓަލްގައި ފަރުވާދީފައެވެ. މިކަހަލަ ހާދިސާތަކުގެ ސަބަބުން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ވެލާ ހިފުމާއި ވެލާ މަސް ކެއުން ވަނީ މަނާ ކޮށްފައެވެ.