ENGLISH
23 ޑިސެމްބަރު 2025
ދުނިޔޭގެ އެންމެ މަޝްހޫރު އެއް އެއާލައިންކަމަށްވާ ޤަތަރު އެއާވޭސްއަށް އާ ޓާމިނަލްއިން ހިދުމަތް ދޭން ފަށައިފި
22 ޑިސެމްބަރު 2025
|
ވީއައިއޭ ޓާމިނަލް އެކަކުން ޤަތަރު އެއާވޭސްއަށް ޚިދުމަތްދޭން ފެށުން. --ފޮޓޯ:އެމްއޭސީއެލް
ދުނިޔޭގެ އެންމެ މަޝްހޫރު އެއް އެއާލައިން ކަމުގައިވާ ޤަތަރު އެއާވޭސްއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އައު ޓާމިނަލުން ހިދުމަތް ދޭން ފަށައިފި އެވެ.
ޤަތަރު އެއާވޭސްއަށް ވީއައިއޭގެ ޓާމިނަލް އެކަކުން ހިދުމަތް ފޯރުކޮށްދޭން ފެށުން ފާހަގަކުރުމުގެ ގޮތުން ވަނީ އެއާޕޯޓުގައި ހާއްސަ ރަސްމިއްޔާތެއް މިއަދު ބާއްވާފަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލު އެވެ.
ވީއައިއޭ ޓާމިނަލް އެކަކުން ޤަތަރު އެއާވޭސްއަށް ޚިދުމަތްދޭން ފެށުން. --ފޮޓޯ:އެމްއޭސީއެލް
މި ރަސްމިއްޔާތުގައި ޤަތަރު އެއާވޭސްގެ ވައިސް ޕްރެޒިޑެންޓް ނެޓްވޯކް ސްޓޭޝަން، މިސްޓަރ ޕައުލް ލޫސިއާން އާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ލަތީފްގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންނާ އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ޤަތަރު އެއާވޭސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެއާލައިނުން ފުރި ފަސިންޖަރުންނަށް ހާއްސަ ހަދިޔާތަކެއް ވަނީ ދީފަ އެެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ޤަަތަރު އެއާވޭސްގެ ފުރަތަމަ ފްލައިޓް، އިން ރާއްޖެ އައި ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
ވީއައިއޭ ޓާމިނަލް އެކަކުން ޤަތަރު އެއާވޭސްއަށް ޚިދުމަތްދޭން ފެށުން. --ފޮޓޯ:އެމްއޭސީއެލް
ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރާ އެއް އެއާލައިނަކީ ޤަތަރު އެއާވޭސް އެވެ.
ދުނިޔޭގެ އެންމެ ބޮޑެތި އެއާލައިންތަކުގެ ތެރޭގައި ހިމެނޭ ޤަތަރު އެއާވޭސްއިން ފޯރުކޮށްދޭ ފަސްޓް ކްލާސް ފެންވަރުގެ ހިދުމަތުގެ ސަބަބުން، ޤަތަރު އެއާވޭސް އަކީ ދަތުރުވެރިންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ އެއާލައިނެކެވެ.
ޤަތަރު އެއާވޭސްއަށް އައު ޓާމިނަލުން ހިދުމަތް ދޭން ފެށުމާއެކު މިހާރު އައު ޓާމިނަލުން އަންނަނީ ޖުމްލަ 37 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށް ވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ޚިދުމަތެއް ފޯރުކޮށްދިނުމެވެ.