ENGLISH

22 ޑިސެމްބަރު 2025

Advertisement

ރީފްސައިޑްއިން ސުކޫކު އިޖާރާ ލޯންޗްކޮށްފި

21 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ރީފްސައިޑްއިން ސުކޫކު އިޖާރާ ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ދިވެހިރާއްޖޭގެ މަޝްހޫރު ގަޑި ވިއްކާފިހާރަ، ރީފްސައިޑްއިން ސުކޫކު އިޖާރާ ލޯންޗްކޮށްފި އެވެ.

ރީފްސައިޑް ސުކޫކު އިޖާރާ ލޯންޗުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ މުޙައްމަދު އައުޝަން ލަތީފު އެވެ. މީގެ އިތުރުން ސީއެމްޑީއޭގެ އިސްބޭފުޅުންނާއި، ކުންފުނިތަކުގެ އިސްވެރިން ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެފަ އެވެ.

ރީފްސައިޑްގެ ބާނީ އަހުމަދު ގާސިރު، ފަތުރުވެރިކަމަށް ބޭނުންވާ ސާމާނު ވިއްކުމަށް އެންމެ ފުރަތަމަ ރީފްސައިޑްގެ ނަމުގައި ޗާންދަނީމަގުގައި ހުޅުވި ފިހާރައެއް ހުޅުވާފައި ވަނީ 1976ގަ އެވެ. އެއަށްފަހު ހަސަން ޒާހިރުއަށް ފިހާރަ ވާރުތަވުމުން، 1980 ވަނަ އަހަރު މަޝްހޫރު ބްރޭންޑްތަކުގެ ގަޑި ވިއްކުމަށް ހާއްސަ ފިހާރައަކަށް ބަދަލުކުރައްވާ ސިޓިޒަން އަދި ސީ-ޝޮކް ފަދަ ބްރޭންޑްގެ ގަޑިތައް ރާއްޖެއަށް ތަޢާރަފްކޮށް ވިއްކަން ވަނީ ފަށައިފައެވެ.

ރާއްޖެއަށް ރާޑޯ ބްރޭންގެ ގަޑިތައް ރީފްސައިޑް އިން ތައާރަފްކޮށްފައިވަނީ 1982 ވަނަ އަހަރު އެވެ. ރާއްޖޭގައި ވިއްކާ މަޝްހޫރު ގިނަ ގަޑިތަކުގެ، ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓައަކީ ވެސް ރީފްސައިޑްކަން ފާހަގަކޮށްލަންޖެހެ އެވެ. ރަނގަޅު ހިދުމަތާއެކު ކޮލެޓީ އޮރިޖިނަލް އުފެއްދުންތައް މާކެޓަށް ނެރެދީ، މަރާމާތާއި އެހެނިހެން ހިދުމަތް ފޯރުކޮށްދިނުމަށް ރީފްސައިޑް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރީފްސައިޑް ކުންފުނީގެ ވިޔަފާރި އިތުރުށް ކުރިއެރުވުމަށްޓަކއި ޕްރައިވެޓް މާކެޓްގައި ވިއްކަން ހުޅުވާލާ 28 މިލިއަން ރުފިޔާގެ ރީފްސައިޑް އިޖާރާ ސުކޫކުން އިންވެސްޓަރުންނަށް އަހަރަކު 2.3 މިލިއަން ރުފިޔާގެ ކުލީގެ ފައިދާއެއް ލިބޭނެކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ. މިއީ ޝަރުއީގޮތުން ހުއްދަ ނިޒާމެއް ކަމަށާއި، މި ސުކޫކުގެ މުއްދަތުގައި އިންވެސްޓަރުންނަށް ރީފްސައިޑްގެ ކޭކޭއެމް ބިލްޑިންގއިން މަންފާ ލިބިގަތުމުގެ ހައްގު ލިބޭނެ ކަމަށްވެސް ބުންޏެވެ. މިއީ ރާއްޖޭގައި އަމިއްލަ ފަރާތަކުން އިޖާރާ މޮޑެލްއަށް ހުޅުވާލާ ފުރަތަމަ ސުކޫކެވެ.

ސުކޫކަކީ ގަނެ ވިއްކޭ މުދަލެއް ނުވަތަ އިމާރާތް ކުރެވޭ މަޝްރޫއެއް ނުވަތަ ހޯދައިގަނެވޭ ހިދުމަތެއް އަދި އެހެނިހެންވެސް އިސްތިސްމާރު ކުރެވޭ ނުވަތަ އިންވެސްޓްކުރެވޭ އިޤްތިޞާދީ ހަރަކާތްތަކެއްގެ، އެފަރާތެއްގެ ހިއްސާ ރަމްޒުކޮށްދޭ ސެޓްފިކެޓްއަށް ކިޔާ ނަމެކެވެ.

ރާއްޖޭގައި ދުނިޔޭގެ މަޝްހޫރު އެތައް ބްރޭންޑްތަކުގެ ގަޑި ވިއްކުމުގެ އިތުރުން ގަޑި މަރާމާތު ކުރުމުގެ މަސައްކަތްވެސް އެންމެ މަތީ ފެންވަރުގައި ރީފްސައިޑްއިން ކުރަމުން އަންނަތާ މިވަނީ 50 އަހަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު