ENGLISH

21 ޑިސެމްބަރު 2025

Advertisement

ބީއެމްއެލް އާއި އޮލިމްޕިކް ކޮމިޓީ ގުޅިގެން ސްޕޯޓްސް ސްކޮލަރޝިޕްގެ ފުރުސަތު ދެނީ

21 ޑިސެމްބަރު 2025

|

ހަސަން އާމިރު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލީ އެހީތެރިކަން ފޯރުކޮށްދޭ ސްޕޯޓްސް ސްކޮލަރޝިޕް ދިނުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއީ 2023 ވަނަ އަހަރު ދޭން ފެށި ސްޕޯޓްސް ސްކޮލަރޝިޕް ވިދިވިދިގެން ދޭ ތިންވަނަ އަހަރެވެ.

މި ސްކޮލަރޝިޕް ޕްރޮގްރާމްގެ އަމާޒަކީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި ކުޅިވަރުގައި ފުރިހަމަ ކާމިޔާބެއް ހޯދުމުގައި އެހީތެރިވުމެވެ. މި ސްކޮލަރޝިޕަށް އެތުލީޓުން ހޮވުމުގެ އެންމެހާ ކަންކަން ބަލަހައްޓާނީ އެމްއޯސީއިންނެވެ. އަދި ނޮމިނޭޝަންތައް ހުޅުވާނީ އެމްއޯސީގެ މެންބަރު އެސޯސިއޭޝަންތަކަށެވެ. ބޭންކުން ހުރިހާ ހަރަދެއް ފޯރުކޮށްދޭ މި ސްކޮލަރޝިޕަށް ހޮވޭ އެތުލީޓުންނަށް ހައިޕާފޯމަންސް ޓްރެއިނިންގ ސެންޓަރުތަކުގައި ތަމްރީނުވުމުގެ ފުރުސަތު ލިބޭނެއެވެ.  

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލް ސްޕޯޓްސް ސްކޮލަރޝިޕަކީ ރާއްޖޭގެ އެތުލީޓުންގެ ހުނަރު ތަރައްގީކޮށް ކުރިއެރުވުމަށް ބޭންކުން ދޭ އަހުމިއްޔަތުކަމުގެ ރަމްޒެއް ކަމަށެވެ. އަދި މި ސްކޮލަރޝިޕް ދިނުމަށް އެމްއޯސީއާއެކު އެއްބަސްވުމުން، ރާއްޖޭގެ އެންމެ ރަނގަޅު އަދި އުންމީދީ ހުނަރު ކުރިއެރުވުމަށް މި ސްކޮލަރޝިޕް މެދުވެރިކޮށް މަގުފަހިވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ދިވެހި އެތުލީޓުންނަށް މިއަދު މި ކުރެވޭ އިންވެސްޓްމެންޓަކީ ރާއްޖޭގެ ކުޅިވަރުގެ ކުރިމަގު ހަރުދަނާކޮށް، ބައިނަލްއަގުވާމީ ކާމިޔާބީއަށް ވާސިލުވުމަށް ހުޅުވޭ ދޮރެއް،" ޝަރީފް ވިދާޅުވި އެވެ.

އެމްއޯސީގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު ވިދާޅުވީ، ސްޕޯޓްސް ސްކޮލަރޝިޕް ދިނުމަށް ތިންވަނަ އަހަރަކަށް ބީއެމްއެލްއާއެކު އެއްބަސްވެވޭކަމީ އޮލިމްޕިކް ކޮމިޓީ އަށް ލިބޭ އުފަލެއް ކަމަށެވެ. އަދި މި އިދާރާއާއި ބޭންކުން ގުޅިގެން ހިންގާ މި އިންވެސްޓްމެންޓުން އެތުލީޓުންގެ ހުނަރު ތަރައްގީކޮށް އާ ފުރުސަތުތައް ހޯދައިދީ، ރާއްޖޭގެ ކުޅިވަރުގެ ކުރިމަގުގައި ކާމިޔާބީ ހޯދުމަށް އެހީތެރިވެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް ސްޕޯޓްސް ސްކޮލަރޝިޕް ދޭން ފެށިފަހުން މިހާތަނަށް 8 އެތުލީޓެއްގެ ޓްރެއިނިންގ ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ގިނަގުނަ މަސައްކަތަކެއް ކުރަމުން އަންނަ ބޭންކެކެވެ. އެގޮތުން ސްވިމިންގ، ޓެނިސް، ބާސްކެޓްބޯޅަ އަދި ސަރފިންގ އެސޯސިއޭސިއޭޝަންތަކާއެކު ގާއިމްކޮށްފައިވާ އެކި ޕާޓްނަރޝިޕްތަކުގެ ދަށުން އެހީތެރިކަން ފޯރުކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު