ENGLISH
21 ޑިސެމްބަރު 2025
އޮތެންޓިކް މޯލްޑިވްސްއިން މިއަހަރު ވިއްކި ދިވެހި އުފެއްދުންތަކުގެ އަގު 45.5 މިލިއަން ރުފިޔާއަށް އަރައިފި
21 ޑިސެމްބަރު 2025
|
އޮތެންޓިކް މޯލްޑިވްސްއިން މާލޭގައި ހިންގާ ފިހާރަ.
އޮތެންޓިކް މޯލްޑިވްސްއިން މިއަހަރުގެ ފުރަތަމަ 10 މަސް ދުވަހު ވިއްކި ދިވެހި އުފެއްދުންތަކުގެ އަގު 45.5 މިލިއަން ރުފިޔާއަށް އަރާފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުގައި ބުނެފައި ވަނީ، 2025 އަހަރުގެ ޖަނަވަރީން ފެށިގެން އޮކްޓޫބަރުގެ ނިޔަލަށް 45.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
މިދިޔަ އަހަރު ދިވެހި ތަކެތި ވިއްކައިގެން ލިބުނު ޖުމްލަ އާމްދަނީ އަކީ 26.12 މިލިއަން ރުފިޔާއެވެ. މިއަހަރު ލިބުނު ކުރިއެރުމަކީ 2024 ވަނަ އަހަރާ އަޅާބަލާއިރު ހަތް އިންސައްތައިގެ ކުރިއެރުމެކެވެ.
އިޤްތިޞާދީ ވުޒާރާއިން ބުނީ، 2025 ވަނަ އަހަރު 39 އާ ސަޕްލަޔަރުން އޮތެންޓިކް މޯލްޑިވްސްގައި ރަޖިސްޓްރީވެފައިވާ ކަމަށެވެ. އޭގެތެރެއިން 69 އިންސައްތަ ލީޑުކުރަނީ އަންހެން ވިޔަފާރިވެރިންނެވެ.
އޮތެންޓިކް މޯލްޑިވްސްގެ ވިޔަފާރިތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ސ. ގަން އެއާޕޯޓުގެ އިތުރުން މާލެ، ތޮއްޑޫ އަދި ވިލާ ނޯޓިކާ ރިސޯޓުގައި އަންނަނީ ހިންގަމުންނެވެ.
ރާއްޖޭން ބޭރުގައި ވެސް އޮތެންޓިކް މޯލްޑިވްސްގެ އުފެއްދުންތައް ވިއްކައެވެ. އެގޮތުން، ޖަޕާނުގެ ކަންސައި ނަރީތާ އިންޓަނޭޝަނަލް އެއާޕޯޓާއި ވޯލްޑް ބޭންކުގެ މައި އޮފީހުގައި ވެސް އެ ވިޔަފާރި ވަނީ ފުޅާކޮށްފައެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި މާކެޓްކުރެވޭނެ ފުރުޞަތު ފަހިކޮށްދިނުމަށް އިޤްތިޞާދީ ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަލީބާބާގައި ދިވެހިންނަށް ވިޔަފާރި ކުރެވޭ ފުރުޞަތު ހުޅުވާލިއިރު، އޮތެންޓިކް މޯލްޑިވްސްއިން ވަނީ އޮންލައިން ޕްލެޓްފޯމެއް އަލީބާބާގައި ހުޅުވައިފައެވެ.
އޮތެންޓިކް މޯލްޑިވްސް އަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން އުފެއްދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގެ ދަށުން ހިންގާ ވިޔަފާރިއެކެވެ.