ENGLISH
10 އޭޕްރީލު 2025
ޕާކިސްތާނުގައި ނުރައްކާތެރި ހަމަލާތައް ގިނަވެ، އަސްކަރީ އޮޕަރޭޝަންތައް ވަރުގަދަކޮށްފި
03 ޑިސެމްބަރު 2024
|
ޕާކިސްތާނުގެ ސިފައިން ހަތިޔާރާ އެކު މަގެއްގެ އަމަން ބަލަހައްޓަނީ.
ޕާކިސްތާނުގައި ހަނގުރާމަވެރި ޖަމާއަތަކުން ދެމުންދާ ހަމަލާތަކާ ދެކޮޅަށް އެ ޤައުމުގެ އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަންތައް ވަރުގަދަކޮށްފިއެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާ އިން ބުނީ، އިންޓެލިޖެންސް މަޢުލޫމާތުގެ އަލީގައި ޚައިބަރު ޕަޚްތުންޚުވާ ސަރަޙައްދުގައި ހިންގި އޮޕަރޭޝަންތަކުގައި ހަނގުރާމަވެރި ޖަމާއަތްތަކަށް ނިސްބަތްވާ އަށް މީހަކު މަރާލެވިފައިވާ ކަމަށެވެ.
އެ ކުރިމަތިލުންތަކުގައި ޕާކިސްތާނު ސިފައިންގެ ދެ މީހަކު ވެސް ވަނީ މަރުވެފައެވެ.
ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން އޮޕަރޭޝަންތައް ވަރުގަދަކޮށްފައިމިވަނީ، އެ ޖަމާއަތްތަކުން ދެމުންދާ ހަމަލާތަކުގައި އާންމުންގެ އެތައް ބަޔަކު މަރުވެފައިވާ ވަނިކޮށެވެ.
ޕާކިސްތާނު އިންސްޓިޓިއުޓް ފޯ ކޮންފްލިކްޓް އެންޑް ސެކިއުރިޓީ ސްޓަޑީޒް (ޕީއައިސީއެސްއެސް) އިން ބުނާ ގޮތުގައި، މިދިޔަ މަހު އެކަނިވެސް، ހަނގުރާމަވެރި ޖަމާއަތްތަކުން، ތަފާތު 71 ހަމަލާއެއް ވަނީ ދީފައެވެ.
އޭގެތެރެއިން، ގިނަ ހަމަލާތައް ދީފައިވަނީ، ޚައިބަރު ޕަޚްތުންޚުވާ އާއި ބަލޮޗިސްތާނުގެ ސަރަޙައްދުތަކުގައެވެ.
ހަނގުރާމަވެރި ޖަމާއަތްތަކުން މި އަހަރު ދިން ހަމަލާތަކުގެ އަދަދު މިހާރު ވެސް މިދިޔަ އަހަރުގެ ޖުމްލަ އަދަދަށްވުރެ ވަނީ އިތުރުވެފައެވެ.
މިގޮތުން، މި އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް 856 ހާދިސާއެއް ރެކޯޑްކޮށްފައިވާއިރު، އޭގެ ކުރީ އަހަރުގެ ނޮވެމްބަރު މަހު ހާދިސާތަކުގެ އަދަދު ހުރީ 645 ގައެވެ.
މި ހަމަލާތަކުގައި 1،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެތެރޭގައި ގިނައީ އާންމުންނާއި ސަލާމަތީ ޚިދުމަތްތަކުގެ މީހުންނެވެ.