ENGLISH
10 އޭޕްރީލު 2025
އިޒްރޭލުގެ ވެރިން ހައްޔަރުކުރަން އަމުރު ނެރުމުން ބިރު ދައްކަމުންދާ ކަމަށް އައިސީސީން ބުނެފި
03 ޑިސެމްބަރު 2024
|
އައިސީސީގެ ރައީސް އަކާނޭ.
ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ޤަތުލުއާއްމުއާ ގުޅިގެން، އިޒްރޭލުގެ ވެރިން ހައްޔަރުކުރަން އަމުރު ނެރުނު ފަހުން، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)އަށް އެކި ގޮތް ގޮތުން ފިއްތުންތައް ކުރިމަތި ކުރުވައި، އިންޒާރު ދީ، ބިރު ދައްކަމުންދާ ކަމަށް އެ ކޯޓުގެ ރައީސް ވިދާޅުވެއްޖެ އެވެ.
އައިސީސީގެ މައި މަރުކަޒު ހުންނަ ދަ ހޭގުގައި ހޯމަ ދުވަހު ބޭއްވި އަހަރީ ކޮންފަރެންސްގައި އައިސީސީގެ މެމްބަރުންނާ މުޚާތަބު ކުރައްވައި، އެ ކޯޓުގެ ރައީސް ޓޮމޮކޯ އަކާނޭ ވިދާޅުވީ، އެ ކޯޓަށް ތަފާތު އެކި "ފިއްތުންތަކާއި، ބިރު ދެއްކުމާއި، އިންޒާރުތަކާއި ޕްރެޝަރުތަކާއި ދަތިކުރުމުގެ އަމަލުތައް" ކުރިމަތިވެފައިވާ ކަމަށެވެ.
އެކަމަކު އޭނާ ވަކި ޤައުމެއްގެ ނަމެއް ވިދާޅެއް ނުވެއެވެ.
ނަމަވެސް، ފަލަސްތީނުގެ ޣައްޒާގެ އިތުރުން ޔޫކްރޭނުގައި ކުރަމުންދާ ހަނގުރާމަ އާ ގުޅިގެން، އިޒްރޭލާއި ރަޝިޔާގެ ވެރިން ހައްޔަރުކުރަން އައިސީސީން އަމުރު ނެރުމާ ގުޅިގެން، އެ ދެ ޤައުމުން ވަނީ އައިސީސީއަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.
"އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރު ޤައުމަކުން އިސްވެ ދަނީ، ޓެރަރިސްޓު ޖަމާއަތަކަށް ދޭ ފަދައިން، މި ކޯޓަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުތައް ދެމުން،" އަކާނޭ ވިދާޅުވިއެވެ.
ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރު، އައީސީސީން ނެރުމާ އެކު، އެ ކޯޓުގެ ފަނޑިޔާރުންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާގެ ސިޔާސީ އެކި ފަރާތްތަކުން ދަނީ ދެމުންނެވެ.
މިގޮތުން، އައިސީސީ އާ ދެކޮޅަށް އަސްކަރީ ބާރު ބޭނުންކުރަން ވެސް އެމެރިކާގެ ސެނެޓުގެ މެންބަރަކު ވަނީ ގޮވާލައްވައިފައެވެ.
އަކާނޭ ވިދާޅުވި ގޮތުގައި، އައިސީސީ އަށް ކުރިމަތިވެފައިވާ މިފަދަ އިންޒާރުތަކުގެ ސަބަބުން، އެ ކޯޓުގެ ފަނޑިޔާރުންނަށް މިނިވަންކަމާ އެކު މަސައްކަތްކޮށް، އިންސާފު ޤާއިމުކުރުމަށް ވަނީ ހުރަސްއެޅިފައެވެ.
ދެހާސްދެވަނަ އަހަރު އައިސީސީ ވުޖޫދުކުރީ، ދުނިޔޭގައި ހިނގާ ހަނގުރާމައިގެ ކުށްތަކާއި، އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކާއި ނަސްލު ނައްތާލުމުގެ އަމަލުތަކަށް އިންސާފު ހޯދައި ދިނުމަށެވެ.
އިޒްރޭލުގެ ވެރިން ހައްޔަރުކުރަން އައިސީސީން ނެރުނު އަމުރަކީ، ހުޅަނގުގެ ބާރު ގަދަ ޤައުމުތަކުން ވާގިދޭ ޤައުމަކާ ދެކޮޅަށް އެފަދަ އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ.