ENGLISH

17 ޑިސެމްބަރު 2025

Advertisement

ކްރޫޒްލައިނާއިން 500 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ

17 ޑިސެމްބަރު 2025

|

މަރިޔަމް ލީމް

ރާއްޖެ ޒިޔާރަތްކޮށްފައިވާ ކްރޫޒްލައިނާއަކުން 500 އަށް ވުރެ ގިނަ ފަތުރުވެރިން މިއަދު އައިސްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން 'އެކްސް' ގައި މިއަދު ކޮށްފައިވާ ޕޯސްޓުގައި ބުނީ "އެމްއެސް އޯޝީނިއާ ސީރެއިނާ" ނަމަކަށް ކިޔާ ކުރޫޒްލައިނާގެ ފަސިންޖަރުންނާއި ކްރޫންނަށް އިމިގްރޭޝަންގެ ސީޕޯޓް ޑިވިޝަނުން ކްލިއަރެންސްދީފައިވާ ކަމަށެވެ. 

މި ކްރޫޒްލައިނާ ރާއްޖެ އައީ މޮރިޝަސްގެ ޕޯޓް ލުއީއިން ފުރައިގެންނެވެ.

މިއީ އެ ގައުމުން އައި ކްރޫޒްލައިނާއަކަށް ކްލިއަރެންސް ދިން ދެވަނަ ފަހަރެވެ. މި ކްރޫޒްލައިނާގައި 549 ފަސިންޖަރުންނާއި 392 ކްރޫން ހިމެނޭކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

މޮރިޝަސްގެ ޕޯޓް ލުއީއިން ފުރަތަމަ ފަހަރު ކްލިއަރެންސް ދެވުނު ކްރޫޒްލައިނާގައި 649 ފަސިންޖަރުންނާއި 396 ކްރޫން ރާއްޖެ އައިސްފައިވެއެވެ.

މި އަހަރުގެ މާޗު މަހު ވެސް ކްރޫޒްލައިނާއެއް ރާއްޖެ އައިސްފައިވެއެވެ. އެ ކްރުޒްލައިނާގައި 1274 ފަތުރުވެރިންނާއެކު 751 ފަޅުވެރިން ހިމެނުނެވެ.

މިއަހަރު ރާއްޖެ އައި އެންމެ ފުރަތަމަ ކްރޫޒްލައިނާ މާލޭ ބޭރުގައި ބަނދަރުކުރީ ޖަނަވަރީ މަހުގެ ކުރީކޮޅުއެވެ. އެ ކްރޫޒްލައިނާއިން 632 މީހަކަށް އިމިގްރޭޝަނުން ކްލިއަރެންސް ދިނެވެ. އެއީ 216 ފަސިންޖަރުންނާއި 416 ކްރޫއިންނެވެ. އެ ބޯޓު ރާއްޖެ އައީ ސީޝެލްސްއިން ފުރައިގެންނެވެ. 

ރާއްޖެ ޒިޔާރަތްކުރާ ކްރޫޒްލައިނާތައް ގިނަވެފައިވާއިރު، ކްރޫޒްލައިނާތަކަށް ޚާއްސަ ޖެޓީތައް ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ތަރައްގީކުރުމަށް ސަރުކާރުން ނިންމާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު