ENGLISH
16 ޑިސެމްބަރު 2025
އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމު ލިބޭ އެސްޓީއޯގެ "ރަމަޒާން ބާޒާރު" ފަށައިފި
16 ޑިސެމްބަރު 2025
|
އެސްޓީއޯ ރަމަޒާން ބާޒާރު ފެށުން--ފޮޓޯ:ޕީއެސްއެމް
އެއްވަނަ އަށް ހޮވޭ ފަރާތަކަށް 100،000r. ގެ ފައިސާގެ އިނާމު ލިބޭ، އެސްޓީއޯގެ "ރަމަޒާން ބާޒާރު" ފަށައިފި އެވެ.
މި ޕްރޮމޯޝަން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާފައިވަނީ އެޗްޑީސީގެ ޗެއަރމަން އަހުމަދު ޝަހީރު އެވެ.
އަންނަ ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާރިޗް މަހުގެ 18 ދުވަހުގެ ނިޔަލަށްކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ. އަދި އެހެން އަހަރު ތަކެކޭ އެއްގޮތަށް މިއަހަރުވެސް ގިނަ ޕްރޮޑަކްޓްތަކުން ރަނގަޅު ޑިސްކައުންޓެއް ލިބޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.
އެސްޓީއޯ އިން ބުނީ މި ޕްރޮމޯޝަންގައި ގޭތެރޭ، ހިފާ ގެންގުޅޭ ސާމާނުތަކުން، ހޮވާލެވިފައިވާ ބައެއް ތަކެތިން 50 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. މީގެ އިތުރުން 500ރ. އަށްވުރެ މަތިން ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ޑިޖިޓަލް ކޫޕަނެއް ދޫކުރެވޭނެ ކަމަށާއި، އަދި ކޮންމެ ހަފްތާއަކު ވެސް މި ޑިޖިޓަލް ކޫޕަން ލިބޭ ފަރާތްތަކުގެ ތެރެއިން އެއް ފަރާތަކަށް ހާއްސަ ގިފްޓް ހެމްޕަރއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޕްރޮމޯޝަން ނިމުމުން ޕްރޮމޯޝަންގެ މުއްދަތުގައި ވިޔަފާރިކޮށް ކޫޕަން ލިބުނު ހުރިހާ ފާރަތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ނަސީބުވެރި، އެއް ފަރާތް ހޮވާނެ ކަމަށާއި އަދި އެފަރާތަކަށް ގްރޭންޑް ޕްރައިސްގެ ގޮތުގައި 100،000ރ. ގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.
މި އަހަރުގެ "ރަމަޒާން ބާޒާރު" ޕްރޮމޯޝަން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އިތުރުން ވިލިމާލެ ފިހާރަ އަދި ރީޖަނަލްސްގެ އިތުރު 11 އައުޓްލެޓެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
އެސްޓީއޯއިން ބާއްވާ މި ޕްރޮމޯޝަނަކީ ރޯދަމަހަށް ހާއްސަކޮށްގެން އާންމުންގެ ގެތަކަށް ބޭނުންވާ ފެންވަރު ރަނގަޅު، ހިފާ ގެންގުޅޭ ސާމާނު ހެޔޮ އަގެއްގައި ބައްލަވައިގަތުމަށް ބޭނުންވާ ފަރާތްތަކަށް ލިބޭ އަގުހުރި ފުރުސަތެއްކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އަދި މި ޕްރޮމޯޝަންއަށް ކޮންމެ އަހަރަކުވެސް ގިނަބަޔެއްގެ ތަރުހީބު ލިބިގެންދާކަމަށް އެސްޓީއޯއިން ބުންޏެވެ.