ENGLISH

15 ޑިސެމްބަރު 2025

Advertisement

އަހަރެއް ތެރޭ މަސްވެރިންނަށް 908 މިލިއަން ރުފިޔާ، ސިނާއަތަށް ދިރުމާއި ކުރިއެރުން

15 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން މަސްވެރިކަމަށް ދިރުން ލިބުނުކަން ހިސާބުތަކުން ފެނޭ

މީގެ އަހަރެއްހައި ދުވަސް ކުރިއެވެ. ދުވަހަކީ 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހެވެ. އެ ދުވަހަކީ ތާރީހީ ދުވަހެކެވެ. ކޮންމެ ސަރުކާރެއްގައިމެ މެދުކެނޑުމެއް ނެތި މަސްވެރިންގެ ފަރާތުން އިވެމުން އައި ޝަކުވާއަކަށް ދާއިމީ ހައްލެއް އިންތިޒާމީ ގޮތެއްގަައި ނިޒާމެއްގެ ތެރެއިން ހަމަޖެހުނު ދުވަހެވެ. މަސްވެރިން މަސް ބާނައިގެން ކިރުވުމަށްފަހު ފައިސާ ނުލިބި މަސް ދެމަސްވާތީ މަސްވެރިން އިހުތިޖާޖުނުކުރާ ދުވަސްވަރެއް ފާއިތުވި ވިއްސަކަށް އަހަރު ދިވެހިން ނުދެކެއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގަތީ އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދެއްވުމުގެ އަޒުމުގައި އެ ވައުދުފުޅާއެކުއެވެ. ލަސްވެގެން 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމުގެ ވައުދުފުޅާއެކުއެވެ. ޑިސެންބަރު 10، 2024 ވަނަ ދުވަހަކީ އެމަނިކުފާނުގެ އެ ވައުދުފުޅު ފުއްދަވައި، މާލީ ވުޒާރާއާއި މިފްކޯއާއި ބޭންކް އޮފް މޯލްޑިވްސްގެ މެދުގައި ގާއިމުކުރެވުނު އެއްބަސްވުމެއްގެ ދަށުން، އިންތިޒާމީ ގޮތެއްގައި މަސްވެރިންނަށް ފައިސާ ދޫކުރަން ފެށުނު ތާރީހީ ދުވަހެވެ. 

އެ ދުވަހަށް އަހަރަކަށްވުރެ ގިނަ ދުވަސްވީއިރު، ފަސް އެބުރި ބަލައިލުމުން ފެންނަނީ މަސްވެރިންނަށް ގިނަ އަދަދެއްގެ ފައިސާ ދޫކުރެވި، އެކަމުގެ ހެޔޮ އަސަރު މުޅި ސިނާއަތަށް ކުރަމުންދާ ތަނެވެ. މަސްވެރިކަމުގެ ސިނާއަތުގެ އުފެއްދުންތެރިކަން ހުރިހާ މާނައެއްގައި އިތުރުވެފައިވާކަން މާލީ ތަފާސްހިސާބުތަކުން ސާފުކޮށް ފެނެއެވެ. 

ޑިސެންބަރު 10، 2024 ވަނަ ދުވަހުން ފެށިގެން 31 ޑިސެންބަރު 2024 ވަނަ ދުވަހާ ހަމައަށް 41،560،475 (ސާޅީސް އެއް މިލިއަން ފަސްލައްކަ ފަސްދޮޅަސްހާސް ހަތަރުސަތޭކަ ހަތްދިހަ ފަސް) ރުފިޔާ މަސްވެރިންނަށް ދޫކުރިއިރު، ޖަނަވަރީ 1، 2025 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ ޑިސެންބަރު 10 ވަނަ ދުވަހާ ހަމައަށް 866،667،806 (އަށްސަތޭކަ ފަސްދޮޅަސް ހަ މިލިއަން ހަލައްކަ ފަސްދޮޅަސް ހަތްހާސް އަށްސަަތޭކަ ހަ) ރުފިޔާ މަސްވެރިންނަށް މިފްކޯއިން ދޫކޮށްފައިވެއެވެ. އެއީ އެކު ޖުމްލަ 908،228،281 (ނުވަސަތޭކަ އަށްމިލިއަން ދެލައްކަ ދުއިސައްތަ އަށްޑިހަ އެއް) ރުފިޔާއެވެ. 

މަސްވެރިންނަށް މި ފައިސާ ދޫކުރުމުގެ ނަތީޖާ މަސްވެރިކަމާ ގުޅުންހުރި އިގުތިސާދީ މާލީ ހިސާބުތަކުން ފެނެއެވެ. އެގޮތުން ނިމުނު އަހަރާ އަޅާބަލާއިރު މަސް ކިރުވި މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ހިސާބުތަކުން ދައްކައެވެ. ނިމުނު އަހަރުގެ ޖަނަވަރީން އޮކްޓޯބަރުގެ ނިޔަލަށް 42،426 (ސާޅީސް ދެހާސް ހަތަރުސަތޭކަ ސައްބީސް) މެޓްރިކް ޓަނުގެ މަސް ކިރުވިއިރު މި އަހަރުގެ އެ މުހުލަތުގައި 73،447 (ހަތްދިހަ ތިންހާސް ހަތަރުސަތޭކަ ސާޅީސް ހަތް) މެޓްރިކް ޓަނުގެ މަސް ކިރުވާފައިވެއެވެ. އެއީ އަހަރުން އަހަރަށް ބަލާއިރު 73.1 އިންސައްތަައިގެ ކުރިއެރުމެކެވެ. 

މަސް ކިރުވި މިންވަރުގެ އިތުރަށް މަސް އެކްސްޕޯޓުކުރި މިންވަރުވެސް ނިމުނު އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވިކަން ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން ނިމުނު އަހަރު ޖަނަވަރީން އޮކްޓޯބަރުގެ ނިޔަލަށް ރާއްޖެއިން ބޭރުކޮށްފައިވާ މަހާއި މަހުގެ އުފެއްދުންތަކުގެ އަދަދު އަރަނީ 33،968 (ތެއްތިރީސްހާސް ނުވަސަތޭކަ ފަސްދޮޅަސް އަށް) މެޓްރިކް ތަނަށެވެ. މި އަހަރު އެ އަދަދުވަނީ 65،467 (ފަސްދޮޅަސް ފަސްހާސް ހަތަރުސަތޭކަ ފަސްދޮޅަސް ހަތް) މެޓްރިކް ޓަނަށް އަރާފައެވެ. އެއީ ނިމުނު އަހަރަށްވުރެ 92.7 އިންސައްތަައިގެ އިތުރުވުމެކެވެ. 

ސަރުކާރުން މަސްވެރިންނަށް ބަރާބަރަށް ވަގުތުން ފައިސާ ދޫކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމާއެކު، މަސްވެރިން މަހަށް ނިކުމެ، މަސް ބާނައި މަސް ކިރުވަން ފެށިއެވެ. ކާރުހާނާތަކުގެ އުފެއްދުންތެރިކަން އިތުރުވެ، މަސް ބޭރުކުރާ މިންވަރު އިތުރުވެއްޖެއެވެ. މިއީ ސަރުކާރުގެ ސިޔާސަތުން ނެރެވުނު ހެޔޮ ނަތީޖާއެވެ. 

ސަރުކާރުގެ އަމާޒު ހުރީ މުޅި ސިނާއަތަށް ބޮޑު އިންގިލާބެއް ގެނައުމަށެވެ. މަސްވެރިންނަށް އިންތިޒާމީ ގޮތެއްގައި ފައިސާ ލިބޭނެ ގޮތް ހަމަޖެއްސުމަކީ މި އިންގިލާބުގެ ފެށުމެވެ. ކުރިއަށް އޮތީ މަސް ރައްކާކުރާ ކޯލްޑް ސްޓޮރޭޖުތައް އިތުރުކުރުމާއި، މަސް ޕްރޮސެސްކުރުމުގެ ގާބިލުކަން އައު އުސްމިންތަކަކަށް އުފުލައިލާ، އަގު އިތުރުކޮށްގެން މަސް ބޭރުކުރެވޭ މިންވަރު އިތުރުކުރުމެވެ. 

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޯލްޑް ސްޓޮރޭޖު އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ފެލިވަރާއި ކޫއްޑޫގެ މަސް ޕްރޮސެސިން ގާބިލުކަން އިތުރުކޮށް، މަސް ބަންދުކުރާ އައު ކާރުހާނާތައް އެޅުމުގެ މަސައްކަަތްވެސް ހަލުއިކަމާއެކު ފަށައިގެން ކުރިއަށްގެންދިއުމަށް ސަރުކާރު އޮތީ ތައްޔާރުވެފައެވެ. 

މިއަދު މަސްވެރިންގެ ދަފުތަރު އެކުލަވައިލައި، މާލީ ނިޒާމުގައި މަސްވެރިންނަށް ބައިވެރިވުމުގެ ފުރުސަތު އެވަނީ ހުޅުވާލާފައެވެ. މަސްވެރިންނަށް ބޭންކުން ކުރިން ނުލިބޭ އެތައް ހިދުމަތެއް ލިބޭނެ މަގުވަނީ ފަހިކުރެވިފައެވެ. ކުރުކޮށް ދަންނަވާނަމަ ނިޒާމުން ބޭރުގައި ހަވާސާގައި ތިބި މަސްވެރިން ނިޒާމުގެ ތެރެއަށް ގެނެވިއްޖެއެވެ. 

މި ބަދަލުތަކުގެ ޗޭނު ބަދަހިކޮށް ގުޅި ލާމެހި ގެތިގެން ދިއުމުން ނެރެވޭ ނަތީޖާއަކީ ޒަަމާނީ ސިނާއަތަކަށް މަސްވެރިކަން ބަދަލުކުރެވި، އެ ސިނާއަތުގެ މަންފާ އިތުރުކުރެވި، މަސްވެރިކަމަކީ ރާއްޖެއަށް ބޮޑު މަންފާއެއް ލިބޭ، އެ ސިނާއަތުން މަސްވެރިންނަށް ލިބޭ އާމްދަނީ ހާސްބައި އިތުރުވާނެ ސިނާއަތަަކަށްވުމެވެ. 

ކިޔުންތެރިންގެ ހިޔާލު