ENGLISH

17 ޑިސެމްބަރު 2025

Advertisement

ޕްރިމިއާ ލީގުގައި ލިވަޕޫލުގެ ތާރީހީ ގޯލެއް؛ ދުނިޔޭގެ ލޯތަކަށް ރާއްޖޭގެ އިޝްތިހާރު

15 ޑިސެމްބަރު 2025

|

މުޙައްމަދު އަދުހަމް

އިނގިރޭސި ޕްރިމިއާ ލީގުގެ 2025/2026 ސީޒަންގެ އެންމެ އަވަސް ގޯލުގެ ރިކޯޑް ލިވަޕޫލް ފުޓްބޯލް ކްލަބު (އެލްއެފްސީ) އިން މުގުރާލި ދަނޑިވަޅު، މުޅި އެންފީލްޑް ސްޓޭޑިއަމްގައި ދިވެހިރާއްޖޭގެ ބްރޭންޑިންގ އަނެއްކާވެސް ވިދާލައިފިއެވެ.

އެގޮތުން، މިހާރު ކުރިއަށްދާ އިނގިރޭސި ޕްރިމިއާ ލީގުގެ ސީޒަންގައި މި ހަފްތާގެ ހޮނިހިރު ދުވަހު އެންފީލްޑްގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ލިވަޕޫލުން ވަނީ މި ފަހަރުގެ ސީޒަންގެ އެންމެ އަވަސް ގޯލުގެ ރިކޯޑް މުގުރާލައިފައެވެ. އެއީ، މި މެޗު ފެށިތާ 46 ސިކުންތުގެ ތެރޭގައި ލިވަޕޫލްގެ ފޯވާޑް، ހޫގޯ އެކިޓީކޭ ވައްދާލި ލަނޑުންނެވެ.

ލިވަޕޫލުން މި ރެކޯޑް ގޯލު ކާމިޔާބުކުރި ދަނޑިވަޅު ދިމާވީ، ދިވެހިރާއްޖޭގެ ބްރޭންޑިންގ މުޅި ދަނޑުގައި ދިއްލާލާފައިވާ ދަނޑިވަޅާވެސް މެއެވެ. އެކަމަކު، އޭގެފަހުން މި ރެކޯޑް ވަނީ އާދީއްތަ ދުވަހު އެސްޓަންވިލާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސްޓް ހޭމްގެ ކުޅުންތެރިއަކު މުގުރާލައިފައެވެ. 

މި ފަހަރުގެ ސީޒަންގައި ޖެހި އެންމެ އަވަސް ގޯލުގެ ރެކޯޑް ލިވަޕޫލުން މުގުރާލި ވަގުތު މުޅި އެންފީލްޑްގައި ދިވެހިރާއްޖޭގެ ބްރޭންޑިންގ އެލްއީޑީ ބޯޑުތަކުގައި ދިއްލާފަ. (މަތީ ފޮޓޯގައި). މި ރެކޯޑް ފަހުން ވަނީ މުގުރާލައިފަ.

ލިވަޕޫލް ފުޓްބޯޅަ ކްލަބާއެކު ގާއިމުކޮށްފައިވާ ޑެސްޓިނޭޝަން ޕާޓްނާޝިޕްގެ ދަށުން، ވިޒިޓް މޯލްޑިވްސްގެ ބްރޭންޑިންގ އެންފީލްޑްގެ އެލްއީޑީ ބޯޑުތަކާއި، ޑިޖިޓަލް ސްކްރީންތަކުގައި އެ ޓީމުގެ ކޮންމެ ހޯމް މެޗެއްގައި ވެސް ދައްކާލަ އެވެ. މީގެކުރީން، 2024/2025 ސީޒަނުގައި ލިވަޕޫލުން ކާމިޔާބުކުރި ތާރީހީ ލަނޑު، ޖެހި ވަގުތަކީ ވެސް ހަމަ މިފަދައިން ރާއްޖޭގެ ބްރޭންޑިންގ ސްޓޭޑިއަމްގައި ދިއްލާލި ވަގުތެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ލިވަޕޫލް އެފްސީ އާއެކު ގާއިމުކޮށްފައިވާ ޕާޓްނާޝިޕްގެ ދަށުން، ރާއްޖޭގައި ފަތުރުވެރިންނަށް ހުރި ތަފާތު ފުރުސަތުތަކާއި، ލަގްޒަރީ ރިސޯޓްތައް މުޅި ދުނިޔެއަށް ދައްކާލެވޭނެ އެވެ. ސްޓޭޑިއަމްގެ ލެޑް ބޯޑުތަކުގައި ތަފާތު ގޮތްގޮތަށް ރާއްޖޭގެ ބްރޭންޑިންގ ދައްކާލުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ގިނަ ކެމްޕޭންތައް ދަނީ ހިންގަމުންނެވެ. އެގޮތުން، މިދިޔަ މަހު 10 ބަހަކުން ރާއްޖެ އިސްތިހާރުކުރުމަށް ލެޑް ބޯޑްތައް ވަނީ ބޭނުންކުރެވިފައެވެ.

ލިވަޕޫލް އެފްސީ އާއެކު ގާއިމުކުރެވުނު ޕާޓްނާޝިޕްގެ ދަށުން، އެ ކްލަބުގެ ލެޑްބޯޑްތަކާއި ސޯޝަލް މީޑިއާގެ އެކި ކެމްޕޭންތަކާއި ޕޯސްޓްތައް މެދުވެރިކޮށް ރާއްޖެ އިސްތިހާރުކުރުމުގެ އެކި ފުރުސަތުތައް އަންނަނީ ހޯދައިދެމުންނެވެ. އެގޮތުން، 180 ގައުމެއްގައި ދައްކާ މި މެޗުތަކުގެ ޒަރިއްޔާއިން އެތައް ބަޔަކަށް ރާއްޖޭގެ ސަމާލުކަން ލިބި، ދުނިޔޭގެ އެންމެ ގިނަ ބަޔަކު ދަންނަ ފަތުރުވެރިކަމުގެ މަންޒިލުގެ ގޮތުގައި ރާއްޖޭން ގާއިމުވެ އޮތުމަކީ އަމާޒެކެވެ.

ކިޔުންތެރިންގެ ހިޔާލު