ENGLISH

10 އޭޕްރީލު 2025

Advertisement

އިޒްރޭލުން ފަލަސްތީނުގެ ނަސްލު ނައްތާލަން އުޅޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ބުނެފި

02 ޑިސެމްބަރު 2024

|

އެމް އެމް

އިޒްރޭލުގެ ކުރީގެ ޑިފެންސް މިނިސްޓަރު މޫޝީ ޔާލޯން, ނަތަންޔާހޫ އާ އެކު. --ފައިލް ފޮޓޯ: ބީބީސީ

ފަލަސްތީނުގައި ހަނގުރާމައިގެ ނަމުގައި ބޮޑެތި ޖަރީމާތައް ހިންގައި، ފަލަސްތީނުގެ ނަސްލު ނައްތާލަން އުޅޭ ކަމަށް އިޒްރޭލުގެ ކުރީގެ ޑިފެންސް މިނިސްޓަރު މޫޝީ ޔާލޯން ބުނެފިއެވެ.

އިޒްރޭލު ސިފައިންގެ ކުރީގެ ޗީފް އޮފް ސްޓާފް ޔާލޯން އިޒްރޭލުގެ މީޑިއާތަކަށް ބުނީ، ނަތަންޔާހޫގެ ކަނާތު ފިޔައިގެ ކެބިނެޓުގައި ތިބި ހަރުކަށި ފިކުރުގެ މީހުންގެ އަމާޒަކީ، ޣައްޒާގެ އުތުރުން ފަލަސްތީނު މީހުން ބާލައި، އެތަނުގައި ޔަހޫދީ އާބާދީތައް އަލުން ޤާއިމުކުރުން ކަމަށެވެ.

"އާންމުންނަށް ނޭނގޭ ގޮތަށް މި ހިނގާ ކަންތައްތައް ރައްޔިތުންގެ ސަމާލުކަމަށް އަހަރެން ބޭނުން. އާޚިރުގައި ހަނގުރާމައިގެ ތެރެއިން ބޮޑެތި ޖަރީމާތައް އެބަ ހިންގާ،" ޔާލޯން ބުންޏެވެ.

ޔާލޯން ވަނީ، 2013 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކެބިނެޓުގައި ޑިފެންސް މިނިސްޓަރުގެ މަގާމު އަދާކޮށްފައެވެ. އެކަމަކު އޭގެފަހުން، އޭނާ ވަނީ ނަތަންޔާހޫގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. 

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން، ފަލަސްތީނުގެ ހައްޤުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތް، ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ފަލަސްތީނުގެ އެކި ސަރަހައްދުތަކުގައި ކުރަމުންދާ ހަނގުރާމައިގެ ތެރެއިން، ޖަރީމާތައް ހިންގައި، ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ އަމަލުތައް ހިންގާ ކަމުގެ ތުހުމަތުތައް އެކި ފަހަރުމަތިން ވަނީ ފެންމަތިވެފައެވެ. 

އެއާ އެކު، ބައިނަލްއަޤުވާމީ ތަހުގީގަކަށް ފަހު، ދުނިޔޭގެ ކޯޓު، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން މިދިޔަ މަހު ވަނީ، ފަލަސްތީނުގެ ޣައްޒާގައި ހަނގުރާމައިގެ ތެރެއިން ޖަރީމާތައް ހިންގި ކަމުގެ ތުހުމަތުގައި، ނަތަންޔާހޫގެ އިތުރުން މިހާރުގެ ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރު ނެރެފައެވެ.

ޣައްޒާގައި އިޒްރޭލުން ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 44،000 އަށް ވުރެ ގިނަ ފަލަސްތީނުގެ މީހުން ޝަހީދުވެ، 105،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު