ENGLISH
10 އޭޕްރީލު 2025
ވައުދާ ޚިލާފަށް، ދަރިފުޅަށް ބައިޑެން މާފު ދެއްވައިފި
02 ޑިސެމްބަރު 2024
|
އެމެރިކާގެ ރައީސް ޖޯ ބައިޑެން، ދަރިފުޅު ހަންޓާ އާ އެކު. --ފޮޓޯ: އޭއެފްޕީ
މީގެކުރިން ވައުދުވެވަޑައިގެންފައިވާ ގޮތާ ޚިލާފަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން، ފިރިހެން ދަރިފުޅު ހަންޓާ ބައިޑެން އަށް މާފު ދެއްވައިފިއެވެ.
އެކަން ދިފާއުކުރައްވަމުން ބައިޑެން ވިދާޅުވީ، ދަރިފުޅަށް ނުހައްޤުން ދައުވާކޮށްފައި ވާނީ، ނިސްބަތްވާ އާއިލާގެ ސަބަބުން ކަމަށެވެ.
"އަޅުގަނޑު އުއްމީދުކުރަން އެމެރިާގެ ރައްޔިތުންނަށް، ރައީސަކު އަދި ބައްޕަ އަކު މިފަދަ ނިންމުމެއް ނިންމި ސަބަބު ވިސްނޭނެ ކަމަށް،" ބައިޑެން ވިދާޅުވިއެވެ.
ހަންޓާ އަށް އޭނާގެ ބައްޕަ މާފު ދެއްވާފައި މިވަނީ، އޭނާގެ މައްޗަށް ހުކުމް އިއްވަން މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށެވެ. ހަންޓާގެ މައްޗަށް މިދިޔަ ޖޫން މަހު ވަނީ ބަޑިއެއް ގަތުމަށްޓަކައި، އޭނާ އަކީ މަސްތުވާތަކެއްޗަށް އެޑިކްޓުވެފައިވާ މީހެއް ނޫން ކަމަށް ބުނެ ނުބައި މަޢުލޫމާތު ދިނުމާ އެކު އިތުރު ދެ ކުށެއް ވެސް ސާބިތުވެފައެވެ. އޭގެތެރޭގައި 1.4 މިލިއަން ޑޮލަރުގެ ޓެކުހަށް މަކަރު ހެދުމުގެ ދަޢުވާއެއް ވެސް ހިމެނެއެވެ.
ބައިޑެންގެ ވެރިކަމުގެ ފަހު ދުވަސްކޮޅު، އަމިއްލަ ދަރިފުޅަށް މާފު ދެއްވުމުން، އެމެރިކާގެ އިންސާފުގެ ނިޒާމާ މެދު ބޮޑު ބަހުސެއް ވަނީ ފެށިފައެވެ.
އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ، ބައިޑެންގެ އަމަލަކީ، ނަހަމަ ގޮތުގައި މަޤާމުގެ ނުފޫޒު ބޭނުންކުރުން ކަމަށް ސިފަކުރައްވައި، އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އެކަމަކު މިއީ އެމެރިކާގެ ތާރީޚުގައި މިފަދަ ކަމެއް ފެންމަތިވި ފުރަތަމަ ފަހަރެއް ނޫނެވެ.
މިގޮތުން، ޓްރަމްޕްގެ ރައީސްކަމުގައި އޭނާ ވެސް ވަނީ ޓެކްސްއަށް މަކަރު ހެދުމުގެ ކުށް ސާބިތުވެ، ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ދަނބިދަރިފުޅުގެ ބައްޕައަށް މާފު ދެއްވައިފައެވެ.
މީގެއިތުރުން، ބިލް ކްލިންޓަން ވެސް ވަނީ 2001 ވަނަ އަހަރު، ކޮކެއިން ވިއްކި ކަމުގެ ކުށުގައި ޖަލުގައި ހުރި ކޮއްކޮ އަށް މާފު ދެއްވައިފައެވެ.