ENGLISH

08 ޑިސެމްބަރު 2025

Advertisement

ސާވިސް ޗާޖް ޑޮލަރުން ދިނުން ލާޒިމްކުރާ އިސްލާހެއް މަޖިލީހަށް ހުށަހަޅައިފި

08 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ކެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މައުރޫފް ޒާކިރު--ފޮޓޯ:މަޖްލިސް އިދާރާ

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަަށް ދޭން ޖެހޭ ސާވިސް ޗާޖް ޑޮލަރުން ދޭން ނުވަތަ ސާވިސް ޗާޖު ފަތުރުވެރިންގެ އަތުން ނެގި ބާވަތަކުން ދޭން ލާޒިމްކުރާ ގޮތަށް ގާނޫނު އިސްލާހުކުރަން އިދިކޮޅު އެމްޑީޕީގެ ފަރާތުން މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

އެމްޑީޕީގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 52 ވަނަ މާއްދާގައިވާ ގޮތުން، ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން، 10 އިންސައްތައަށްވުރެ މަދުނޫން އަދަދަކަށް ސާވިސް ޗާޖް ނަގަންވާނެ އެވެ. އަދި މި އަދަދުގެ ތެރެއިން އިދާރީ ފީގެ ގޮތުގައި އެއް އިންސައްތަ ވަޒީފާ ދޭ ފަރާތުން ނެގުމަށްފަހު، ބާކީ ނުވަ އިންސައްތައަށްވާ ފައިސާ ހަމަހަމަކަމާއެކު މުވައްޒަފުންގެ މެދުގައި ބަހަންޖެހޭނެ އެވެ. ޤާނޫނުގައި މިހާރު އޮންނަ ގޮތުން ސާވިސް ޗާޖް ޑޮލަރުން ދިނުން ލާޒިމެއް ނުކުރެ އެެވެ.

ކެންދޫ ދާއިރާގެ މެންބަރު ހުށަހެޅުއްވީ، 52 ވަނަ މާއްދާ (ށ) ގެ ދެވަނަ ނަންބަރުގެ ފަހަތަށް ދެ އަކުރެއް އިތުރު ކުރުމަށެވެ.

ފުރަތަމަ އިސްލާހުގައި ވަނީ ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާގެ ތެރެއިން، މުވައްޒަފުންނަށް ބަހަންޖެހޭ ފައިސާގެ ބާވަތް ބަދަލުކުރުމުގެ ގޮތުން ވަޒީފާދޭ ފަރާތުން އެ ފައިސާ ދިވެހި ރުފިޔާއަށް މާރުކޮށްގެން ނުވާނެ ކަމަށެވެ. އަދި ސާވިސް ޗާޖު ބެހުމުގައި މުވައްޒަފުންނަށް ދޭންވާނީ ސާވިސް ޗާޖުގެ ގޮތުގައި އެ ފައިސާއެއް ލިބުނު ބާވަތަކުން ކަމަށެވެ.

ދެވަަނަ އިސްލާހުގައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ހިދުމަތް ފޯރުކޮށްދިނުމުގައި މަސައްކަތްކުރާ މުވައްޒަފަކު ވަޒީފާ އަދާކުރަނީ ވަގުތީ އެއްބަސްވުމެއް ނުވަތަ ތިންވަނަ ފަރާތެއްގެ މުވައްޒަފެއްގެ ގޮތުގައި ކަމަށް ވިޔަސް އެފަދަ މުވައްޒަފުންނަށް ވެސް ސާވިސް ޗާޖު ދިނުމުގައި ތަފާތުކޮށްގެން ނުވާނެ ކަމަށެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ހިދުމަތް ދޭ ތަންތަނުން ސާވިސް ޗާޖް ނަގަމުން އަންނަނީ ޑޮލަރުންނެވެ.

މެމްބަރު ރާއްޖޭގެ މީޑިއާއަކަށް ދެއްވި މައުލުމާތުގައި ވިދާޅުވީ މި އިސްލާހަކީ، ޑޮލަރުން ފައިސާ ނެގުމަށްފަހު، މުވައްޒަފުންނަށް ދިވެހި ރުފިޔާއިން ސާވިސް ޗާޖް ދެމުން އަންނާތީ، އެ ސިނާއަތުގައި މަސައްކަތް ކުރަމުން އަންނަ ގިނަ މުވައްޒަފުންތަކެއްގެ ޝަކުވާއަށް ހައްލެއް ހޯދުމަށް ހުށަހެޅުއްވި އިސްލާހެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު