ENGLISH
14 އޭޕްރީލު 2026
މޯލްޑިވްސް 2.0 ތަންފީޒުކުުރުމުގައި ޕްރައިވެޓް ސެކްޓާގެ ދައުރު ފުޅާކުުރުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވަނީ
14 އޭޕްރީލު 2026
|
"މޯލްޑިވްސް 2.0" އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން
އެންމެ މަޤްބޫލު
"މޯލްޑިވްސް 2.0"ގެ މަގުޗާޓު ތަންފީޒުކުރުމުގައި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން އިތުރުކޮށް އަދި އައި.ސީ.ޓީ އިކޯސިސްޓަމް ތަަރައްޤީކޮށް ފުޅާކުރުމަށް ކުރެވެން ހުރި ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
މާދަމާ ބާއްވާ މި މަޝްވަރާ ބައްދަލުވުމަކީ މަގުޗާޓުގައި ހިމެނޭ ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމާއި އީޖާދީ މަސައްކަތްތަކާ ގުޅޭ އަށްވަނަ ތަނބަށް ޚާއްސަކޮށްގެން ބާއްވާ ހަރަކާތެއް ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.
މި މަޝްވަރާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ "ކޯ-ކްރިއޭޓިންގް ޕިލަރ - 8- ޕްރައިވެޓް ސެކްޓަރ ޑައިލޯގް" މި ނަމުގަ އެވެ.
މި މަޝްވަރާ ބައްދަލުވުން އިންތިޒާމު ކުރެވިގެންދަނީ މައިންޑްކޯ އާއި އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާ އަދި މޯލްޑިވްސް ޑިޖިޓަލް ސަރވިސް އިން ގުޅިގެން ބާއްވާ ހަރަކާތެއްގެ ގޮތުގައިކަންވެސް ވުޒާރާއިން ފާހަގަކުރެ އެވެ.
މި މަޝްވަރާ ބައްދަލުވުމުގައި، ސަރުކާރުގެ އެކި މިނިސްޓްރީތަކާއި އިދާރާތަކުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އޮފިސަރުން ބައިވެރިވުމުގެ އިތުރުން ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ ފަރާތްތައް ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ބައްދަލުވުން ވެގެންދާނީ މޯލްޑިވްސް 2.0 މަޝްރޫޢު ތަންފީޛުކުރުމުގައި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން އިތުރުކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ހުޅުވާލެވިފައިވާ މާހަޢުލެއްގައި ބިނާކުރަނިވި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދޭނެ ހަރަކާތަކަށެވެ. އަދި މަޝްވަރާތަކުގެ އަލީގައި ޕްރައިވެޓް ސެކްޓަރގެ ބައިެރިވުން އިތުރުކުރުމަށް މަގުޗާޓުގައި ހިމެނިފައިވާ އެކިއެކި ހަރަކާތްތަކަށް ގެންނަންޖެހޭ ބަދަލުަތައް ގެނައުމަށް މި ބައްދުލުވުން އެހީވެދޭނެކަމަށް ވުޒާރާއިން އުއްމީދު ކުރެ އެވެ.
ވުޒާރާއިން ބުނީ "މޯލްޑިވްސް 2.0" އިން ކަނޑައަޅާފައިވާ ގައުމީ އިސްތިރާޖީ މިސްރާބާ އެެއްގޮތަށް، ވަރުގަދަ ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމަށް ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ވިޔަފާރިތަކާއި، އީޖާދީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއެކު، ޝާމިލްވާ ހުރިހާ ފަރާތްތަކަށް ނަފާވާ ގޮތަށް މަގުޗާޓުގެ ހަރަކާތްތައް ވިިލަރެސްކުރެވިގެންދާނެކަމަށެވެ.
މޯލްޑިވްސް 2.0ގެ އަށްވަނަ ތަނބު ބިނާވެފައިވަނީ ޑިޖިޓަލް އީޖާދުތަކާއި، ފަންނީ ވިޔަފާރިވެރިކަމާއި، ސަރުކާރާއި ޓެކްނޮލޮޖީ ދާއިރާގެ އެއްބާރުލުމާއި، އަމިއްލަ ސެކްޓަރުގެ ބައިވެރިވުން އިތުރުކޮށްގެން އިގްތިސާދީ ދުވެލި ހަލުވިކުރުމުގެ މައްޗަށެވެ. މިއީ އެކި ސިނާއަތްތަކާއި އެކި ދާއިރާތަކަށް އަންނަ ޑިޖިޓަލް ބަދަލުތަކަށް އަމާޒުކުރާ ހަތްވަނަ ތަނބާއި، ރައްޔިތުންނަށް ލުއި ފަސޭހަ ޑިޖިޓަލް ޚިދުމަތްތަކަށް އަމާޒުކުރާ ހަވަނަ ތަނބާ ގުޅިލާމެހިފައިވާ މަސައްކަތެކެވެ.
"މޯލްޑިވްސް 2.0" މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާއަށް ގެންދިއުމަށް އިފްތިތާޙްކުރައްވާފައިވާ ޕްރޮގްރާމެކެވެ.