ENGLISH
14 އޭޕްރީލު 2026
ގާނޫނު އަސާސީއަށް ގެންނަ އިސްލާހުތަކުގެ މައްސަލަ ކޯޓުތަކަށް ބެލޭނެ އެއްވެސް ބާރެއް ދީފައެއް ނުވޭ: ދައުލަތް
14 އޭޕްރީލު 2026
|
ސްޕްރީމް ކޯޓް
އެންމެ މަޤްބޫލު
ގާނޫނު އަސާސީއަށް ގެންނަ އިސްލާހުތަކުގެ މައްސަލަ ކޯޓުތަކަށް ބެލޭނެ އެއްވެސް ބާރެއް ގާނޫނު އަސާސީން ދީފައި ނުވާކަމަށް ވިދާޅުވެ، ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ސައްހަ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.
ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅި ބިލުގައި ގާނޫނު އަސާސީއަށް މައިގަނޑު ހަތަރު އިސްލާހެއް ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން ބިލުގައިވާ އެންމެ މުހިންމު އިސްލާހަކީ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ އާ ދެ ހާލަތު އިތުރުކޮށްފައިވުމެވެ. އިތުރުކޮށްފައިވާ އެ ދެ ހާލަތަކީ އިންތިހާބުވާ މެންބަރަކު މަޖިލީހުގެ އުމުރުގެ ތެރޭގައި އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުމާއި ޕާޓީން ވަކިކުރުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރުމެވެ.
ސުޕްރީމް ކޯޓުގައި މިހާރު ހިނގަމުން ދަނީ 20 ވަނަ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އެ އިސްލާހަކީ ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ހިލާފު އިސްލާހެއްކަން ކަނޑައަޅައިދިނުމަށް އެދި ހުށަހެޅި މައްސަލަ އެކެވެ.
މި މައްސަލަ ހުށަހެޅުއްވީ ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަލީ ޙުސައިން އެވެ.
ގާނޫނު އަސާސީ މާނަކުރުމުގައި އެންމެ ފުރަތަމަ ބަލަން ޖެހޭނީ ގާނޫނު އަސާސީގައި ލިޔެފައި އޮތް އެއްޗަކަށް ކަމަށާއި އަދި ގާނޫނު އަސާސީއަށް ގެންނަ އިސްލާހުތަކުގެ މައްސަލަ ކޯޓުތަކަށް ބެލޭނެ އެއްވެސް ބާރެއް ގާނޫނު އަސާސީން ދީފައި ނުވާއިރު، އެ ނޫން ގޮތަކަށް އެކަން މާނަ ކުރެވޭނެ ގޮތަކާމެދު ދައުލަތުން ވަނީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ސުވާލު އުފައްދާފަ އެވެ.
ގާނޫނުގައިވާ ގޮތުގެ މަތިން މެމްބަރުންގެ ގޮނޑި ގެއްލޭނީ އެ މެމްބަރަކު ޕާޓީން ވަކިކުރުމުން ކަމަށާއި އެ ހާލަތުގައި ގޮނޑި ގެއްލުނު ކަމާ މެދު ހިލާފެއް އުފެދޭ ނަމަ އެ މައްސަލައެއް ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށް ދައުލަތުން ބުންޏެވެ. އަދި މިކަން މިހެން އޮތުމުން މި އިސްލާހަކީ މެމްބަރުންގެ މައްޗަށް ނުފޫޒު ފޯރުވޭ ގޮތަށް އޮތް އިސްލާހެއް ނޫން ކަމަށް ދައުލަތުން ބުންޏެވެ.
އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދައުލަތުން ހުށަހެޅި އިއުތިރާޒް ތަކުރާރުކޮށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބާރު މަޖިލީހަށް ލިބިގެންވާއިރު، ގާނޫނު އަސާސީއަށް ގެންނަ އިސްލާހެއް ގާނޫނު އަސާސީއާ ހިލާފްވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަނޭޅޭނެ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކުރުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ރައްޔިތުންނާ ގުޅުން އޮތް މައްސަލައެއް ކަމަށާއި ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ސައްހަ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.
މި މައްސަލަ ސްޕްރީމް ކޯޓުން ބައްލަވަނީ ހަތް ފަނޑިޔާރުންގެ ބެންޗަކުން ނެވެ.
އެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ އުއްތަމަ ފަނޑިޔާރެވެ.