ENGLISH

01 ޑިސެމްބަރު 2025

Advertisement

ގަވަރނަންސްގެ މައިގަނޑު އަސާސަކަށް، އިންސާނީ ހައްޤުތައް ހެދުމަށް ފޮރިން މިނިސްޓަރ ގޮވާލައްވައިފި

01 ޑިސެމްބަރު 2025

|

މަރިޔަމް ލީމް

ގަވަރނަންސްގެ މައިގަނޑު އަސާސަކަށް، އިންސާނީ ހައްޤުތައް ހެދުމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް ގޮވާލައްވައިފިއެވެ.

މިފަދައިން ވަޒީރު ގޮވާލެއްވީ ދިވެހިރާއްޖޭގައި ބާއްވާ ކޮމަންވެލްތު އޭޝިއާ ރީޖަނަލް ވޯކްޝޮޕް އޮން ނޭޝަނަލް މެކޭނިޒަމް ފޮރ އިމްޕްލިމެންޓޭޝަން، އެންޑް ފޮލޯއަޕް (އެން.އެމް.އައި.އާރް.އެފް.) އެންޑް ހިއުމަން ރައިޓްސް ރިޕޯޓިންގ ހުޅުވުމުގު ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.  

މިނިސްޓަރ ޑރ. ޚަލީލްގެ ވާހަކަފުޅުގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމާއި ހަމަހަމަކަން ޤާއިމުކުރުމަކީ މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ. އިންސާފުވެރި ގާނޫނުތަކާ، ދެފުށް ފެންނަ އަދި ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫ.ޕީ.އާރު.) ފަދަ ބައިނަލްއަގްވާމީ މެކޭނިޒަމްތަކުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ތެރެއިން އެ ހައްގުތައް ނަގަހައްޓައި ދެމެހެއްޓުމަކީ ގައުމުތަކުގެ ޒިންމާއެއް ކަމަށް ފާހަގަކުރައްވާފައިވެއެވެ. މީގެއިތުރުން އެން.އެމް.އައި.އާރު.އެފްގެ މުހިންމު މަސައްކަތްތަކަށް އެއްބާރުލުން ދެއްވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

އެ ފަރާތްތަކުން ކުރަމުންދާ މަސައްކަތަށް ތައުރީފުކޮށް މި ވޯކްޝޮޕް ރާއްޖޭގައި އިންތިޒާމް ކޮށްދެއްވި ކަމަށްޓަކައި ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.

ކޮމަންވެލްތު އޭޝިއާ ރީޖަނަލް ހިއުމަން ރައިޓްސް ވޮކްޝޮޕަކީ ކޮމަންވެލްތު ސެކްރެޓޭރިއޭޓް އާއި އޮފީސް އޮފް ދަ ޔުނައިޓެޑް ނޭޝަންސް ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް (އޯ.އެޗް.ސީ.އެޗް.އާރު.) އާއި ދިވެހި ސަރުކާރު ގުޅިގެން ބާއްވާ ވޯކްޝޮޕެކެވެ. އަދި މި ވޯކްޝޮޕް ކުރިޔަށްދާނީ މިއަދުން ފެށިގެން ޑިސެމްބަރު 3 އަށެވެ.

ތިން ދުވަހަށް ކުރިޔަށްގެންދާ މި ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ކޮމަންވެލްތް ސެކްރެޓޭރިއޭޓްގެ ހިއުމަން ރައިޓްސް ޔުނިޓްގެ އެކްޓިންގ ހެޑް ޑޮކްޓަރ ޖަސްޓިން ޕެޓިޓްއާއި، ވަގުތީގޮތުން އދ. ގެ ރެޒިޑަންޓް ކޯޑިނޭޓަރުގެ މަޤާމުގައި ހުންނެވި ޔޫ.އެން.ޑީ.ޕީ.ގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އަދުނާން ޗީމާ ވާހަކަފުޅު ދެއްކެވިއެވެ.

މި ވޯކްޝޮޕްގައި ބަންގްލަދޭޝް، ބްރޫނާއީ، ދަރުއްސަލާމް، އިންޑިއާ، މެލޭޝިއާ، ޕާކިސްތާން އަދި ދިވެހި ސަރުކާރުގެ އެކި އިދާރާތަކުން ބައިވެރިވެއެވެ.

މި ވޯކްޝޮޕް ބޭއްވުމުގެ މަޤްސަދަކީ މި ސަރަހައްދުގައި އެން.އެމް.އައި.އާރް.އެފް.ގެ ސްޓްރަކްޗާތައް ވަރުގަދަކުރުމާއެކު އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގެ ރޮނގުން މަޢުލޫމާތު ހިއްސާކޮށް، އެއްބާރުލުންދީ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް މަގުފަހިކޮށްދިނުމުގެގޮތުން ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު