ENGLISH
10 އޭޕްރީލު 2025
ރެއާލް މޮޅުވެ ބާސާއާ ދެމެދު އޮތް ފަރަގު ޕޮއިންޓަކަށް ކުޑަކޮށްފި
02 ޑިސެމްބަރު 2024
|
ގެޓަފޭއާ ދެކޮޅަށް ރެއާލް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް
ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ގެޓަފޭ އަތުން 0-2 އިން މޮޅުވެ، ރެއާލް މެޑްރިޑުގެ ތަފާތު ކުޑަކޮށްފިއެވެ.
ރެއާލްގެ މި މޮޅާ އެކު ވަނީ އެއްވަނައިގައި އުޅޭ ބާސެލޯނާއާ ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފައެވެ.
ބާސެލޯނާ އެއްވަނައިގައި އޮތީ 15 މެޗުން 34 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައިގައި ރެއާލް އޮތީ އެއްމެޗު މަދުން ކުޅެގެން 33 ޕޮއިންޓް ހަމަކޮށްގެންނެވެ. ރެއާލަށް ބާކީ އެއްމެޗު އޮތްއިރު، އެ މެޗު ކާމިޔާބުކޮށްގެން އެއްވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ. ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 15 މެޗުން 32 ޕޮއިންޓް ލިބިފައިވާއިރު، އެތުލެޓިކް ބިލްބާއޯ އަށް 15 މެޗުން ލިބިފައި ވަނީ 26 ޕޮއިންޓެވެ.
ރެއާލްގެ ސެންޓިއާގޯ ބާނެބެއުގައި ރޭ ކުޅުނު މި މެޗުގައި އެ ޓީމުން ލީޑު ނެގީ 30 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންހަމް އެވެ. މިއީ ޕެނަލްޓީ އޭރިޔާ ތެރެއިން ރެއާލްގެ އެންޓޯނިއޯ ރުޑިގާ އަށް ގެޓަފޭގެ އެލަން ނިޔޯމް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މިއީ ލީގުގައި ޖެހިޖެހިގެން އޭނާ ލަނޑުޖެހި ތިންވަނަ މެޗެވެ.
ރެއާލުން ލީޑު ނެގިތާ އަށް މިނެޓު ފަހުން، ބެލިންހަމް ދިން ހިތްގައިމު ބޯޅައަކުން ފްރާންސްގެ ފޯވާޑް، ކީލިއަން އެމްބާޕޭ ވަނީ އޭރިޔާ ބޭރުން ފޮނުވާލި ބޯޅައަކުން އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. މިއީ މި ފަހަރުގެ ސީޒަނުގެ ހުރިހާ މުބާރާތެއްގައި ރެއާލަށް އޭނާ ޖަހައިދިން 10 ވަނަ ގޯލެވެ. މި ގޯލާ އެކު އެމްބާޕޭ ވަނީ ލީގުގައި ރެއާލަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ވިނީޝިއުސް ޖޫނިއާއާ އެއް އަދަދަކަށް ލަނޑު ޖަހައިފައެވެ.