ENGLISH
10 އޭޕްރީލު 2025
ސިޓީ ބަލިކޮށް ލިވަޕޫލަށް ނުވަ ޕޮއިންޓުގެ ލީޑެއް
02 ޑިސެމްބަރު 2024
|
ސިޓީއާ ލިވަރޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުން، ވާދަވެރި މެންޗެސްޓަރ ސިޓީ 0-2 އިން ބަލިކޮށް ލިވަޕޫލުން ތާވަލްގެ އެއްވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
މިއީ މި ސީޒަނުގައި ސިޓީ ވާދަކުރާ ހުރިހާ މުބާރާތަކަށް ބަލާއިރު އެ ޓީމަށް މޮޅެއް ނުލިބި ނިންމާލަން ޖެހުނު ހަތްވަނަ މެޗެވެ. އަދި، އިނގިރޭސި ލީގުގައި ސިޓީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވަނީ ބަލިވެފައެވެ. މިއީ އެ ޓީމުގެ ކޯޗު، ޕެޕް ގާޑިއޯލާގެ ކެރިއަރުގައި މިފަދަ ތަޖްރިބާއެއް ކުރަން ޖެހުނު ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން، މި މެޗަކީ ލިވަޕޫލްގެ އާ ކޯޗު، އާނެ ސްލޮޓްއާ އެކު އެ ޓީމު ނުކުތް 20 މެޗުގެ ތެރެއިން މޮޅުވި 18 ވަނަ މެޗު ވެސް މެއެވެ.
މި ނަތީޖާއާ އެކު ލިވަޕޫލް އެއްވަނައިގައި އޮތީ 13 މެޗުން 34 ޕޮއިންޓް ހޯދައިގެންނެވެ. ނުވަ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އާސެނަލެވެ. ތިންވަނައިގައި އޮތް ޗެލްސީ އަށް ވެސް މި އަދަދަށް ޕޮއިންޓް ލިބި، ފައިދާ ގޯލްގެ ތަފާތުން އެ ދެ ޓީމު އޮތީ އެއްވަރުވެފައެވެ. ހަތަރު ވަނައިގައި ބްރައިޓަން އޮތީ 13 މެޗުން 23 ޕޮއިންޓް ހަމަކޮށްގެންނެވެ. ކުރިން ދެވަނައިގައި އޮތް ސިޓީ އަށް ވެސް މި އަދަދަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް، ފައިދާ ގޯލްގެ ތަފާތުން އެ ޓީމު އޮތީ ފަސް ވަނައިގައެވެ.
އެންފީލްޑްގައި ރޭ ކުޅުނު މި މެޗުގައި ލިވަޕޫލުން ވަނީ ކޮންމެ ހާފެއްގައި ލަނޑެއް ޖަހައިފައެވެ. މީގެ ތެރެއިން، އެ ޓީމުން ޖެހި ފުރަތަމަ ލަނޑު، 12 ވަނަ މިނެޓުގައި މިސްރުގެ ފޯވާޑް، މުޙައްމަދު ސަލާހު ހުސްކޮށްލާފަ ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ކޯޑީ ގަކްޕޯ އެވެ. މިއީ މި ފަހަރުގެ ލީގުގައި އޭނާ ޖެހި ދެވަނަ ގޯލެވެ.
މެޗުގެ 78 ވަނަ މިނެޓުގައި ލިވަޕޫލްގެ ދެވަނަ ލަނޑު، ސަލާހު ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ޕެނަލްޓީ އޭރިޔާ ތެރެއިން ލިވަޕޫލްގެ ލުއިސް ޑިއާޒަށް ސިޓީގެ ގޯލްކީޕަރު، ސްޓެފަން އޯޓޭގާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ދޭން ރެފްރީ ނިންމީ ވީއޭއާރް އިން ބެލުމަށް ފަހު އެވެ.