ENGLISH
10 އޭޕްރީލު 2025
ޔުނައިޓެޑާއި ޗެލްސީ އަށް ފަސޭހަ މޮޅެއް
02 ޑިސެމްބަރު 2024
|
އެވަޓަންގެ މެޗުގައި ޔުނައިޓެޑުގެ ރަޝްފޯޑް ޝޫޓެއް ކުރަނީ. --ފޮޓޯ: ރޮއިޓާސް
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓަރ ޔުނައިޓެޑާއި ޗެލްސީން ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.
ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ވަނީ އެވަޓަން ބަލިކޮށްފައެވެ. ޗެލްސީގެ ދަނޑުގައި އެ ޓީމުން އެސްޓަން ވިލާ ބަލިކުރީ 3-0 އިންނެވެ.
އޯލްޑް ޓްރެފޯޑްގައި އާ ކޯޗު، އަމޮރިމް އާ އެކު ލީގުގެ ފުރަތަމަ މޮޅު ހޯދައިދިނުމުގައި ޔުނައިޓެޑްގެ މާކަސް ރަޝްފޯޑާއި ޖޯޝުއާ ޒާކްޒީ ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑުޖެހިއެވެ.
މި މެޗުގައި ޔުނައިޓެޑުން ލީޑު ނެގީ 34 ވަނަ މިނެޓުގައި ކެޕްޓަން، ބްރޫނޯ ފެނާންޑޭސް ނަގައިދިން ކޯނަރެއްގެ އެހީގައި ރަޝްފޯޑް ވޮލީއަކުން ކާމިޔާބުކުރި ލަނޑުންނެވެ. މި ބޯޅަ ގޮސް ގޯލްގެތެރެއަށް ވަނީ އެވަޓަންގެ ޑިފެންޑަރު، ޖަރަޑް ބްރަންތުވެއިޓް ފައިގަ ޖެހިފައެވެ.
އޭގެފަހުން، ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ޔުނައިޓެޑްގެ ކެޕްޓަން، ފެނާންޑޭސް ނަގައިދިން ހުރަހަކުން ޒާކްޒީ ވައްދާލި ލަނޑާއެކު އެ ޓީމުން މި ހާފު ނިންމާލީ 2-0 އިން ކުރީގަ އޮވެގެންނެވެ.
ޔުނައިޓެޑުން މި މެޗުގައި ޖެހި ތިންވަނަ ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިތާ 20 ސިކުންތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ރަޝްފޯޑް އެވެ. އަދި އޭގެ ފަހުން، މެޗުގެ 64 ވަނަ މިނެޓުގައި ޒާކްޒީ ވަނީ ނަތީޖާ 4-0 އަށް ބަދަލުކޮށްފައެވެ. މި ދެ ލަނޑު ޖަހަން ފުރުޞަތު ތަނަވަސްކޮށްދިނީ ވެސް އަމަޑް ޑިއާލޯ އެވެ.
މި ނަތީޖާއާ އެކު ޔުނައިޓެޑް ވަނީ ތާވަލްގެ ނުވަ ވަނަ އަށް ޖެހިލައިފައެވެ. ކުޅުނު 13 މެޗުން އެ ޓީމަށް ލިބިފައިވަނީ 19 ޕޮއިންޓެވެ. މި މެޗުން ބަލިވި އެވަޓަން އޮތީ ރެލިގޭޝަން ޒޯނާ ދެ ޕޮއިންޓް ކައިރިން ތާވަލްގެ 15 ވަނައިގައެވެ. އެ ޓީމަށް 13 މެޗުން ލިބިފައިވަނީ 11 ޕޮއިންޓެވެ.
ލީގުގައި ރޭ ޗެލްސީން ވިލާގެ މައްޗަށް ކުރިހޯދިއިރު އެ ޓީމުގެ ތިން ގޯލްގެ ތެރެއިން ދެ ލަނޑު ޖެހީ ފުރަތަމަ ހާފުގައެވެ. ހަތްވަނަ މިނެޓުގައި އެ ޓީމުން ލީޑު ނެގީ މާކް ކުކުރޭޔާ ދިން ބޯޅައަކުން ނިކޮލަސް ޖެކްސަން އެވެ.
މެޗުގެ 36 ވަނަ މިނެޓުގައި ޗެލްސީގެ ދެވަނަ ލަނޑުޖަހައިދިނީ އެންޒޯ ފެނާންޑޭޒް އެވެ. މި ލަނޑު ޖެހުމަށް އެހީތެރިވެދިނީ ކޯލް ޕާމާ އެވެ. އަދި، އޭގެފަހުން، މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް ޗެލްސީގެ ފަހު ލަނޑު ޖަހައިދިނީ ޕާމާ އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ޓޮޓްނަމް ހޮޓްސްޕަރގެ ދަނޑުގައި އެ ޓީމުން ވަނީ ފުލަމްއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުކޮށްފައެވެ.