ENGLISH
10 އޭޕްރީލު 2025
އެއިޑްސް ބަލި ނިމުމަކަށް ގެނައުމަށް މަސައްކަތްކުރަން ޖެހޭ، ހަނުހުރުމަކީ ހައްލެއް ނޫން
01 ޑިސެމްބަރު 2024
|
2024 ވަނަ އަހަރު ޑަބްލިއުއެޗްއޯއިން އެއިޑްސްގެ ދުވަހަށް އާންމުކުރި ޕޯސްޓަރެއް
މިއަދު، ޑިސެމްބަރ 1، މިއީ ދުނިޔޭގެ އެއިޑްސް ދުވަހެވެ. މިއީ އެޗްއައިވީ/އެއިޑްސްއާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި އެއްބައިވުމަށާއި، އެޗްއައިވީއާ އެކު ދިރިއުޅޭ މީހުންނަށް އެހީތެރިވުމަށާއި، އެއިޑްސްއާ ގުޅުންހުރި ބަލިތަކުން މަރުވެފައިވާ މީހުން ހަނދާން ކުރުމަށް ލިބޭ ފުރުޞަތެކެވެ.
ދެހާސް ސައްވީސް ވަނަ އަހަރުގެ ޝިޢާރަކީ "ޙައްޤުތަކުގެ މަގުން ދަމާ، މަގޭ ޞިއްޙަތު މަގޭ ހައްޤެއް" މިއެވެ. މި ޝިޢާރުން އެއިޑްސްގެ ބަލިމަޑުކަން ނައްތާލުމަށާއި ދުނިޔޭގެ ހުރިހާ ތަނެއްގައި ހަމަހަމަ ޞިއްޙީ ފަރުވާ ހޯދައިދިނުމަށް އިންސާނީ ޙައްޤުތަކުގެ މުހިންމު ދައުރު ފާހަގަކުރެއެވެ.
އެޗްއައިވީ އާއި އެއިޑްސް: ތަފާތު ދެނެގަތުން
އެޗްއައިވީ (ހިއުމަން އިމިއުނޯޑެފިޝެންސީ ވައިރަސް) އަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމަށް ހަމަލާދޭ ވައިރަހެކެވެ. ޚާއްޞަކޮށް ސީޑީ4 ސެލްތަކަށް (ޓީ ސެލްތަކަށް) ހަމަލާދީ، ހަށިގަނޑަށް އަރާ އިންފެކްޝަންތަކާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ޤާބިލުކަން ދަށްކުރެއެވެ. ފަރުވާ ނުލިބިއްޖެނަމަ، އެޗްއައިވީ އިން އެއިޑްސް (އެކުއަޔަރޑް އިމިއުނޯޑެފިޝެންސީ ސިންޑްރޯމް) އަށް ބަދަލުވެދާނެއެވެ. އެއިޑްސްއަކީ މި ބަލީގެ އެންމެ ނުރައްކާތެރި މަރުޙަލާއެވެ. މި މަރުޙަލާގައި ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރަށް ބޮޑަށް ބަލިކަށިވެ، އެކިއެކި އިންފެކްޝަންތަކާއި ވަކި ބާވަތްތަކުގެ ކެންސަރުތަކަށް ހަށިގަނޑު ހުޅުވިގެންދެއެވެ. އެޗްއައިވީއަކީ އެންޓިރެޓްރޯވައިރަލް ތެރަޕީއާއެކު ބެލެހެއްޓޭ ޙާލަތެކެވެ. ނަމަވެސް، އެއިޑްސްއަކީ ސީރިއަސް ޞިއްޙީ މައްސަލަތައް ކުރިމަތިވާ ނުރައްކާތެރި މަރުޙަލާއެކެވެ.
އެޗްއައިވީ އަދި އެއިޑްސްގެ ތަފާތު
ދުނިޔޭގެ ތަފާސްހިސާބު
އެޗްއައިވީއާ އެކު ދިރިއުޅޭ މީހުން: 2023 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގައި 39.9 މިލިއަން މީހުންނަށް ވަނީ އެއިޑްސް ޖެހިފައެވެ. އޭގެތެރެއިން 53 އިންސައްތަ އަކީ އަންހެނުންނާއި އަންހެން ކުދިންނެވެ.
އަލަށް ބަލި ޖެހުނު މީހުން: 2023 ގައި 1.3 މިލިއަން މީހުން އަލަށް ބަލިޖެހުނު، މިއީ 1995 ގައި އެންމެ މައްޗަށް ދިޔަ އަދަދާ އަޅާބަލާއިރު 60 އިންސައްތަ ދަށް އަދަދެކެވެ.
ފަރުވާ ލިބުން މީހުން: އެޗްއައިވީއާއެކު މިހާރު ދިރިއުޅޭ މީހުންގެ ތެރެއިން 77 އިންސައްތަ އަށް އެންޓިރެޓްރޯވައިރަލް ތެރަޕީ ލިބެއެވެ. މިއީ ވައިރަސް ކޮންޓްރޯލްކުރުމަށާއި ފެތުރުން ހުއްޓުވުމަށް ވަރަށް މުހިންމު ފިޔަވަޅެކެވެ.
މަރުވާ މީހުންގެ އަދަދު: 2023 ގައި އެއިޑްސްއާ ގުޅުންހުރި ބަލިތަކުން 630،000 މީހުން މަރުވިއެވެ. މިއީ ހޭލުންތެރިކަން އިތުރު ކުރުމާއި ޞިއްޙީ ޚިދުމަތްތައް ރަނގަޅު ކުރުމުގެ މުހިންމުކަން ދައްކުވައިދޭ ކަމެކެވެ.
ކުރިއެރުންތަކާއި ގޮންޖެހުންތައް
އެޗްއައިވީ/އެއިޑްސްއާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން ވަރަށް ބޮޑެތި ކުރިއެރުން ތަކެއް ވަނީ ލިބިފައެވެ. ދެހާސް ދިހަ ވަނަ އަހަރާ އަޅާބަލާއިރު އަލަށް އިންފެކްޓްވާ މީހުންގެ އަދަދު ވަނީ 39 އިންސައްތަ އަށް ދަށްވެފައެވެ. އަދި 2030 ވަނަ އަހަރާ ހަމައަށް އެއިޑްސް އަކީ އާންމު ޞިއްޙަތަށް ނުރައްކަލެއްގެ ގޮތުގައި ނެތިގެން ދިއުމުގެ ލަނޑުދަނޑިއާ ދިމާއަށް ދުނިޔެ ދަނީ ކުރިއަށެވެ. ނަމަވެސް، މުޖުތަމަޢުގައި ކުރިމަތިވާ ތަފާތު ކުރުންތަކާއި، ޞިއްޙީ ޚިދުމަތް ލިބުމުގައި ހުރި ހުރަސްތަކުގެ ސަބަބުން މި ކުރިއެރުންތަކަށް ހުރަސްތަކެއް އެބަހުއްޓެވެ. ޚާއްޞަކޮށް ހަށިވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ މީހުން އަދި އެއް ޖިންސުން ގުޅުން ހިންގާ މީހުން، އަދި މަދު އާމްދަނީ ލިބޭ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނަށް މިކަމުގެ އަސަރު ބޮޑުވެއެވެ.
ދިވެހި ރާއްޖޭގައި އެއިޑްސްގެ ހާލަތު
ދިވެހި ރާއްޖޭގައި ޞިއްޙީ ޚިދުމަތްތައް ތަރައްޤީވަމުން އަންނައިރު، އެޗްއައިވީގެ ކޭސްތައް ވަރަށް މަދެވެ. ދެހާސް ތޭވީސް ވަނަ އަހަރާއި ހަމައަށް އެއިޑްސް ބައްޔަށް ފަރުވާ ހޯދަމުންދާ 22 މީހަކު ރާއްޖޭގައި އެބަ ތިބި ކަަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.
ނަވާރަ ސަތޭކަ ނުވަ ދިހަ އެއްވަނަ އަހަރު ރާއްޖެއިން އެއިޑްސް ބަލި ޖެހިފައިވާ މީހަކު ފެނުނު ފަހުން މިހާތަނަށް 40 މީހަކަށް އެ ބަލި ޖެހިފައިވާ ކަމަށް އެޗްޕީއޭއިން ވަނީ މައުލޫމާތުދީފައެވެ. އެއީ 34 ފިރިހެނުންނާއި ހަ އަންހެނަކަށެވެ. އޭގެ ތެރެއިން 15 މީހަކު ވަނީ މަރުވެފައެވެ. ދެހާސް އެކާވީސް ވަނަ އަހަރު ދެ ފިރިހެނަކަށް އަދި 2022 ވަނަ އަހަރު އެކަކަށް އަދި 2023 ވަނަ އަހަރު ދެ ފިރިހެނުންނާއި އަންހެނަކަށް އެއިޑްސް ޖެހިފައިވެ އެވެ. މި ފަހުން ރާއްޖޭގައި އެންމެ ގިނަ މީހުންނަށް އެއިޑްސް ޖެހިގެން ރިޕޯޓުކުރީ 2019 ވަނަ އަހަރު އެވެ. އެ އަހަރު ފަސް ފިރިހެނުންނާއި ދެ އަންހެނަކަށް އެއިޑްސް ޖެހިފައިވެ އެވެ.
ރާއްޖޭގައި އެޗްއައިވީ ޖެހިފައިވާ މީހުންގެ އަދަދު މަދު ނަމަވެސް ގިނަބަޔަކަށް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭ ކަންކަން ރާއްޖޭގައި ކުރެވިފައިވާކަމަށް ދިރާސާތަކުން ފެންނަން އެބަހުރި ކަމަށް ހެލްތު މިނިސްޓަރީން ވަނީ ބުނެފައެވެ.
ރައްކާތެރިވުމުގެ ފިޔަވަޅުތަކާއި ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތަކުގެ ސަބަބުން ރާއްޖޭގައި އެއިޑްސް ބަލި ވަނީ ކޮންޓްރޯލް ކުރެވިފައެވެ. ނަމަވެސް، މުޖުތަމަޢުގައި ކުރިމަތިވާ ތަފާތުކުރުންތަކުގެ ސަބަބުން ގިނަ މީހުން ޓެސްޓުކުރުމާއި ފަރުވާ ހޯދުމަށް ފަސްޖެހެއެވެ.
އެއިޑްސް ފަދަ ބަކިތަކާއި ގުޅޭގޮތުން ކަންކަން ސިއްރު ނުކޮށް ހަނުހުރުމުގެ ބަދަލުގައި އެކަށީގެންވާ ފަރުވާ ލިބޭނެގޮތް އަވަހަށް ހޯދުމަށް ދުނިޔޭގެ ލީޑަރުން ވެސް ވަނީ ލަފާ ދެއްވާފައެވެ.
"އަހަރެންގެ އާދައެއް ނޫން ބަސްތައް ބޭކާރުގޮތުގައި ބޭނުންކުރުމަކީ. 27 އަހަރު ޖަލުގައި ހޭދަކުރުމުން އަހަރެންނަށް އެއްވެސް އެއްޗެއް ދަސްވެފައިވާ ނަމަ، އެއީ ހަނުހުރުމުގެ ގެއްލުމާއި ބަސްތަކުގެ އަގުހުރި މިންވަރާއި ޙަޤީޤީ ވާހަކަ ދެއްކުމުން ޙަޤީޤީ ޢަމަލަށް ވާޞިލުވެވޭކަން ދަސްވުން." - ނެލްސަން މަންޑޭލާ
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވަނީ އެއިޑްސް ބަލި ނިމުމަކަށް ގެނައުމަށް މުޅި ދުނިޔެ އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމަށް ދުނިޔޭގެ ގައުމުތަކަށް އިލްތިމާސް ކުރައްވައިފައެވެ.