ENGLISH
18 ނޮވެމްބަރު 2025
ގައުމީ ދިފާއީ ބާރުގެ ގާބިލުކަން ހުރިހާ ދާއިރާއަކުން އިތުރުކުރުމުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް: ރައީސް
17 ނޮވެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ ސަރުކާރުގެ ކާމިޔާބުތައް ވިދާޅުވެދެއްވަނީ
ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއުކުރުމަށްޓަކައި ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ގާބިލުކަން ހުރިހާ ދާއިރާތަކުން އިތުރުކުރުމުގެ މަސައްކަތްތައް ސަރުކާރުން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ސަރުކާރުގެ ކާމިޔާބުތަކާ ގުޅޭ ޕްރެޒެންޓޭޝަން ހުށަހަޅައިދެއްވަމުން ރައީސް ވިދާޅުވީ ގައުމީ ދިފާއީ ބާރުގެ ގާބިލުކަން އިތުރުކުރުމަކީ ރާއްޖޭގެ މިނިވަންކަމުގެ ފަލަ ރަތް ރޮނގު ދިފާއުކުރުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
ކޯސްޓު ގާޑުގެ ފުލީޓު ދެގުނަ ބޮޑުކުރުމާއި، މެރިން ކޯގެ ގާބިލުކަން އިތުރުކުރުމާއި، އެއާ ކޯ އުފައްދައި ގާބިލުކަން އިތުރުކޮށް ވަސީލަތްތައް ހޯދައިދިނުން ފަދަ މަސައްކަތްތައް ކުރެވިފައިވާކަމަށް ވިދާޅުވެ ރައީސް ފާަހަގަކުރެއްވީ އިހަށް ދުވަހު އެމްއެންޑީއެފްގެ އެއާ ސްޓޭޝަނެއް އައްޑޫގައި ހުޅުވިގެންދިޔަ ކަމެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ސްޓޭޝަނެއް ރާއްޖޭގެ އެންމެ އުތުރުގައި ހުޅުވިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
"އަަޅުގަނޑުމެންގެ ކަނޑުގެ ސަރަހައްދާއި ވައިގެ ސަރަހައްދު ބެލެހެއްޓުމުގެ ކެޕޭސިޓީ ބޮޑުކުރުމަކީ އަޅުގަނޑު ހިތުން ދިވެހި ހުރިހާ ރައްޔިތުންވެސް ބޭނުންވާނެ ގޮތް،" އެމްއެންޑީއެފްގެ ގާބިލުކަން އިތުރުކުރުމަށް ކުރާ މަސައްކަތަކީ ރައްޔިތުން ބޭނުންވާ ގޮތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މިލިޓަރީ ވަރުގަދަކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް. އަޅުގަނޑުމެންނަކީ ނިކަމެތި ބައެއްކަމަށް ދުށުމަކީ އަޅުގަނޑުމެންގެ ވިސްނުމުގައި ހުރެގެންވާނެ ކަމެއް ކަމުގައި އަޅުގަނޑު ގަބޫލުނުކުރަން،" ރާއްޖެއަކީ ސަރަހައްދުގެ ގޮތުން ބޮޑު ގައުމެއްކަމާއި ފަހުރުވެރި ތާރީހެއް އޮތް ގައުމެއްކަން ފާހަގަކުރައްވަައި ރައީސް ވިދާޅުވިއެވެ.
މިނިވަންކަން ހިމާޔަތްކުރުމާއި ސަރަހައްދު ބެލެހެއްޓުމަކީ ރާއްޖެއަށް އަންނަ އިންވެސްޓަރުންވެސް އެކަމަށް ރިއާޔަތްކުރާނެ ކަމެއް ކަމުގައިވާތީ، ދިފާއީ ގޮތުން ރާއްޖޭޭގެ ވިއުގަ ވަރުގަދަކުރުމަށް ސިފައިންގެ ގާބިލުކަން އިތުރުކުރުމާއެކު އެހެނިހެން ގައުމުތަކާއެކު މަސައްކަތްކުރައްވަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.