ENGLISH

17 ނޮވެމްބަރު 2025

Advertisement

ރާއްޖޭގައި އިންޓަނޭޝަނަލް ސަބްމެރީން ކޭބަލް ލޭންޑިން ސްޓޭޝަނެެއް ގާއިމުކުރަން ގޫގުލްއިން ނިންމައިފި، ރައީސްގެ މަރުޙަބާ

17 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

ަރައީސް ގޫގުލްގެ މައި މަރުކަޒަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން --

ރާއްޖޭގައި އިންޓަނޭޝަނަލް ސަބްމެރީން ކޭބަލް ލޭންޑިން ސްޓޭޝަނެެއް ގާއިމުކުރަން ގޫގުލްއިން ނިންމުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަމަށް މަރުޙަބާ ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި މަޝްރޫޢަކީ އިންވެސްޓަރުންނަށް ރާއްޖެއަށް އިތުބާރު އޮތް ކަމުގެ ހެއްކެއް ކަމަށެވެ.

މިއީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެމެރިކާގެ ނިއުޔޯކް ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ގޫގުލްގެ އެގްޒެކެޓިވްސް އާ ދެމެދު ބޭއްވުނު މަޝްވަރާތަކަށްފަހު ނިންމާފައިވާ ނިންމުމެކެވެ.

މި މަޝްރޫޢުގެ ސަބަބުން ދިވެހިރާއްޖެ ވެގެންދާނީ އޭޝިއާ، އޯޝޭނިއާ، އެފްރިކާ، މެދުއިރުމަތި އަދި ޔޫރަޕާ ގުޅުވައިލަދޭ އިތުބާރުހުރި ޑިޖިޓަލް ގޭޓްވޭ އަކަށް ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ވަނީ ވިދާޅުވެފައެވެ. އަދި ގޫގުލްގެ މި އިންވެސްޓްމަންޓުގެ ސަބަބުން ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި އިންވެސްޓަރުން ދިވެހިރާޢްޖޭގައި އިންވެސްޓް ކުރުމަށް ޝައުޤުވެރިވާ މިންވަރު އިތުރަށް ހާމަވެގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވި އެވެ.

ދިވެހި ސަރުކާރުގެ މަރުޙަބާ

ރާއްޖޭގައި އިންޓަނޭޝަނަލް ސަބްމެރީން ކޭބަލް ލޭންޑިން ސްޓޭޝަނެެއް ގާއިމުކުރަން ގޫގުލްއިން ނިންމުމާއި ގުޅިގެން އެކަމަށް މަރުޙަބާ ކިޔާ ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައްޑޫ ސިޓީ ހިތަދޫގައި ޤާއިމުކުރެވޭ މި ފެސިލިޓީ ވެގެންދާނީ ބައިނަލްއަޤްވާމީ ސަބްމެރީން ކޭބަލްތައް ލޭންޑްކުރުމުގެ ޤާބިލްކަން ލިބިފައިވާ ފެސިލިޓީއަކަށް ކަމަށެވެ.

އަދި މި މަޝްރޫޢުގެ ސަބަބުން ރާއްޖެ ވެގެންދާނީ އޭޝިޔާ އާއި އޯޝޭނިޔާ އާއި އެފްރިކާ އާއި މެދުއިރުމަތި އަދި ޔޫރަޕް ގުޅުވައިދޭ އިތުބާރު ހުރި ޑިޖިޓަލް ގޭޓްވޭއެއްގެ ގޮތުގަ އެވެ. މިއީ އިންޑިއާ ކަނޑުގައި ޤާއިމުވެގެންދާ ޑިޖިޓަލް ކަނެކްޓިވިޓީ ކޮރިޑޯގައި ރާއްޖެ މައި ހައިބެއްގެ ގޮތުގައި ޤާއިމުވުމަށް ލިބިގެންދާ ފުރުސަތެއް ކަމަށާ މާލޭގެ އިތުރުން ކުޅުދުއްފުށީގައި ޤާއިމުކޮށްފައިވާ ކަނެކްޓިވިޓީ ޕޮއިންޓާއި އައްޑޫ ސިޓީ ހިތަދޫގައި ޤާއިމުކުރެވޭ މި އިންޓަނޭޝަނަލް ކަނެކްޓިވިޓީ ޕޮއިންޓްތަކާއެކު ރާއްޖޭގެ އިޤްތިސާދީ ތަރައްޤީއަށް މަގުފަހިވެ ސަރަހައްދީ މުވާސަލާތީ މަރުކަޒެއްގެ ގޮތުގައި ރާއްޖެ ވެގެންދާނެ ކަމަށެވެ.

ގޫގަލްގެ މި އިންވެސްޓްމަންޓްގެ ސަބަބުން ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުޤުވެރިވާ މިންވަރު އިތުރަށް ހާމަވެގެންދާނެ ކަމަށެވެ.

މި މަޝްރޫޢު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިހާރު ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތް ފޯރުކޮށްދޭ ތަޖުރިބާކާރު ދެ ކުންފުނި ކަމަށްވާ ދިރާގާއި އުރީދޫ މޯލްޑިވްސްއާ އެކު ކަމަށްވެސް ބުނެފައިވެ އެވެ.

މި އިންވެސްޓަމްންޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤައުމީ ތަރައްޤީގެ އެޖެންޑާއާ އެއްގޮތްވާ ގޮތުގެ މަތީން ޑިޖިޓަލް އިންޤިލާބީ ބަދަލުތައް ގެނުވައި އުމްރާނީ ތަރައްޤީއަށް މަގުފަހިވެ އިންޑިއާ ކަނޑުގައި ޑިޖިޓަލް ކަނެކްޓިވިޓީ ހަރުދަނާ ކުރުުމާއި ކަނެކްޓިވިޓީގެ ވިލުންތެރިކަން އިތުރުކޮށްދިނުމުގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމެއް ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު