ENGLISH

17 ނޮވެމްބަރު 2025

Advertisement

ކާމިޔާބު 104؛ ސިޔާސީ ބަދަލުހިފުމުގެ ވިހަ ވަށްބުރު ހުއްޓުމަކަށް ގެންނެވި

17 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

ދިވެހިރާއްޖޭގެ ސިޔާސީ ތާރީހަށް ބަލާއިރު، އިނގިރޭސީންގެ ހިމާޔަތުން ރާއްޖެ މިނިވަންވުމަށްފަހު މިހާތަނަށް ދިވެހި ވެރިކަމުގެ ތާރީހުން ފެންނަ އެއްކަމަކީ ބަދަލު ހިފުމެވެ. ކޮންމެ ވެރިޔަކުވެސް ވެރިކަމާ ހަވާލުވެވަޑައިގެން، ބާރުތައް އަތްޕުޅައި ކަހައިލެއްވުމަށްފަހު، ވާދަވެރި ލީޑަރުންނާމެދު އަމަލުކުރައްވަމުން އައި ގޮތެވެ. އެ ބޭފުޅުންގެ ހިދުމަަތަށް ބެއްލެވުމެއް ނެތި ސިޔާސީ ހަސަދައާއި ނަފުރަތު އިސްކުރައްވަައިގެން ހިންގަވަމުންއައި ނުސިޔާނު ނޭނގާނީ އަމަލުތަކެވެ. 

ރާއްޖެއަށް މިނިވަންކަން ހޯދައިދެއްވި ލީޑަރަކީ އަދި ބަތަލަކީ އެއިރުގެ ބޮޑުވަޒީރު އަދި އޭގެ ފަހުން ދިވެހި ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސުއްމުވުލް އަމީރު އިބްރާހީމް ނާސިރެވެ. ރައްޔިތުންގެ ތާއީދާއެކު ރައީސްކަމުގައި ފަސް އަހަރުގެ ދެ ދައުރު ފުރިހަމަކުރެއްވިއެވެ. ފަތުރުވެރިކަމާއި ޝިޕިންއާއި އިނގިރޭސި ތައުލީމާއި ރޭޑިޔޯ ޓީވީ ތައާރަފުކުރައްވައި ޒަމާނީ ދިވެހިރާއްޖޭގެ ބިންގާތައް ތަރުތީބުކުރެއްވިއެވެ. 

ދެ ދައުރު ނިންމެވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އާދޭސްތަކާއި ރައްޔިތުންގެ އެދުންތަކަށް ފުރަގަސްދެއްވައި، މަގާމުން ވަކިވެވަޑައިގެން ނާސިރު ވަޑައިގަތީ ސިންގަޕޫރަށެވެ. އެގައުމުގައި ދިވެހިންނާ ދުރުގައި ދިވެހި ގައުމުގެ ކަންކަމާ މާބޮޑަށް ބަސްފުޅެއްވެސް ވިދާޅުނުވެ އުޅުއްވަނިކޮށް، އެމަނިކުފާނުގެ އިސްތަށިފުޅުގައި އެޅުނީ ބަޣާވާތުގެ ހުތުރު ތުހުމަތެވެ. މާލޭގެ ބޮޑެތި މައިދާންތަކަށް މީހުން ނެރެ، އެމަނިކުފާނަށް ނުގޮވާކަށް ހުތުރު އެއްޗެއް ނެތެވެ. އެވަރުން ނުފުދިގެން ރާއްޖޭގައި ހުރި ނާސިރުގެ ގެކޮޅާއި މުދާވެސް ދައުލަތަށް ނެގީއެވެ. ޣައިރު ހާޒިރުގައި ބޮޑު ހުކުމެއްވެސް އިއްވީއެވެ. 

ނާސިރަށްފަހު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތީ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމެވެ. މައުމޫނުގެ ތިރީސް އަހަރުވީ ވެރިކަން 2008 ވަނަ އަހަރު ނިމުމަށްފަހު، އެމަނިކުފާނުގެ އިސްތަށިފުޅުގައި ބޮޑެތި ތުހުމަތުތައް އަޅުވައި އެކި ތަންތަނަށް ދެމިއެވެ. އާޓިފިޝަލް ބީޗަށް މީީހުން އެއްކޮށް ސަރުކާރުގެ ވެރިން އެތަނަށް ވަޑައިގެން މައުމޫނާއި އެމަނިކުފާނުގެ އާއިލާގެ އިސްތަށިފުޅުގައި ނާޅުވާކަށް ތުހުމަތެއް ނެތެވެ. 

މައުމޫނުގެ ޒައާމަތުގައި ރާއްޖެއަށް އުމްރާނީ ގޮތުން ލިބުނު ކުރިއަރުމާއި، ލިޔަންކިޔަން ނުދަނެތިބި ދިވެހިން ލިޔަންކިޔަން ދަންނަ ބަޔަކަށް ބަދަލުކުރައްވައި ތައުލީމު ފުޅާކުރައްވައި ވިޔަފާރިއާއި އިގުތިސާދުގެ އެތައް ފުރުސަތުތަކެއް ފަހިކޮށްދެއްވިކަމުގެ މައްޗަަށް އެމަނިކުފާނާމެދު ރަހުމެއް ކުލުނެއް އެއިރުގެ ވެރިން ނުބެހެއްޓެވިއެވެ. 

މިދެންނެވި ހުރިހާ އަނިޔާއެއް ރައީސް މައުމޫނަށް ދެއްވީ ރާއްޖޭގެ ފުރަތަަމަ "ޑިމޮކްރެޓިކް" ރައީސް، ރައީސް މުހައްމަދު ނަޝީދު އަޑީގައި ހުންނަވައިގެންނެވެ. އެމަނިކުފާނުގެ ވެރިކަން އެ ނިމުނު ގޮތަކަށް ނިމުމަށްފަހު، ދެން އިންތިހާބުވެވަޑައިގަތީ ރައީސް އަބްދުﷲ ޔާމީނެވެ. އެމަނިކުފާނުގެ ވެރިކަމުގައި ނަޝީދަށް ވަޑައިގަންނަވަންޖެހުނީ ޖަލަށެވެ. ޖަލުގައި ހުންނެވުމަށްފަހު ދެން އުޅުއްވީ ރާއްޖެއިން ބޭރުގައެވެ. ނަޝީދު ނޫނަސް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއަށްވެސް ކުރިމަތިވެވަޑައިގަތީ ޖަލުގެ ތޭރިތަކަށް ވަޑައިގަތުން މަޖުބޫރުވި ހާލަތެކެވެ. 

ރައީސް ޔާމީނުގެ ވެރިކަން ބަދަލުވެ ދެން ފެށުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމެވެ. ވެރިކަމަށް ދެތިން މަސްވީއިރު ރައީސް ޔާމީނު ހުންނެވީ ޖަލު ބަންދުގައެވެ. އަހަރުނުވަނީސް އެމަނިކުފާނުގެ މައްޗަށް ޖަލުގެ ބޮޑު ހުުކުމެއް އިއްވިއެވެ. ޝަރުއީ ދާއިރާގެ ހުރިހާ މަރުހަލާއެއް ކަޑައްތުކުރައްވައިގެން އެއް ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރިތާ ކުޑަ ދުވަސްކޮޅެއްފަހުން ދެވަނަ ހުކުމް ދަށު ކޯޓުން އިއްވައިފިއެވެ. 

މިދެންނެވުނު ތާރީހު ބަދަލުކޮށްލެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ. ރައީސް ވެރިކަމަށް ވަޑައިގަތީ ބަދަލުހިފުމުގެ ރޫހުގައި އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ. އެމަނިކުފާނުގެ ވެރިކަމަށް ދެ އަހަރު ފުރުނުއިރު ސިޔާސީ ލީޑަރަކު ޖަލަށް ނުލައްވައެވެ. ދައުލަތުގެ މުއައްސަސާތަކުގެ މަސައްކަތް ހުއްޓައިލުމަށްފަހު އިދިކޮޅު ލީޑަރުން ފަހައި ދުވާ މަންޒަރު މިއަދު ނުފެނެއެވެ. 

ރައީސް އެންމެ ފަހުންވެސް ދެއްވީ ސިޔާސީ މީހަކު ހައްޔަރުނުކުރާނެ ކަމުގެ ޔަގީންކަމެވެ. ސިޔާސީ ލީޑަރުން ބަންދުކޮށްގެން ޖަލުގައި ގެންގުޅެން ކުރީ ސަރުކާރުތަކުން ތައްޔާރުކުރި ގޮޅިތައް އެހުރީ ހުހަށެވެ. އެތަންތަނަށް ބަޔަކު ލައްވަން ރައީސް ނޫޅުއްވާތީއެވެ. ރައީސްގެ ހިކުމަތްތެރި ނިންމެވުމާއެކު ދިވެހި ތާރީހުން ފެނުނު ސިޔާސީ ބަދަލުހިފުމުގެ ވިހަ ވަށްބުރު ނިމުމަކަށް ގެނެވުނީއެވެ. 

ކިޔުންތެރިންގެ ހިޔާލު