ENGLISH

17 ނޮވެމްބަރު 2025

Advertisement

މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވި ރަސްމިއްޔާތުގައި ބޭނުންކުރެއްވި ދެ ގޮނޑިކޮޅު ދިވެހި ސަރުކާރާއި ހަވާލުކުރައްވައިފި

17 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވި ރަސްމިއްޔާތުގައި ބޭނުންކުރެއްވި ދެ ގޮނޑިކޮޅު ދިވެހި ސަރުކާރާއި ހަވާލުކުރެއްވުން --

ދިވެހިރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި 26 ޖުލައި 1965 ގައި ސޮއިކުރެއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެއްވި ބޭފުޅުން އިށީންދެވަޑައިގެން އިންނެވި ދެ ގޮނޑިކޮޅު ދިވެހި ސަރުކާރާ ހަވާލުކުރައްވައިފި އެވެ.

ޚާރިޖީ ވުޒާރާގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައި އިނގިރޭސިވިލާތުގެ ފަރާތުން އެ ގޮނޑިކޮޅުތައް ރަސްމީކޮށް ޙަވާލުކޮށްދެއްވީ އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ނިކޮލަސް ޑޭވިޑް ލޯ އެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން އެ ގޮނޑިކޮޅުތަކާ ޙަވާލުވެވަޑައިގަތީ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޑރ. ޢަބްދުﷲ ޚަލީލް އެވެ. އަދި މި ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރުގެ އަރިހުގައި ދިވެހި ބަހާއި ޘަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު، އާދަމް ނަޞީރު އިބްރާހީމް ވެސްބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވަނީ އެ ގޮނޑިކޮޅުތަކުގެ ރަމްޒީ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އެ ގޮނޑިކޮޅުތަކަކީ ދިވެހިރާއްޖެ މިނިވަން ސިޔާދަތީ ދަޢުލަތެއްގެ ގޮތުގައި އެޅި ފުރަތަމަ ފިޔަވަޅުގެ މުހިންމު ހަނދާނެއް ކަމުގައި ވަޒީރު ވިދާޅުވި އެވެ. އަދި މިފަދަ މާނަފުން ހަދިޔާއަކުން ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ރަޙްމަތްތެރިކަމުގެ ގާތްގުޅުން ދައްކުވައިދޭކަމުގައި ވިދާޅުވެ އިނގިރޭސިވިލާތުގެ ސަރުކާރަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވި އެވެ. 

އިނގިރޭސިވިލާތުގެ ސަފީރު ނިކޮލަސް ލޯ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަންދެއްވި އެވެ. އަދި ދެ ޤައުމުގެ ދެމެދުގައިވާ ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުއްވައި، ތަފާތު އެކި ދާއިރާތަކުން ކުރިއަށްދާ އެއްބާރުލުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައިވެ އެވެ. 

މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިސްވެރިންނާއި، ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަންގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު